ތައުލީމީ ސެޓްފިކެޓް ނެތް މީހުން ރަޖިސްޓްރީ ވާން މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލައިފި އެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ގަވައިދު ތަންފީޒުކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީންނެވެ.
އެއީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމުގެ ގޮތުން ހެދި ގަވައިދެކެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސާ އަހުމަދު ނާސިހު "އަދަދު" އަށް ވިދާޅުވީ ރަޖިސްޓާވާން އެދޭ ފަރާތްތަކުން ޓެސްޓަށް ތައްޔާރުތޯ ބެލާނެ ކަމަށެވެ. އެގޮތުން ޓެސްޓައް ތައްޔާރު ވުމަށް ވާން ޖެހޭ ތައްޔާރީތަކާއި ގުޅޭ މައުލޫމާތުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޓެސްޓަށް ތައްޔާރު ވުމަށް ދުވަސް ކޮޅެއް ދޭނަން. އޭގެ އިންނާނެ ޕްރީއެސެސްމެންޓެއް. އޭގެ ފަހުގަ ދެން އެސެސްމެންޓް ކުރިއަށް ގެންދާނީ," ނާސިހު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެންވެސް ބައިވެރިވެވޭނެ ކަމަށެވެ.
އެއް ރަށެއްގައި މަދު މީހުން ރަޖިސްޓާ ވެފައި ވާނަމަ ކައިރި އެހެން ރަށްރަށުގައި ތިބި ފަރާތްތަކާއެކު ޓެސްޓުގައި ބައިވެރި ވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ ގަވައިދުގެ މަގްސަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން ހުނަރުތައް ހާސިލުވެފައިވާ ކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އެގޮތުން ގައުމުގެ އިގްތިސޯދު ބާރަށް ހިންގުމުގެ ގޮތުން ފަންނީ ހުނަރުވެރި މަސައްކަތުގެ ދާއިރާއަކުން ސަނަދު ލިބިފައިވާ ދިވެހީން ވަޒީފާގެ ބާޒާރަށް އިތުރުކުރުމުގެ މަގްސަދުގައި ފެށި ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.











