މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ގިނަ މަޝްރޫތަކެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށް ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވިދާޅުވީ މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އޮކްޓޫބަރު މަހު އުފައްދަން ނިންމާފައިވާ ކުންފުންޏަކީ، އެ މަސައްކަތުގައި އަޅާ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކަށް އަމިއްލައަށް ފައިސާ ހޯދައިގެން އެކިއެކި ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދެވެ އެވެ. އެގޮތުން ކުންފުނި ހެދުމުގެ ބާރު ވެސް ކައުންސިލްތަކަށް ގާނޫނުން ވަނީ ދީފަ އެވެ. އެކަމަކު މުއިއްޒު ވިދާޅުވީ، މިކަމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލް އޮތީ އެކަމުގައި އެއްވެސް ވަރަކަށް ބަޖެޓަށް ބަރޯސާވާ ވިސްނުމުގައި ނޫން ކަމަށާއި އެކަމަކު ކައުންސިލަކަށް ވާތީ އެކަން ކުރުމަށް ޕޮލިސީ ލެވަލްގައި އެޕްރޫވަލްއެއް އަންނަން ޖެހޭ ކަމަށެވެ.


މާލޭގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ބޯހިޔާވަހިކަމަށް ވަކި ކުންފުންޏެއް އުފައްދަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
މުއިއްޒު ވިދާޅުވީ އެ ކުންފުނި އުފެއްދުމަށްޓަކައި ވަރަށް އަވަހަށް ފައިނޭޝިއަލް ކޮންސަލްޓަންޓެއް ސިޓީ ކައުންސިލަށް ނަގާނެ ކަމަށެވެ. އެ ކުންފުނި ހިންގާނީ އަމިއްލައަށް ފައިނޭންސް ހޯދައިގެންނާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިކަމުގެ ފައިދާ ސަރުކާރަށާއި ރައްޔިތުންނަށް ވާނެ ގޮތަށް މަސައްކަތް ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސްއާ ބައްދަލު ކުރެއްވި ދުވަހު ވެސް ކައުންސިލުން ހައުސިން ޕްރޮޖެކްޓްތަކެއް ހިންގުމުގެ ފުރުސަތު ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް ރަސްމީކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އަދި ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ފްލެޓް އަޅަން ވަކި ކުންފުންޏެއް އުފައްދާއިރު، މިހާރު ވެސް މާލޭގައި ފްލެޓް އެޅޭނެ ބިންތައް އެބަހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ރަނގަޅަށް ޕްލޭން ކޮށްފިއްޔާ ތޮއް ނުޖެހޭ ގޮތަށް ރީތި ޕާކްތައް ވެސް ހަދައިފައި ހަމަ އޯޕަން ސްޕޭސް ހިމެނޭގޮތަށް ރީތި ޑިޒައިން ހަދައިގެން ހައުސިން ޕްރޮޖެކްޓްސް ހިންގޭނެ ޖާގަ އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.













