މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުނު ފަހުން ކޮވިޑް-19 އަށް ޕޮޒިޓީވްވެގެން މުބާރާތް ގެއްލުނު ޕޯޗުގީސް ފުލްބެކް ޔާއޯ ކަންސޭލޯ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ޔޫރޯގައި ޕޯޗުގަލް ކުޅެން އޮތް ފުރަތަމަ މެޗު ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް މި މަހު 13 ވަނަ ދުވަހު ކަންސޭލޯ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ ބަދަލުގައި ޕޯޗުގަލް އިން ޓީމުގައި ހިމެނީ ޑިއޯގޯ ޑަލޮޓް އެވެ.
ކަންސޭލޯ މިއަދު ހެނދުނު ރާއްޖެ އައިސްފައިވާއިރު، "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވަނީ ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ މަޝްހޫރު ރިސޯޓް، ސޮނޭވާ ޖާނީގަ އެވެ. ދާދި ފަހުން ޕޯޗުގީސް ފުލްބެކް ސެޑްރިކް ސޮއާރޭސް ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އޭނާ އަށް މި ފަހަރު ޔޫރޯ ސްކޮޑުން ފުރުސަތެއް ނުލިބެ އެވެ.
އުުމުރުން 27 އަަހަރުގެ ކަންސޭލޯ ވަނީ ޔޫރޯ އަށް ތައްޔާރުވާން ޕޯޗުގަލް އިން ކުޅުނު ފަހު މެޗުގައި އިޒްރޭލާ ދެކޮޅަށް ކުޅެ ލަނޑު ވެސް ޖަހައިފަ އެވެ. މި ފަހަރުގެ ޔޫރޯ އިން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކެޓީ ދެ ވަނަ ބުރުގައި ބެލްޖިއަމް އަތުން ބަލިވުމުންނެވެ.
ޕޯޗުގަލްގެ މަޝްހޫރު ބެންފީކާ އެކެޑަމީން އެ ކްލަބްގެ ސީނިއާ ޓީމަށް ޕްރޮމޯޓްވި ކަންސޭލޯ ދެން ބަދަލުވީ 2015 ވަނަ އަހަރު ސްޕެއިންގެ ވެލެންސިއާ އަށެވެ. އޭގެ ފަހުން ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށް ވެސް ކުޅުނު ކަންސެލޯ ވަނީ 2018 ވަނަ އަހަރު ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ.
އޭނާ މިހާރު ކުޅެމުން އަންނަ މެންޗެސްޓާ ސިޓީ އަށް ގެނައީ 2019 ވަނަ އަހަރު އެވެ. އޭނާގެ ސޮއި ހޯދަން ސިޓީން ވަނީ 35 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. ކަންސޭލޯ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިއެކެވެ.
ޕޯޗުގަލްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުނު ކަންސެލޯ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމަށް ކުޅުނު 27 މެޗުގައި ވަނީ ފަސް ގޯލު ޖަހައިފަ އެވެ.












