ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެ އަންނަ ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނު ވާން ޖެހޭ ގޮތަށް ކަނޑައަޅައިފި އެވެ.
އެޗްޕީއޭއިން ވަނީ ޖުލައި 7ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އެތެރެވާން ހުއްދަ ދީފަ އެވެ. މެއި މަހުގެ ތެރޭގައި މި ގައުމުތަކުން ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކުރީ މި ސަރަހައްދުގެ ގައުމުތަކުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރޭތީ އެވެ.
އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ބުނި ގޮތުގައި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވެވޭނީ އެންމެނަށް އޮންނަ އުސޫލުގެ ތެރެއިން 92 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށައަޅައިގެންނެވެ. އަދި ރާއްޖެ އައުމަށްފަހު 48 - 72 ގަޑިއިރުގެ ތެރޭގައި އިތުރު ޕީސީއާރް ޓެސްޓެއް ހަދަން ޖެހެ އެވެ.
ރާއްޖެ އަންނަ ހުރިހާ ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނު ވާން ޖެހުނު ނަމަވެސް އަދި މިހާތަނަށް ކަރަންޓީނު ވާން ޖެހޭ ފެސިލިޓީ އާއި ކަރަންޓީނު ހަރަދުތަކާ ގުޅޭ ކަންކަމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ، މިހާރު ކުރެވެމުންދަނީ އެކަންކަން ފައިނަލައިޒް ކުރުމުގެ މަޝްވަރާތައް ކަަމަށެވެ. އަދި ކަރަންޓީނު ހަރަދުތައް ކުރާނީ ސަރުކާރުންތޯ ނުވަތަ ވޯކް ޕާމިޓް ހޯލްޑަރުންތޯ ނުނިންމާ ކަމަށް ވިދާޅުވި އެވެ.

ކަރަންޓީނު ހަރަދާ މެދު ގޮތެއް ނުނިމުނު ނަމަވެސް މިކޮޅަށް އައިސް ހަދަން ޖެހޭ ޕީސީއާރް ޓެސްޓަށް ހަރަދުކުރަނީ ދިވެހި ސަރުކާރުންނެވެ. އެއީ މިހާރު ވެސް އޮންނަ އުސޫލުގެ ތެރެއިން ސަވައިލެންސް ސާމްޕަލެއްގެ ގޮތުގަ އެވެ.
އެޗްޕީއޭއިން ބުނީ މިހާރު ކުރިޔަށްދާ މަޝްވަރާތައް ނިމުމުން ކަރަންޓީނު ވާން ޖެހޭ މީހުންނާ ގުޅިގެން އެޗްޕީއޭއިން އަމަލުކުރާނެ ގޮތުގެ ތަފްސީލުތައް ހިއްސާކުރާނެ ކަމަށެވެ.













