ރިޕޯޓުއަފީފް: މީހުން މޯޓިވޭޓްކުރުމުގައި އެންމެ ކުރީ ސަފުގައި

އަފީފް: މީހުން މޯޓިވޭޓްކުރުމުގައި އެންމެ ކުރީ ސަފުގައި

ކާމިޔާބީގެ އެހެން ސިއްރެއް ވެސް އޭނާ ބުނެދިނެވެ. އެއީ އެހެން މީހުންނަށް ކޮށްދެވޭ ކަންކަމުން އުފާވެރިކަން އޭނާ އަށް އިހުސާސްވުމެވެ. އަފީފް ވިދާޅުވާގޮތުގައި އޭނާ ކުރާ ކަމެއްގެ ސަބަބުން އެހެން މީހުންނަށް ރަނގަޅު ގޮތެއްވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެވެ.

ހުސައިން އަފީފް ތަގުރީރު ކުރައްވަނީ: އަފީފަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ.
ހުސައިން އަފީފް ތަގުރީރު ކުރައްވަނީ: އަފީފަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ.

މީހުން މޯޓިވޭޓްކުރުމަކީ އޭނާގެ ޝައުގުވެރިކަމާ ގުޅިފައިވާ ކަމެކެވެ. މީހުންނަށް މަގުދައްކައިދިނުމަކީ އޭނާގެ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. މަސައްކަތުގެ ފެންވަރު ރަނގަޅުކުރުވުމަކީ އޭނާގެ ވަޒީފާއާ ގުޅިފައިވާ ކަމެކެވެ. އެއީ މޮރިޝަސްގެ ލަޒްގަރީ ހޮޓެލް ޗެއިނެއް ކަމަށްވާ ލަކްސްގެ ރީޖަނަލް ޑިރެކްޓާ އޮފް އެޗްއާރް އެންޑް ޓްރެއިނިންގެ މަގާމުގައި ހުންނެވި، ފަހުރުވެރި ދިވެއްސެއް ކަމަށްވާ ހުސެއިން އަފީފެވެ. ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ ޕްރޮފެޝަނަލުންގެ ޖަމިއްޔާ (މާޕް) ގެ މުއައްސިސް އަދި ރައީސްގެ މަގާމު ވެސް އަދާކުރައްވާ އަފީފަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ އެވެ. އޭނާ ވަނީ، މަސައްކަތުގެ ދާއިރާ އާއި ޒާތީ ދިރިއުޅުމުގައި މީހުން ކުރިއަރައިދިއުމަށް ހިތްވަރު ލިބޭ އެތައް ތަގުރީރުތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދީފަ އެވެ.

އެކަމަކު މިއަދު ހުރި ހިސާބަށް އޭނާ އައީ ވަރަށް ހިތްވަރުންނެވެ. ފަހަރުގައި މީހުންނަށް ހިތްވަރުދިނުމުގެ ޝައުގާއި ހުނަރު އޭނާގެ ކިބައިގައި އަށަގަތީ، އަމިއްލަ ހަޔާތުން ކަމަށް ވެދާނެ އެވެ. އައްޑޫ ސިޓީގެ ހިތަދޫ އަށް އުފަން އަފީފް، 39، ގްރޭޑް ދިހައެއް ނިންމާލުމަށް ފަހު އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ އައްޑޫ ސަދަން ސެކަންޑްރީ ސްކޫލުގެ ލައިބްރަރީގަ އެވެ. އޭނާގެ ވަޒީފާ އަކީ ފޮތްތަކުން ހިރަފުސް ފޮޅުމާއި ފޮތްތައް އަތުރައި ތަރުތީބުކުރުމެވެ. އަފީފް ބުނި ގޮތުގައި މީހުންނަށް ހިދުމަތްކުރުމުގެ ރޫހު އަށަގަތީ އެ ހިސާބުންނެވެ.

އެ ވަޒީފާގައި ހަ މަސް ދުވަހު އުޅުމަށް އޭނާ ދެން މިސްރާބު ޖެހީ އޭ ލެވެލް ހެދުމަށް މާލެ އަށެވެ. ސީއެޗްއެސްއީގައި ކިޔަވަމުން، އެމްއީއެސްގެ ނައިޓްކްލާސްތަކުގައި ކިޔަވައިދިނެވެ. އެކައުންޓާއި ކޮމާސް އޭނާ ކިޔަވައިދިން ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމުން، އެ މަސައްކަތަށް އޭނާ އިތުރަށް ޝައުގުވެރިވި އެވެ. އެކަމަކު ވަޒީފާގެ ގޮތުން އޭނާ ގެންދިޔައީ އެހެން ދިމާލަކަށެވެ. މިއަދު އޭނާ އެ ދާއިރާއެއްގައި ހާއްސަވެފައިވާ ޓޫރިޒަމް ދާއިރާ އަށެވެ. ބަނޑޮސް މާލޭ އޮފީހުގެ އެޑްމިންއެއްގެ ވަޒީފާ އަދާކުރަމުން ދިޔައިރު، މީހުންނަށް އޭނާ ހިދުމަތްކުރުމުގެ ރޫހު އިތުރަށް އަށަގަތެވެ.

Advertisement

"މިސާލަކަށް މީހަކު ރިސޯޓުން ފޮނުވަފާނެ ކާށި ބަސްތާއެއް. އެ ގެންގޮސް އެ މުވައްޒަފު މީހާގެ ގެއަށް ޑެލިވާ ކޮށްލުމުން އެ މީހާގެ ފަރާތުން އެ ލިބޭ ޝުކުރާއި އަދި އެ މީހާއަށް ފީލްވާ ގޮތް އެ އިހުތިރާމު ވަރަށް ބޮޑަށް ކްރިއޭޓް ވެގެންދިޔަ. އެ ހިސާބުން އެނގުނީ މީހުންނަށް ހިދުމަތް ކުރުމަށް ވުރެ ވަކި ރަނގަޅު ނުވަތަ މޮޅު ކަމެއް ނެތްކަން،" 2002 ވަނަ އަހަރުގެ ހަނދާންތައް އަފީފް އާ ކުރެއްވި އެވެ.

އަފީފް ގިނަ ބަޔަކާ މުހާތަބު ކުރަނީ: އަފީފަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ--
އަފީފް ގިނަ ބަޔަކާ މުހާތަބު ކުރަނީ: އަފީފަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ--

އަފީފް ގިނަ ބަޔަކާ މުހާތަބު ކުރަނީ: އަފީފަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކާ--

އެކަމަކު ހިދުމަތަށް ރަނގަޅަށް ނުކުތުމުގެ ކުރިން، އެކަށޭނެ ތައުލީމެއް ހޯދަން ޖެހޭ ކަމަށް އަފީފަށް ގަބޫލުކުރެއްވުނެވެ. އެހެންވެ ދެން ދިޔައީ އެ ދިމާލަށެވެ. އެގޮތުން މެލޭޝިއާ އިން ހޮސްޕިޓާލިޓީ މެނޭޖަމަންޓުން ބެޗްލާސް ޑިގްރީއެއް ހާސިލްކުރެއްވި އެވެ. އަދި ޝަރަފްވެރި ލަންޑަން ސްކޫލް އޮފް ބިޒްނަސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީއެއް ނެންގެވި އެވެ. އެ ހިސާބުން ވެސް ނިންމަވާލެއްވީކީ ނޫނެވެ. އެމެރިކާގެ ހާވާޑް ބިޒްނަސް ސްކޫލުން އެގްޒެކެޓިވް އެޑިއުކޭޝަންގެ ތިން ޕްރޮގްރާމެއް ވެސް ފުރިހަމަކުރެއްވި އެވެ.

ތައުލީމު ހާސިލު ކުރުމަށް ފަހު ރަސްމީކޮށް ވަޒީފާގެ ގޮތުގައި ޓޫރިޒަމު ދާއިރާއަށް އަފީފް ނުކުތީ 2006 ވަނަ އަހަރު ވަން އެންޑް އޮންލީ ރީތިރަށަށެވެ. އެސިސްޓެންޓް ޓްރެއިނީ މެނޭޖާގެ ވަޒީފާގައި ރީތި ރަށުގެ އިތުރުން ވަން އެންޑް އޮންލީގެ އެހެން ބްރޭންޑެއް ކަމަށްވާ އެޓްލާންޓިސް ދުބާއީގައި ވެސް ގިނަ އަހަރުތަކެއް ވަންދެން އޭނާ މަސައްކަތް ކުރި އެވެ.

އެއަށް ފަހު 2012 ވަނަ އަހަރު ލަކްސްއާ ގުޅުނެވެ. މިހާރު އެއީ އެ ބޮޑު ބްރޭންޑްގެ ސަރަހައްދީ އިސްވެރިއެކެވެ. ރާއްޖެއާއި މޮރިޝަސް ހިމެނޭގޮތަށް އަފީފްގެ ދަށުގައި ހާހެއްހާ މުވައްޒަފުން ތިބެ އެވެ. އެ އެންމެންގެ ހިއުމަން ރިސޯސް ކަންކަން ބެލެހެއްޓުމަކީ އަފީފްގެ ޒިންމާ އެވެ. އޭގެ ތެރޭގައި ތަމްރީނާއި ތައުލީމް ދިނުމުގެ އިތުރުން ހިދުމަތްދޭ ގޮތް މުރާޖައާ ކުރުން ހިމެނެ އެވެ.

ކާމިޔާބީގެ ސިއްރަކީ ހިދުމަތް ކުރުމުގެ ރޫހު!

އައްޑޫ މެދުފަންތީގެ މަސްވެރި އާއިލާއަކަށް އުފަންވި އަފީފް މިއަދު އެހުރި ހިސާބަށް އައުމުގެ ސިއްރަކީ އޭނާ ވިދާޅުވި ގޮތުގައި ހިދުމަތް ކުރުމުގެ ރޫހެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ވަޒީފާއެއް ލިބުނަސް އެ ވަޒީފާ އެއީ އެންމެ ރަނގަޅު ވަޒީފާ ކަމަށް ބަލައިގެން މަސައްކަތް ކުރަން ޖެހެ އެވެ. އޭނާ ލައިބްރޭރިއަންއަކަށް ހުރިއިރު ފޮތްތައް ފޮޅާ ސާފު ކުރީ އެވެ. ހޮޓެލް އިންޑަސްޓްރީގައި އެންމެ ފުރަތަމަ އިންޓާންޝިޕް ހެދިއިރުގައި ބަދިގޭގައި މަސައްކަތްކޮށް ތަށިތައް ދޮވުނީ އެވެ. މިހާރު ސީނިއާ ވަޒީފާއެއްގައި ހުންނައިރެކޭ ވަކި ތަފާތެއް ނެތެވެ.

"ކާމިޔާބީގެ ސިއްރަކީ ތަމްރީނާއި ތައުލީމަށް ދޭ އިސްކަން ވެސް މެ. އަބަދުވެސް މިއުޅެނީ ކޮންމެވެސް ތަމްރީނެއް ނުވަތަ ކަމެއް ދަސް ކުރުމުގެ ތެރޭގައި،" އަފީފް ވިދާޅުވި އެވެ.

އޭނާ ކޮންމެ މަހެއްގެ މުސާރައިން ވެސް އަމިއްލަ ކުރިއެރުމަށް އިންވެސްޓްކުރެ އެވެ. ހާވާޑް ޔުނިވާސިޓީން ބޮޑު ފީ އެއް ދައްކައިގެން ހެދި ދެ ޕްރޮގްރާމަކީ އޭނާ އަމިއްލައަށް ހަރަދު ކޮށްގެން ކުރި ކަމެކެވެ.

އަފީފް: އެހެން މީހުން މޯޓިވޭޓް ކުރުމަކީ އޭނާގެ އުފަލެއް ކަމަށް ދެކޭ--
އަފީފް: އެހެން މީހުން މޯޓިވޭޓް ކުރުމަކީ އޭނާގެ އުފަލެއް ކަމަށް ދެކޭ--

އަފީފް: އެހެން މީހުން މޯޓިވޭޓް ކުރުމަކީ އޭނާގެ އުފަލެއް ކަމަށް ދެކޭ--

އެ ތަމްރީންތަކާ އެކު އޭނާ ކާމިޔާބު މީހަކަށްވި އަނެއް ސަބަބަކީ، ކުޑައިރުއްސުރެ އޭނާގެ ކިބައިގައި ހުންނަ ލީޑާޝިޕް ހުނަރުތަކެވެ. ސްކޫލް ދައުރުގައި ކެޑޭޓްގައި އުޅުނުއިރު ވެސް އޭނާއަށް އެންމެ ރަނގަޅަށް ދަސްވި އެއްކަމަކީ ލީޑާޝިޕެވެ.

ކާމިޔާބީގެ އެހެން ސިއްރެއް ވެސް އޭނާ ބުނެދިނެވެ. އެއީ އެހެން މީހުންނަށް ކޮށްދެވޭ ކަންކަމުން އުފާވެރިކަން އޭނާ އަށް އިހުސާސްވުމެވެ. އަފީފް ވިދާޅުވާގޮތުގައި އޭނާ ކުރާ ކަމެއްގެ ސަބަބުން އެހެން މީހުންނަށް ރަނގަޅު ގޮތެއްވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެވެ. ތަމުރީނުތައް ދިނުމަށް އޭނާ ލޯބި ކުރާ މައިގަނޑު ސަބަބަކީ އެއީ އެވެ.

"ރާއްޖޭގެ ރިސޯޓްތަކުގައި އުޅޭނެ ސީދާ ޑައިރެކްޓްލީ އަފީފްގެ ގައިޑެންސާއެކު ޑިވެލޮޕް ވެގެން ގޮސްފައި ތިބި މީހުން. ވަރަށް އުފާވޭ އެ މީހުން އެކަހަލަ ވަޒީފާތަކުގައި ތިބޭތަން ފެނުމުން،" އަފީފް ވިދާޅުވި އެވެ.

އެއީ ލިބޭ މުސާރަ އަށް ވުރެ ވެސް އޭނާ އަށް ހިތްހަމަޖެހުން ގެނެސްދޭ ކަންކަމެވެ. ޓޫރިޒަމް އިންޑަސްޓްރީގައި ކަންކަން އެނގޭ މީހުންނާއި ތަޖުރިބާ ހުރި މީހުން ގިނަ އެވެ. ނަމަވެސް މީހުންނަށް އެކަންކަން ބުނެދޭނެ މީހުން މަދެވެ. މީހުންނަށް ތަމްރީން ދޭން އަފީފް ފެށީ އެ ހިސާބުންނެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ޓްރެއިނިންތައް ދީފަ އެވެ. މަސައްކަތްތަކަށް މީހުން މޯޓިވޭޓް ކުރުމުގެ ގޮތުން 50 އަށް ވުރެ ގިނަ ގައުމުގައި އަފީފް ވަނީ ތަގުރީރު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި 3،000 މީހުންގެ އޯޑިއަންސްތައް ވެސް ހިމެނެ އެވެ.

"މިހުރިހާ ކަމެއް ވެސް މިކުރެވެނީ އެކަން ކުރަން ހިތްވާވަރުން. ވަރަށް ގިނަ ގައުމުތަކުގައި ވާހަކަ ދެކެވިފައި ހުރީމައި މިހާރު ވަރަށް ފަސޭހަ އޮޕަޗިއުނިޓީސް ހޯދަން ވެސް،" އަފީފް ވިދާޅުވި އެވެ.

އޮފް ދުވަހު ޖަމިއްޔާ ހިންގުމުގައި!

އެޗްއާރް ޕްރޮފެޝަނަލުންގެ ޖަމިއްޔާއަކީ 2018 ވަނަ އަހަރު އަފީފާއި އޭނާގެ ދެ އެކުވެރިންގެ އިސް ނަގައިގެން އުފެއްދި ޖަމިއްޔާއެކެވެ. އެތަނުގެ ރައީސްކަން ދެ ވަނަ ދައުރަކަށް ކުރައްވާއިރު އެއީ އޭނާ ވަރަށް އިސްކަން ދޭ މަސައްކަތެކެވެ. އޭގެ ހެއްކަކީ އޭނާ އަށް ޗުއްޓީ ލިބޭ ދުވަހު އެ މަސައްކަތަށް ހާއްސަވުމެވެ.

"ކޮންމެ ސަންޑޭއެއް މި ހާއްސަ ކުރަނީ މާލޭގައި ހުރެގެން އެޗްއާރް އެސޯސިއޭޝަންގެ މަސައްކަތް ކުރަން. މިދިޔަ 2019 ވަނަ އަހަރު ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު ފަހެއް ޖަހައިރު ހޭލައިގެން ހައެއް ޖަހާއިރު އިންނަ ސީޕްލޭނަކަށް އަރައިގެން ގޮސް މާލޭގައި މަސައްކަތް ކުރަނީ. އަދި އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އަނބުރާ ރިސޯޓަށް ދަން،" އަފީފް ކިޔައިދެއްވި އެވެ.

މޯޓިވޭޝަން ސްޕީކާ އަފީފް: މިހާރު ވިސްނުން ހުރީ ގިނަ ބަޔަކަށް ހިދުމަތް ދޭ ހުސްވާން--
މޯޓިވޭޝަން ސްޕީކާ އަފީފް: މިހާރު ވިސްނުން ހުރީ ގިނަ ބަޔަކަށް ހިދުމަތް ދޭ ހުސްވާން--

މޯޓިވޭޝަން ސްޕީކާ އަފީފް: މިހާރު ވިސްނުން ހުރީ ގިނަ ބަޔަކަށް ހިދުމަތް ދޭ ހުސްވާން--

ރަޖިސްޓްރީގައި 380 މެމްބަރުން ތިބި އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ މީހުން މޯޓިވޭޓް ކުރުމާއި އެހެން ގައުމުތަކުގައި ހިނގާ ކަންކަން މުވައްޒަފުންނާއި ހަމައަށް ގެނެސް ދިނުމެވެ. އެއީ އެކިއެކި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިންނާއި ބޭރުގެ ތަޖުރިބާކާރުން މެދުވެރިކޮށެވެ. އޭގެ އިތުރުން ހިއުމަން ރިސޯސްގެ ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަކީ ވެސް އެ ޖަމިއްޔާގެ އެއް މަސައްކަތެވެ.

އަފީފްގެ މިހާރުގެ އަމާޒަކީ ޕީއެޗްޑީ ހާސިލްކުރެއްވުމެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑޮކްޓާ އޮފް ފިލޯސަފީ ހާސިލްކުރެއްވުމުގެ މަސައްކަތާ އެކު ދެން އޭނާ ކުރައްވާ ކަމަކީ ލީޑާޝިޕްގެ ދާއިރާއިން ފޮތެއް ލިޔުއްވުމެވެ. އެއަށް ފަހު އަފީފް ބޭނުން ވަނީ ގިނަ ބަޔަކަށް ހިދުމަތް ކުރެވޭނެ ގޮތަށް މަސައްކަތުގެ ދާއިރާ ބަދަލުކޮށްލުމަށެވެ. އެގޮތުން ދެން އޭނާ ހުސްވާނީ ކޮންސަލްޓޭޝަން ދިނުމަށާއި މޯޓިވޭޝަނަލް ސްޕީކާއެއްގެ މަސައްކަތަށެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox