ބުކަރެސްޓް، ރުމޭނިއާ (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން ފްރާންސް 5-4 އިން ބަލިކޮށް ސްވިޒަލެންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، މެޗު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ދެ ޓީމުން ފޮނުވާލި 10 ޕެނަލްޓީގެ ތެރެއިން ބޭކާރުވީ ކީލިއަން އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ. މި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ.
އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް ކުޅޭނީ މިރޭ ކްރޮއޭޝިއާ ބަލިކުރި ސްޕެއިނާ ދެކޮޅަށެވެ. މިއީ 67 އަހަރު ތެރޭ ސްވިޒަލެންޑުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކުއާޓާ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

ސްވިޒަލެންޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ފްރާންސް އިން މި މެޗަށް ނުކުތްއިރު އަނިޔާގެ މައްސަލައިގެ ސަބަބުން އެ ޓީމުގެ ފޯމޭޝަނަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. ތިން ޑިފެންޑަރުންނާ އެކު ދެ ފުލްބެކުން ލައިގެން ފްރާންސް އިން މެޗު ފެށިއިރު، ވާތް ފަޅިން ފުލްބެކަކަށް ކުޅުނީ އާންމު ގޮތެއްގައި މެދުތެރެއަށް ކުޅޭ އޭޑްރިއަން ރަބިއޯ އެވެ.
ރުމޭނިއާގެ ނެޝަނަލް އެރީނާގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ސްވިޒަލެންޑުން ވަނީ މެޗުގެ 15 މިނިޓްގައި ހަރިސް ސެފެރޮވިޗް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ސްޓީވަން ޒުބެއާ އަރިމަތިން ނަގައިދިން ހުރަހަކުން ސެފެރޮވިޗް މި ގޯލު ޖެހީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޒުބެއާ ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ތުރުކީ އަތުން ސްވިޒަލެންޑް މޮޅުވި މެޗުގައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފްރާންސާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ސްވިޒަލެންޑުން ލީޑުނެގި ފުރަތަމަ ފަހަރެވެ. މި ގޯލު ޖެހި ސެފެރޮވިޗަކީ ޔޫރޯގައި ޖެހިޖެހިގެން ދެ މެޗުގައި ގޯލު ޖެހި ސްވިޒަލެންޑްގެ ދެ ވަަނަަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2008 ވަަނަ އަހަރުގެ ޔޫރޯގައި ޖެހިޖެހިގެން ދެ މެޗުގައި ގޯލު ޖެހި ހަަކަން ޔަކިން އަތުގަ އެވެ.

ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑްގެ ސެފެރޮވިޗް އާއި ކެޕްޓަން ގްރޭނިޓް ޝާކާ އުފާފާޅުކުރަނީ.
ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ފްރާންސް އިން ގިނަ އެޓޭކްތަކެއް ކުރި އެވެ. ރަބިއޯ އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅަ ދަނޑިކައިރިން ދިޔައިރު، ކަރިމް ބެންޒެމާ އާއި ކީލިއަން އެމްބާޕޭ އަދި އެންޓޮއިން ގްރީޒްމަން އަށް ފުރަތަމަ ހާފު ލިބުނު ބޯޅަތަކުގައި ރަނގަޅު ވަގުތު ބޭނުންނުހިފި ފުރުސަތުތުތައް ގެއްލުނީ އެވެ.
ފްރާންސް އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލެއް ގެނެސްގެންނެވެ. ފަހަތަށް ކުޅެމުންދިޔަ ކްލެމެންޓް ލޯންގްލޭގެ ބަދަލުގައި ވިންގަށް ކުޅޭ ކިންގްސްލީ ކޯމަން އަރުވައިގެންނެވެ. މި ބަދަލާ އެކު ފްރާންސް ވަނީ އެ ޓީމުން އާންމުކޮށް ކުޅޭ ފޯމޭޝަނަށް ބަދަލުކޮށްލައިފަ އެވެ. އެއީ ފަހަތަށް ހަތަރު ޑިފެންޑަރުންނާ އެކު އެވެ.
މެޗުގެ 53 ވަނަ މިނިޓްގައި ސްވިޒަލެންޑުން ދެ ވަނަ ލަނޑެއް ޖަަހަން ލިބުނު ރަނުގެ ފުރުސަތު ނަގާލި އެވެ. ޕެނަލްޓީ އަކުން ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ފްރާންސްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ގޯލްކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ. މިއީ ޒުބެއާ އަށް ފްރާންސްގެ ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗުގެ ރެފްރީ އާޖެންޓީނާގެ ފެނާންޑޯ ރަަޕަލީނީ މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

ފްރާންސްގެ ބެންޒެމާ (ވ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސްވިޒަލެންޑުން މި ރަނުގެ ފުރުސަތު ނަގާލިތާ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި ފްރާންސް އިން ނަތީޖާ އަނބުރާލި އެވެ. ދެ ގޯލު ވެސް ޖެހީ ބެންޒެމާ އެވެ. ފުރަތަމަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުންނެވެ. އަދި އޭގެ ދެ މިނިޓް ފަހުން ގްރީޒްމަން ޖެހި ބޯޅައެއް ސްވިޒަލެންޑް ގޯލްކީޕަރު ސޮމާ އަތުގައި ޖެހިފައި ލިބުމުން ބެންޒެމާ ވަނީ އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފްރާންސްގެ ތިން ވަަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ އެވެ. އޭރިއާބޭރުން ޕޮގްބާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން ސްވިޒަލެންޑްގެ ކީޕަރު ސޮމާ އަށް ކުރެވޭނެ ކަމެއް ނެތެވެ. ޕޮގްބާ އެންމެ ފަހުން ގައުމީ ޓީމަށް ޖަހައިދިން ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ކާމިޔާބުކުރީ އޭރިއާ ބޭރުންނެވެ.
ބަދަލުތަކެއް ގެެނެސްގެން ސްވިޒަލެންޑުން ހިތްވަރު އެލުވާނުލައި ރަނގަޅަށް ކުޅުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން އެމްބާބޫ ނަގައިދިން ހުރަހަކުން މެޗުގެ 81 ވަަނަ މިނިޓްގައި ސެފެރޮވިޗް ވަނީ ސްވިޒަލެންޑަށް ދެ ވަނަ ގޯލެއް ޖަަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ.
އޭގެ ދެ މިނިޓް ފަހުން މާރިއޯ ގަވްރަނޯވިޗް ވަނީ ގޯލެއް ޖަހައި ސްވިޒަލެންޑަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ. އެކަމަކު އެ ހިސާބުން ވެސް ސްވިޒަލެންޑްގެ މަސައްކަތަށް ބަދަލެއް ނާދެ އެވެ. ނަތީޖާ އަކަށްވީ މެޗުގެ 89 ވަަނަ މިނިޓްގައި ގަވްރަނޮވިޗް ގޯލެއް ޖަހައި ސްވިޒަލެންޑަށް އެއްވަރުކޮށްދިނުމެވެ. ފްރާންސްގެ ކިމްޕެމްބޭ ކައިރިން ނައްޓާފައި ގަވްރަނޮވިޗް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ފްރާންސް މޮޅުކޮށްދޭން އިތުރު ވަގުުތުގެ ފަހު މިނިޓްގައި ކޯމަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ފްރާންސްގެ ޕަވާޑް ޖެހި ބޯޅައެއް ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ފަހު ވަގުތު އޮލިވިއޭ ޖިރޫ ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު ސޮމާ ވަނީ ސަލާމަތްކޮށްފަ އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސްވިޒަލެންޑްގެ ގަވްރަނޮވިޗާއި ފަބިއަން ޝެއާ، މެނުއަލް އަކަންޖީ، ރުބެން ވާގަސް އަދި އެޑްމީރް މެހެމެދީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ޕޮގްބާ، ޖިރޫޑް، މާކަސް ތުރާމް އަދި ކިމްޕެމްބޭ ވަނީ ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު ފަހު ޕެނަލްޓީ އެމްބާޕޭ އަތުން ބޭކާރުވެ، ފްރާންސް ކެޓީ އެވެ.

އެމްބާޕޭގެ ޕެނަލްޓީ ކީޕަރު ސޮމާ މަތަކުރަނީ.
މިރޭގެ ނަތީޖާއާ އެކު ސްވިޒަލެންޑް އެންމެ ފަހުން ވާދަކުރި ހަތަރު މުބާރާތުގެ ތެރެއިން ފުރަތަމަ ފަހަރަށް މުބާރާތެއްގެ ދެ ވަނަ ބުރު ފަހަނައަޅައި ކުރިއަށް ފިޔަވަޅެއް އެޅީ އެވެ. އާޖެންޓީނާ އަތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ކެޓިއިރު، ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ދެ ވަނަ ބުރުގައި ޕޮލެންޑް އަތުން ޕެނަލްޓީ ޖަހައިގެން ވީ ބައްޔެެވެ.
އަދި މީގެ ތިން އަހަރު ކުރިން ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ދެ ވަަނަ ބުރުން ސްވިޒަލެންޑް ކެޓީ ސްވިޑަން އަތުންނެވެ. މިރޭ ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު، މިއީ 1992 ވަނަ އަހަރަށް ފަހު ފްރާންސް އަތުން ސްވިޒަލެންޑަށް ލިބުނު ފުރަަތަމަ މޮޅެވެ.












