ބުކަރެސްޓް، ރުމޭނިއާ (ޖޫން 28) - ދުނިޔޭގެ ޗެމްޕިއަން ފްރާންސް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް މެޗުތަކާ ކުރިމަތިލިއިރު، އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް މި ވަގުތު އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ފުލުފުލުގައި ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކެވެ.
ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ހަންގޭރީއާ ދެކޮޅަށް ކަކުލަށް އަނިޔާވެގެން ފްރާންސްގެ އޮސްމާން ޑެމްބެލޭ އަށް ވަނީ މި ފަހަރުގެ ޔޫރޯ ނިމިފަ އެެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސްގެ ދެ ވާތު ބެކުން ކަމަށްވާ ލޫކަސް ހެނާންޑޭޒް އާއި ލޫކަ ޑީންގެ ކަކުލަށް ވެސް ވަނީ އަނިޔާވެފަ އެވެ. މިރޭ މި ދެ ކުޅުންތެރިންނަށް ވެސް ކުޅެވުމުގެ ފުރުސަތު ކުޑައިރު، ފްރާންސް އިން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ތޯމަސް ލެމާ އާއި މާކަސް ތުރާމަށް ވަނީ އަނިޔާވެފަ އެވެ.
އެ މަގާމުތަކަށް ބަދަލުގައި ބޭނުންކުރަން ޑެޝޯމްޕްސް ވިސްނާ އެއް ކުޅުންތެރިއަކީ އޭޑްރިއަން ރަބިއޯ އެވެ. އެކަމަކު އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެގެން ވަނީ ފިޓްނަސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ޑެޝޯމްޕްސް (ކ) ހަންގޭރީ މެޗުގެ ތެރެއިން ޑެމްބެލޭ އަށް އަނިޔާވުމުން އޭނާގެ ހާލު ބަލަނީ.
"އަނިޔާގެ މައްސަަލަ އެބަހުރި. ބޮޑު މުބާރާތަކަށް ސްކޮޑެއް ނަގާއިރު މި ކަހަލަ ހާލަތްތަކަށް ތައްޔާރުވެވިފައި އޮންނަން ޖެހޭ ކަމަށް ދެކެނީ. އަހަރެމެން ވެސް މި ތިބީ ދެން ވެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ތައްޔާރަށް،" ގަދަ 16 ޓީމުގެ ބުރުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސަކީ މުބާރާތުގެ ފޭވަރިޓެއް ކަމަށް ފުޓްބޯޅައިގެ އެކި މީހުން ލޭބަލް ކޮށްފައިވާއިރު، އެކަން ކަމަށް ޖަވާބު ދޭން ޖެހޭ މެޗުތަކަކީ ނޮކައުޓް ބުރުގައި ކަމަށާއި އެ މަސައްކަތް ފަށަން ޖެހިފައި މި އޮތީ ސްވިޒަލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭ ވަރުގަދަ ޗެލެންޖަކުން ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
"މިއީ ދޮންކެޔޮ ތޮށިގަނޑެއް ނޮޅާލުން ހާ ފަސޭކަމެއް ނޫން. މިއީ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ކުޅެން ޖެހޭ މެޗެއް. މުބާރާތުގެ ކުރިން ވެސް އަހަރެެމެންނަކީ ފޭވަރިޓުންނަށް ހަދައިފި. އެކަމަކު އަހަންނާއި އަހަރެމެން ޓީމުގައި މި ތިބި ކުޅުންތެރިންނަށް އެނގޭ ސްވިޒަލެންޑަކީ ކިހާ ވަރުގަދަ ޓިމެއް ކަން،" ޑެޝޯމްޕްސް ބުންޏެވެ.
މިއީ ބޮޑު މުބާރާތެއްގައި ފްރާންސާއި ސްވިޒަލެންޑްގެ ފަސް ވަނަ ކުރިމަތިލުމެވެ. މި ދެ ޓީމު ވަނީ ޔޫރޯގައި ދެ ފަހަރު އަދި ވޯލްޑް ކަޕްގައި ދެ ފަހަރު ވާދަކޮށްފަ އެވެ. ގްރޫޕް ސްޓޭޖުތަކުގައި ކުޅުނު އެ ހަތަރު މެޗުން ވެސް ފްރާންސް ބަލިވެފައި ނުވެ އެވެ. އެންމެ ފަހުން 2016 ވަަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގައި ސްވިޒަލެންޑުން ވަނީ ފްރާންސް ލަނޑެއް ޖެހިޔަނުދީ ހިފަަހައްޓައިފަ އެވެ.
"ސްވިޒަލެންޑް ފީފާ ރޭންކިންގެ 13 ވަަނައިގައި އެ އޮތީ އޮޅުމަކުންނެއް ނޫން. ފުޓްބޯޅަ ކުޅެގެން ނަތީޖާ ނެރެގެން. އެހެންވީމަ މިއީ އަހަރެެމެންނަށް ފަސޭހަވާނެ މެޗެކޭ ނުބުނެވޭނެ،" ފްރާންސަށް 1998 ވަަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކެޕްޓަން ޑެޝޯމްޕްސް ބުންޏެވެ.
ޑެޝޯމްޕްސް ބުނީ އަނިޔާގެ މައްސަލަތަކަށް ހޯދޭނެ ހައްލުތަކާ މެދު ކޯޗިން ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ބަދަލުގައި އަރާ ކުޅުންތެރިންނަށް ބޭނުންވާ ތަފާތު ދެއްކޭނެ ކަމަށެވެ.
ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ސްވިޒަލެންޑް ނުކުންނާނީ އިތުބާރާ އެކު
މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން ސްވިޒަލެންޑަށް ފުރުސަތު ލިބުނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ސްވިޒަލެންޑް އޮތީ އެންމެ ފުރަތަމަ ގްރޫޕްގައި ކަމަށްވާތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ސްވިޒަލެންޑަށް ނޮކައުޓް ބުރުން ފުރުސަތު ލިބޭކަން އެނގުނީ ހުރިހާ ގްރޫޕެއްގެ މެޗުތައް ނިމުމުންނެވެ.
"ވަރަށް ބައިވަރު ވާހަކަ ދެކެވުނު. އަަހަރެމެން ކަޓާނެ ކަމަށް ވެސް ވާހަކަތައް ހުރި. އެކަމަކު އޭރު ވެސް އަހަންނަށް އޮތް ޔަގީންކަމެއް އެއީ ގްރޫޕް ސްޓޭޖުން ކަޓައިގެންދާން ނުޖެހޭނެކަން. އަމިއްލަ ނަފްސަށް ކުރި އިތުބާރާ އެކު އަހަރެމެން ދެ ވަަނަ ބުރުގައި މި ތިބީ. އެ އިތުބާރާ އެކު ކުރިއަށްދާން މި ނުކުންނަނީ ދުނިޔޭގެ ޗެމްޕިއަން (ފްރާންސް)އާ ދެކޮޅަށް،" ސްވިޒަލެންޑްގެ ކޯޗު ވްލަޑިމީރް ޕެޓްކޮވިޗް ބުންޏެވެ.
ސްވިޒަލެންޑް އެންމެ ފަހުން ވާދަކުރި ތިން މުބާރާތުން ވެސް ކެޓީ ދެ ވަަނަ ބުރުންނެވެ. އާޖެންޓީނާ އަތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ކެޓިއިރު، ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ދެ ވަނަ ބުރުގައި ޕޮލެންޑް އަތުން ވެސް ވީ ބައްޔެެވެ. އަދި މީގެ ތިން އަހަރު ކުރިން ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ދެ ވަަނަ ބުރުން ސްވިޒަލެންޑް ކެޓީ ސްވިޑަން އަތުންނެވެ. ޖެހިޖެހިގެން ހަތަރު ފަހަރު އެއް ހިސާބުން ކަޓައިގެން އެނބުރި ގައުމަށް ދާން ސްވިޒަލެންޑުން ބޭނުމެއް ނުވެ އެވެ.
"އެ ކަހަލަ އުނދަގޫ މެޗުތަކުން. ހިތްދަތި ނަތީޖާތަކުން ތަޖުރިބާ ލިބޭނީ. އެ ތަޖުރިބާތަކާ އެކީ ހާލަތު ބަދަލުކުރެވޭތޯ ފްރާންސާ ދެކޮޅަށް ނުކުންނާނީ،" ޕެޓްކޮވިޗް ބުންޏެވެ.
ވާދަވެރި މެޗަކުން ފްރާންސް އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރު ޖޫން މަހު ޔޫރޯ ކޮލިފައިންގައި ތުރުކީ އަތުންނެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ތެރޭ ފްރާންސް ވާދަވެރި މެޗަކުން ބަލިވެފައިނުވެ އެވެ.
ފްރާންސް އަތުން ސްވިޒަލެންޑް އެންމެ ފަހުން މޮޅުވީ އެކުވެރިކަމުގެ މެޗެއްގައި 1992 ވަނަ އަހަރު އެެވެ. ފްރާންސާއި ސްވިޒަލެންޑް މިރޭ ކުޅޭ މެޗު ފަށާނީ ރައްޖެ ގަޑިން 00:00 ގަ އެވެ.












