ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ 10 ގައި ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ޖަަހަން ޖެހޭ ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އެޗްޕީއޭ އިން މީގެ ހަފުތާއެއްހާ ދުވަސްކުރިން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ފުރަތަމަ ޑޯޒް 318،756 މީހުން ފުރިހަމަކޮށްފައިވެ އެވެ. އޭގެތެރެއިން ދެ ވަނަ ޑޯޒު ޖަހާފައި ވަނީ 235،615 މީހުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އެމްގުމެއްގައި ބުނެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ބޭނުމަށް، ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ދެވަނަ ޑޯޒް ޖެހިތާ ތިބި މުވައްޒިފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށާއި އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.
ވެކްސިން ނުޖެހޭ މުވައްޒަފުން އެ ސަބަބާއެކު ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް އަންގާފައި ވާއިރު ވެކްސިން ނުޖެހޭ ސަބަބު ބަޔާންކުރާ އެޗްޕީއޭގެ ލިޔުމެއް ހުށައަޅަން ޖެހެ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ސްކޫލުތަކުގެ މުވައްޒަފުންނަށް އަންގާފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ މިއަދު އެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.












