ރިޕޯޓުއަންހެނުން ހިތާނުކުރުން: މިއީ ބަހުސެއް އޮތް ކަމެއް ނޫން!

އަންހެނުން ހިތާނުކުރުން: މިއީ ބަހުސެއް އޮތް ކަމެއް ނޫން!

މިއީ ނެތް ކަމެއް ނޫނީ ނުވާ ކަމެއްގެ ގޮތުގައި ބަލައިގެން ތިއްބައި، އެންމެން ހައިރާންކޮށްލީ ފާތިމަތު ސައީދެވެ. ކުޑައިރު، ހިތާނަކުރުމުގެ ސަބަބުން އޭގެ ވޭނާއި ތަކުލީފު މިހާރު ވެސް އުފުލަމުންދާ ފާތިމަތު ބުނާ ގޮތުގައި އޭނާގެ މުޅި ހަޔާތް ވަނީ ބަރުބާދުވެފަ އެވެ.

އަންހެން ކުދިންތަކެއް: އެފްޖީއެމްގެ ބަހުސަކީ ހުޅުވިގެންވާނެ ބަހުސެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ.
އަންހެން ކުދިންތަކެއް: އެފްޖީއެމްގެ ބަހުސަކީ ހުޅުވިގެންވާނެ ބަހުސެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ.

މިއީ ނެތް ކަމެއް ނޫނީ ނުވާ ކަމެއްގެ ގޮތުގައި ބަލައިގެން ތިއްބައި، އެންމެން ހައިރާންކޮށްލީ ފާތިމަތު ސައީދެވެ. ކުޑައިރު، ހިތާނަކުރުމުގެ ސަބަބުން އޭގެ ވޭނާއި ތަކުލީފު މިހާރު ވެސް އުފުލަމުންދާ ފާތިމަތު ބުނާ ގޮތުގައި އޭނާގެ މުޅި ހަޔާތް ވަނީ ބަރުބާދުވެފަ އެވެ.

"އަޅުގަނޑުގެ މުޅި ހަޔާތް މި ދަނީ މިކަމުގައި. މިއީ، ވަރަށް ބޮޑު އަނިޔާއެއް އަންހެން ކުއްޖަކަށް ދެވޭ. އަޅުގަނޑު ކައުންސިލިންގައި މިހާރު ވެސް މި އުޅެނީ،" އައްޑު އަށް ނިސްބަތްވާ ފާތިމަތު ބުންޏެވެ.

އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަކީ އާންމުކޮށް އެފްރިކާގެ ފަގީރު ގައުމުތަކާއި ސަރަހައްދުތަކުގެ ސަގާފަތުގައި ވަރަށް ބޮޑަށް އަށައިގަނެ، ހިނގަމުން އަންނަ ކަމެކެވެ. ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 200 މިލިއަނެއްހާ އަންހެނުން ހިތާނަކޮށްފައި އެބަ ތިއްބެވެ.

މިކަން އެފްރިކާގައި އެންމެ ބޮޑަށް އޮތް ނަމަވެސް، އޭޝިއާގައި ވެސް ކޮންމެ ވެސް ވަރަކަށް ހިނގަ އެވެ. ރާއްޖެއާ ހަމައަށް ވެސް މިކަން ސަގާފަތުގެ ތެރެއިން އައިސްފައިވެ އެވެ. ސަގާފަތުގެ ތެރެއިން ދީނީ ކަމެއްގެ ގޮތުގައި އިހުގައި މިކަން ކުރަމުންދިޔަ އެވެ. އެފަދަ އެއް އަންހެނަކީ ފާތިމަތެވެ.

އޭނާ ބުނި ގޮތުގައި، ކުރަފަތެއް ބޭނުންކޮށްގެން އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްފައިވަނީ އެއީ ދީނީ ކަމެއްގެ ގޮތުގައި ބަލައިގެންނެވެ. އެކަންކުރިއިރު އޭނާއަކީ އެކަމަށް އިންކާރު ކުރުމުގެ ބާރެއް ނެތް ކުޑަ ކުއްޖެކެވެ.

ހެލްތު މިނިސްޓްރީން 2016 އާއި 2017 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ސާވޭއެއް މިކަމާ ގުޅޭ ގޮތުން ހެދި އެވެ. އާންމުކޮށް ފެންނަން ނެތް، އެ ސާވޭގެ ބައެއް މައުލޫމާތުތައް އެކަމަށް މީހުންނާ އިންޓަވިއުކުރި އާތިފާ އިބްރާހިމް ވަނީ ހާމަކުރައްވާފަ އެވެ.

އޭނާ ދެއްކެވި ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ 100 އަންހެނަކުން 13 އަންހެނެއް ވަނީ ރާއްޖޭގައި ކޮންމެ ވެސް ސިފައެއްގައި ހިތާނަކޮށްފަ އެވެ. އެހެންކަމުން، މިއީ ރާއްޖޭގައި ނެތް ކަމެއް ކަމަށް ބަލާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. ރަސްމީ ނަންބަރުތައް އެހެން ހުރިިއިރު ފާތިމަތު ސައީދު، އޭނާގެ އަމިއްލަ ބޭނުމަށް ހަދާފައިވާ ސާވޭއިން ދައްކާ ގޮތުގައި، އަންހެނުން އެންމެ ބޮޑަށް ހިތާނަކުރަމުން ދަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކުގަ އެވެ.

މި ވާހަކަ ކުއްލިއަކަށް ދެކެވެން ފެށީ، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، އެފްޖީއެމްގެ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުންދާކަން އެޗްއާރްސީއެމްއިން ހާމަކުރުމާއެކު އެވެ. އެ ކޮމިޝަނަށް އަންހެނުންނާ ގުޅޭ އެފަދަ މައްސަލަތައް ހުށަހަޅަމުންދާއިރު، އެކަމުގައި ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުމާއެކު، އަންހެނުން ހިތާނަކުރުމަށް ހިތްވަރުދީ، ބަހުސެއް ހުޅުވަން މަސައްކަތްކުރި އެވެ.

ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ އެއީ ދީނުގައި އޮތް ކަމެއް ކަމާއި، އެކަމުން ސިއްހީ ފައިދާތަކެއް ލިބޭކަން ދޭހަވާފަދަ ޓްވީޓުތަކެއް ކުރައްވާފަ އެވެ.

އެކަމަކު، އޭނާ ހުޅުވަން މަސައްކަތްކުރި އެ ބަހުސަކީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އެއް އަޑަކުން ތެދުވި އެވެ. މިކަމުގައި ދީނީ، ސިއްހީ، ތައުލީމީ، ސިޔާސީ އަދި އިޖުތިމާއީ ދާއިރާގެ ބޭފުޅުން ވެސް ވިދާޅުވަނީ ބަހުސެއް ނެތް ކަމަށެވެ.

ދީނުގައި ނެތް ކަމެއް، އޮތް ކަމަކަށް ނުހެދޭނެ!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި، އަންހެން ކުދިން ހިތާނަކުރުމަކީ ދީނުގައި އޮތް ކަމެއް ނޫނެވެ. އިސްލާމްދީނުގައި ކަމެއް އޮތް ކަމަށް ބުނެވޭނީ ސައްހަ ޝަރްއީ ދަލީލަކުން އެކަން ސާބިތުވާން އޮތިއްޔާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަންހެން ކުދިން ހިތާންކުރުން ހުއްދަކުރާ އެފަދަ ދަލީލެއް ކީރިތި ގުރްއާނުގައި ވެސް ސައްހަ ހަދީސެއްގައި ވެސް ނެތް ކަމަށް މަޝްހޫރު އިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ،" މައުމޫން ވިދާޅުވި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ ހަމަ އެފަދައިންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެން ކުދިން ހިތާނަކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އައިސްފައިވާ ހަދީސްތަކަކީ ބަލިކަށި އަދި އޭގެ ސައްހަކަން ޔަަގީން ނުވާ ހަދީސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެވަރުގެ ކަމެއް ޝަރީއަތުގަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް މެނުވީ ނުއެއް ނިންމޭނެ އެއީ ދީނީ ކަމެއްގެ ގޮތުގައެއް. އެއީ ދީނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ކީރިތި ގުރުއާންގައި ވެސް އަދި ރަސޫލާގެ ސުންނަތުގައި ވެސް ފާޅުވާކަށް ނެތޭ އަޅުގަނޑު ދަންނަވާނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމަކީ ދީނީ ގޮތުން މާކެޓް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ދީނީ ފޮތްތަކުގައި އަންހެނުން ހިތާނަކުރުމާ މެދު ހުރި ހުކުމްތަކަކީ ވެސް ދީނީ ގޮތަށް ވުރެ ބޮޑަށް އޭރުގެ ސަގާފަތުގެ މައްޗަށް ލިޔެވިފައި ހުރި ކަންކަން ޝަހީމް ފާހަގަކުރެއްވި އެވެ. އަދި، މިހާރު އެއީ ބާތިލް ކަންކަމަށް ފަހުގެ އިލްމީ ހޯދުންތަކުން ކަނޑައެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

އަޒްހަރު ޔުނިވާސިޓީން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުހައްމަދު ފިރްޒުލް ވެސް ޝަހީމްގެ ވާހަކަތަކަށް ތާއިދު ކުރައްވައި ވިދާޅުވެފައިވަނީ އަންހެން ކުދިން ހިތާނަކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމެވެ.

ދެން މިކަން އަޅުވަން މަސައްކަތް ކުރަނީ، މިއީ ސިއްހީ ފައިދާ އޮތް ކަމެއްގެ ގޮތުގަ އެވެ.

ނޫން! ސިއްހީ ފައިދާއެއް ނެތް

ޑޮކްޓަރު ހުސެއިން އަހްޒަމް މައުލޫމާތު ދެއްވި ގޮތުގައި އަންހެނުން ހިތާނަކޮށް އާންމުކޮށް އުޅެނީ ހަތަރު ގޮތަކަށެވެ. އެއިން އެއްވެސް ގޮތަކުން ސިއްހީ ފައިދާއެއް ނެތްކަން ޑޮކްޓަރު އަހްޒަމް ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވެސް އެކަން ބުނެދެ އެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެފްޖީއެމްއިން އެއްވެސް ސިއްހީއެއް ފައިދާއެއް ނެތެވެ. އެކަމަކު، އޭގެ ސަބަބުން އަންހެން ކުދިންނާއި އަންހެނުންނަށް އެތައް ގޮތަކުން އަނިޔާ ލިބެ އެވެ. އެގޮތުން، އަންހެނާގެ ހަށިގަނޑުގެ ނެޗްރަލް ފަންކްޝަންތަކަށް އަސަރުކުރެ އެވެ. އަދި، ނޯމަލް ޖެނިޓަލް ޓިޝޫތައް ހަލާކުވެ އެވެ. މަސްހަރު ކަންތަކުގައި އުނދަގޫވުމާއި ކުޑަކަމުދާ ނިޒާމަށް ވެސް ގެއްލުންވެ އެވެ.

ހިތާނަކުރާ ވަގުތު، އިންތިހާއަށް ލޭ ބޭރުވެ ބައެއް ގައުމުތަކުގައި އަންހެން ކުދިން މަރުވާ ނިސްބަތް ވެސް މައްޗެވެ.

ސިއްހީ ގިނަ ތަކުލީފުތަކާ ހިތާނަކޮށްފިނަމަ، އަންހެނުންނަށް ކުރިމަތިލާންޖެހޭކަން ޑަބްލިއުއެޗްއޯއިން ބުނާއިރު، އެ ޖަމިއްޔާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 27 ގައުމެއްގައި އަންހެނުން ހިތާނަކުރުމުގެ ސަބަބުން ދިމާވި ސިއްހީ ކަންކަމަށް ފަރުވާކުރުމަށް 2018 ވަނަ އަހަރު އެކަނި ވެސް 1.4 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހުނެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ދުށް ގޮތުގައި، ސިއްހީ ގޮތުން އަންހެނުނަށް މިހާ ބޮޑު ނުރައްކަލެއް އޮތް ކަމަކަށް ހިތްވަރު ދެވި، އެކަން ކުރާނަމަ އެކަމަށް ގާނޫނީ ދޮރެއް ހުޅުވިފައި އޮވެގެން ނުވާނެ އެވެ. ހުއްޓުވަން ގާނޫނެއް ހަދަން ޖެހެ އެވެ.

ގާނޫނު އޮތް ގޮތުން ވެސް ކުރެވޭނެ ކަމެއް ނޫން

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުން ހުއްޓުވަން ވަކި ގާނޫނެއް ހަދަން ނުޖެހެ އެވެ. މިހާރު ވެސް ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން އެއީ އަދަބު ދެވޭނެ ކަމެއްގެ ގޮތުގައި އާޒިމާ ފާހަގަ ކުރެއްވި އެވެ.

އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ތާއިދު ކުރެއްވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި މީހެއްގެ ހަށިގަނޑަށް ރުހުމަކާނުލާ އެ މީހަކު ބޭނުން ނޫން ގޮތެއް ހެދުމަކީ އޭގެ ޒާތުގައި މިހާރު ވެސް ގާނޫނުލްއުގޫބާތު އޮތް ގޮތުން ކުށެެކެވެ. އެހެންވެ، އަންހެނުން ހިތާނަކުރުމަކީ ކުށެއް ކަމަށް ވަކި ގާނޫނެއްގައި ލިޔަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ގާނޫނެއްގައި މި އޮންނަނީ މަގުމަތީ އޮރިޔާމުން އުޅުމަކީ ކުށެކޭ. ދެން ނުޖެހޭ މަގުމަތީ ހަރުވާޅު ނުލާ އުޅުމަކީ ކުށެކޭ އަނެއްކާ ވަކިން ލިޔާކަށް، މިއީ ކޮމަން ސެންސް،" ޝަމީމް ވިދާޅުވި އެވެ.

އިއްޔެ ކްލަބު ހައުސްއަށް ޖަމާވި ގިނަ ދިވެހިން އެއް އަޑަކުން ބުނަމުން ދިޔަ ގޮތުގައި، މިއީ ގާނޫނީ ގޮތުން ވެސް މަނާވެފައި އޮތް، އިޖުތިމާއީ މިންގަނޑުން ބެއްޔަސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެފްޖީއެމްއާ ދެކޮޅަށް ބޭރު ގައުމެއްގައި ބަޔަކު އަޑުއުފުލަނީ
އެފްޖީއެމްއާ ދެކޮޅަށް ބޭރު ގައުމެއްގައި ބަޔަކު އަޑުއުފުލަނީ

އެފްޖީއެމްއާ ދެކޮޅަށް ބޭރު ގައުމެއްގައި ބަޔަކު އަޑުއުފުލަނީ

އެ ބޯދާ ވިސްނުން އެނބުރި އައުމުގެ ކަންބޮޑުވުން

އަންހެން ކުދިންގެ ސްކޫލެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލް އޮތްއިރު، އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު އަދާކުރެއްވި ޑރ. އާމާލު އަލީ ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމުގެ ވާހަކަ ދެއްކުމަކީ ބޯދާކަމެއްގެ ތެރެއަށް އަލުން ދިޔުން ކަމެވެ. އެކަމަކީ އޮތް ފުރުސަތެއް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަންހެން ކުދިންނަށް އެފަދަ ގޮތަކަށް އަނިޔާ ދެވިގެން ނުވާނެ ކަމާއި އެންމެ ކުއްޖަކަށް އެ އަނިޔާ ލިބުނަސް އެއީ އެންމެން އެކަމުގައި ނުކުންނަން ޖެހޭނެ ކަމެއްގެ ގޮތުގައި އާމާލު ވިދާޅުވި އެވެ.

އާޒިމާ ޝުކޫރު ވެސް ވިދާޅުވި ގޮތުގައި އަންހެނުން "ސެކްޝުއަލް އޮބްޖެކްޓްސް"ގެ ގޮތުގައި ސިފަކޮށް، އަންހެނުން ދަށްކުރާ އުސޫލުން ކަންކަން ޕްރޮމޯޓްކޮށް އެ ވިސްނުން އެނބުރި އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

އޭނާ ވިދާޅުވީ އަންހެން ދަރިން، އެ މީހުންގެ އެއްވެސް ބަހެއް ނެތި މުޅި ދިރިއުޅުން ހަލާކުވެދާނެ ފަދަ ގޮތަކަށް އަމަލުތައް އެއްވެސް މީހަކު ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބްލޮގަރު ލީޝް ވިޝާމް ވެސް ގޮވާލީ އިހުގައި އޮތް ބޯދާވިސްނުން އަލުން ނުގެނައުމަށެވެ. އަންހެން ދަރިން ހިމާޔަތްކުރުމަށެވެ.

"އާދޭހާ އެކު އަޅުގަނޑު ދަންނަވަމޭ އަޅުގަނޑުމެންގެ އަންހެން ދަރިން ސެކްޝުއަލް އޮބްޖެކްޓްސް ގޮތުގައި ނުގެންގުޅޭށޭ. އަންހެނުން ދުނިޔެއަށް ފޮނުވީ ފިރިހެނުންގެ ސެކްޝުއަލް ޑިޒަޔާސް ފުލްފިލްކުރާކަށް ނޫނޭ، އެހެންވީމަ މިކަން ބޭސްއަކަށް ހަދައިގެން އަންހެނުންގެ ގުނަވަންތައް ބުރި ނުކުރާށޭ. އަންހެން ދަރިން ސަލާމަތްކުރާށޭ!" އޭނާ ބުންޏެވެ.

މި ހުރިހާ ވާހަކަތަކަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ދެއްވި އޮތް ޖަވާބު ވަރަށް ކުރެ އެވެ. އެކަމަކު އެއީ މުހިންމު ޖަވާބެކެވެ؛

އޭނާ ވިދާޅުވި ގޮތުގައި އަންހެނުން ހިތާނަކުރުމަކީ އޭގައި ބަހުސެއް އޮތް، އަދި އެކަމުގައި އިތުރު ވާހަކަތަކެއް ދައްކަން ޖާގަދޭނެ ކަމެއް ނޫނެވެ. މި ޖީލުގެ ދަރިން އެކަމުން ސަލާމަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން އޭނާ ދެއްވި އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox