އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަން ބޭނުންފުޅުވާތީ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން މިއަދު ވަކިވެވަޑައިގެންފިި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވި ކުރު ސިޓީއެއްގައި ރިޔާޒް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ހިދުމަތް ކުރަން ބޭނުންވާތީ ޖޭޕީން ވަކިވީ ކަމަށެވެ. އެ ސިޓީގައި އިތުރު ތަފްސީލުތަކެއް ހިއްސާކޮށްފައެއް ނުވެ އެވެ.
މިއީ ރިޔާޒް ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކަމަށް އާންމުކޮށް ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާއާ ގާތްގުޅުމެއް އޮންނަ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)އާ ދެބޭފުޅުން ވެގެން ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ފެތުރުނުތާ ދުވަސްތަކެއް ވެއްޖެ އެވެ. ކުރިން ދެ ބޭފުޅުން ވެސް މި ވާހަކަތައް ދޮގުކުރެއްވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި މި ސިޔާސީ ޕާޓީގެ މަސައްކަތް ރަސްމީކޮށް އިއުލާންކުރާނެ އެވެ.

އަލަށް އުފައްދަން މަސައްކަތް ކުރާ ޕާޓީއާ މަޖިލިހުގެ އިތުރު ތިން މެމްބަރަކު ގުޅިވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. ނަމަވެސް އެއީ ކޮން މެމްބަރުންތަކެއް ކަމެއް ކަށަވަރެއް ނުވެ އެވެ.
އަލަށް އުފައްދާ ޕާޓީއާ މި އަދަދަށް މެމްބަރުން ގުޅިވަޑައިގެންފި ނަމަ މަޖިލިހުގައި ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތަމްސީލުކުރާނީ އެެ ޕާޓީ އެެވެ.
ރިޔާޒް އާ ޕާޓީއެއްގެ މަސައްކަތް މި އިއުލާންކުރެއްވީ، ޖޭޕީގެ ހަރަކާތްތަކުން ނުފެންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު އެވެ. އަދި 2019 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބުގެ ފަހުން ރިޔާޒް އަދި ނާޒިމް ޕާޓީގެ ހަރަކާތްތަކުން ފެނިފައިވަނީ މަދު ފަހަރަކު އެވެ.











