ގަޑިން ހެނދުނު 7:00 ޖެހީ އެވެ. މިއަދު ވެސް ފާތިމަތު، 40، ނިދިން ހޭލެއްވީ އެ އެއްޗެވެ. އެ ބިރުވެރި އެއްޗެވެ. އޭގެން އެ އިވޭ ބާރުގަދަ، ބޮޑު އަޑުފަށްގަނޑެވެ.
އެ އަޑާ ދުރަށް ފާތިމަތަކަށް ނުދެވެ އެވެ. ސަލާމަތްވުމަށް ލައްޕާނެ ދޮރެއް، ވަންނާނެ ކޮޓަރިއެއް އަދި ކުރެވޭނެ ކަމެއް ވެސް ނެތެވެ. ގެ ވަށައިގެން އޮތީ ބިރުވެރިކަމެވެ. އެ އަޑެވެ. މެދުކެނޑުމެއްނެތި އިވޭ އެ ބިރުވެރި އަޑެވެ.
ގ. ފެހިހިރި އަށް އަންނަ ގިނަ މީހުން އެ އަޑު ސިފަ ކުރަނީ އިންޖީނުލީ ދޯންޏެއްގެ އަޑާ އެވެ. ޑީސަލް ވަސްގަނޑެއް ވެސް ގޭގައި ހިފާފައި ހުންނާތީ އެވެ. ގޭ ތެރޭގައި ބައެއް ފަހަރު ދުން ބޯވެފައި އޮވެ އެވެ. ފަރުވާތެރިކަމާއެކު ބަލައިފި ނަމަ ގޭގެ ފާރުތައް ވައިބްރޭޓުވާތަން ވެސް ފެނެ އެވެ.
އިންޖީނުލީ ދޯންޏެއްގައި ދަތުރު ކުރުމާ ފެހިހިރީގައި މަޑުކޮށްލުމާ އެއްގޮތް ކަމަށް މީހުން ބުނެ އެވެ.
އެކަމަކު ފާތިމަތަކަށް އެ އަޑެއް ނޯޅެ އެވެ. އަޑު ނެރޭ އެއްޗެއް ވެސް ނޯޅެ އެވެ. އެއީ އޭނާގެ ދުޝްމަނެވެ. ފާތިމަތާއި އޭނާގެ ފިރިމީހާ އަދި އުމުރުން ހަތް އަހަރުގެ ލޯބިވާ ކުޑަކުޑަ ދަރިފުޅު ހައްވަގެ ހަޔާތަށް ވެރިވެގަނެފައިވަނީ އެ ގެއާ 30 ވަރަކަށް ފޫޓު ދުރުގައި ބަހައްޓާފައި ހުރި ދައުލަތުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ ކަރަންޓު ދޭ ޖަނަރޭޓަރުތަކެވެ.
"އަޅުގަނޑުމެން މި އުޅެނީ އިންޖީނުގޭ ތެރޭގައި ހަމަ. ޖަނަރޭޓަރުތައް ބުޑުގައި. އެއްވެސް ތަފާތެއް ނެތް. އިންޖީނުން އަރާ ދުންގަނޑު ވެސް އޮންނާނީ ގޭ ތެރޭގައި. ބައެއް ދުވަސް ދުވަހު ބޯ އަނބުރާފަ ހޮޑުލެވޭ. ނަފްސާނީ ބޮޑު ބައްޔަކަށް މިކަންވެއްޖެ،" އަޑު ތުރުތުރު އަޅަމުން ފާތިމަތު ކިޔައިދިނެވެ.
ތެދެކެވެ. ފާތިމަތު އަދި އޭނާގެ އާއިލާގެ ހަޔާތުގެ ހުރިހާ ދިމާލަކަށް ސްޓެލްކޯ ޖަނަރޭޓަރުތައް ވަދެގެންފި އެވެ. ކެއްކުމާއި ކެއުމާއި ޓީވީ ބެލުމާއި އަރާމުކުރުމާއި ވަޒީފާއަށް ދިއުމާއި މައުސޫމް ހައްވަގެ ކިޔެވުމަށް ވެސް ވެރިވެފައިވާ ކަތުރު ފަންޏަކީ އެ ޖަނަރޭޓަރުތަކެވެ.
"ދޮރުތައް ހުޅުވޭކަށް ނެތް، އެހާ އަޑުގަދަ. ދޮރުތައް ލެއްޕޭކަށް ނެތް، އެހޭ ހޫނުވޭ. ދޮރުތައް ހުޅުވައިފިއްޔާ ދަރިއަށް އެހާ އުނދަގޫވޭ. ހަމަ އަޅުގަނޑުމެންނަށް ވެސް. އަދި އަޅުގަނޑުމެންނަށް އުނދަގޫވިޔަސް ހެޔޮ. ދަރިފުޅަށް އުނދަގޫވާތީ....،" ވާހަކަ އެ ހިސާބަށް ދިޔަތަނުން ފާތިމަތު އަނެއްކާ ވެސް ފެންކަޅިވި އެވެ.
ޖަނަރޭޓަރުތައް ފާތިމަތުގެ ދިރިއުޅުން ވަށާލި ގޮތް
ގ. ފެހިހިރި އާއިލާގެ އަސްލު ގެއަކީ ތީމުގޭ ބިއްދޮށުން، އާބުރުޒު ހިނގުމުގައި ހުރި، މ. ޝަބްނަމްގެ އެވެ. ހައި ކޯޓު ދޮރާށި ކުރިމަތިން މިހާރު އޮންނަ ޕާކިން ލޮޓަކީ ޝަބްނަމްގެ އެވެ. ޝަބްނަމްގެއިން ފާތިމަތުގެ އާއިލާ ނުކުންނަންޖެހުނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވުމަށް ތީމުގެ ހަދަން ފެށުމުންނެވެ.
މީގެ ހަތާވީހަކަށް އަހަރު ކުރިން ތީމުގެ އިމާރާތް ކުރުމުގެ ތެރޭގައި، އޭރު ވެސް ދެ ބުރިއަށް ނަގާފައި ހުރި ޝަބްނަމްގެ ވަރަށް ބޮޑަށް އަރިއަޅާލާ ބައިވަރު ރެނދުތަކެއް އެޅި އެވެ. އަލުން ހަދަން އުޅުމުން، ގެ ހެދޭނީ އެއްވެސް ކުޑަދޮރެއް, ދޮރެއް ނުލައިކަން ސަރުކާރުން އެންގި އެވެ. އަދި އެގޮތަށް އެންގުމާއެކު ޝަބްނަމްގެއިން ނުކުންނަ މަތިން ބަދަލުގައި އެހެން ގެއެއް ދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ފެހިހިރި އާއިލާގެ ހަގީގީ ގެ މ. ޝަބްނަމްގެ ހުރި ބިން: އެންމެ ފުރަތަމަ ސަރުކާރުން ބުނީ ޝަބްނަމްގޭގެ ބަދަލުގައި ހީނާމާގެ ދީފާނެ ކަމަށް -- ފޮޓޯ: އާއިމް ޒަމީރު
އެންމެ ފުރަތަމަ ސަރުކާރުން ބުނީ ޝަބްނަމްގެ ބަދަލުގައި ހީނާމާގެ ދޭނެ ކަމަށެވެ. އެގޮތަށް އެއްބަސްވެ ހުރިހާ ކަމެއް ނިމިފައި އޮއްވާ އެންމެ ފަހު ވަގުތު ހީނާމާގެ ނުލިބޭނެ ކަމަށް އަންގައި ސްޓެލްކޯ ސަރަހައްދުން މާނިފާ ހިނގުމުން އެ އާއިލާއަށް ބިން ދިނީ އެވެ.
ޝަބްނަމްގެއަށް ބަދަލު ދިން ހިސާބަކީ ކުރިންސުރެ ވެސް އާންމުކޮށް ބިން ދޫކޮށްފައި އޮތް ހިސާބެއް ނޫނެވެ. އެހެންވެ ފާތިމަތު އަދި އާއިލާ ދިރިއުޅެމުންދިޔައީ މާލޭގެ ކާރުބާރުބޮޑު ދިރިއުޅުމާ ކުޑަތަންކޮޅެއް ނަމަވެސް ދުރުގަ އެވެ.
"އޭރު ވަރަށް އަރާމުވާނެ މިތަން. އާއިލާ މީހުންނާއެކީ ރޯދަ ވީއްލުން ވެސް މިތާ އަޅުގަނޑުމެން ބާއްވަން. ގެއަށް އަންނަ ތިމާގެ ކުދިން ވެސް އުޅޭނެ މިތަނަށް ނިކުމެ ކުޅެން،" ޓެރަހުގައި ހުރެ މާ ކުރީގެ ހަނދާނެއް ފާތިމަތު އާ ކުރި އެވެ.
ގ. ފެހިހިރިއަށް ފާތިމަތުގެ އާއިލާ ބަދަލުވިފަހުން 2005 ވަނަ އަހަރު ސްޓެލްކޯ އިން އާ ޕަވަހައުސްއެއް ގާއިމް ކުރި އެވެ. މިތަނުގައި ބެހެއްޓީ ކިތައް ޖަނަރޭޓަރުކަމެއް ނޭނގެ އެވެ. އަދި 2008 ވަނަ ސްޓެލްކޯއާ އިންވެގެން އޮންނަ ފެންމީރުހިނގުން ބަންދު ކުރުމަށްފަހު އެތަނުގައި ޕަވާހައުސްއެއް ބެހެއްޓި އެވެ.
ޖެހިގެން އައި އަހަރު އަނެއްކާ ވެސް ސްޓެލްކޯއިން މުޅިން އާ ޕަވާހައުސްއެއް ގާއިމް ކުރި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދޭތެރޭ ޕަވާހައުސްއެއް ގާއިމްކޮށް، 2012 އާއި 2016 އަ ދެމެދު އިތުރު ޕަވާހައުސްއެއް އަދި 2017 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ޕަވާހައުސްއެއް ބެހެއްޓި އެވެ.
"ކޮންމެ ފަހަރަކު ވެސް ޖަނަރޭޓަރު ބަހައްޓަނީ ވަގުތީ އެއްޗެކޭ ކިޔާފައި. އެގޮތަށް ވަގުތީ ކިތައް ޖަނަރޭޓަރު ބާވައޭ ހިތަށްއަރާ އެމީހުން ބަހައްޓާނީ. ގުޅީމަ ސްޓެލްކޯއިން ވަރަށް ފަސޭހައިން ބުނާނެ މިއީ އަބަދު ޖައްސާފަ ބަހައްޓާ ޖަނަރޭޓަރުތަކެއް ނޫނޭ ބައެއް ފަހަރޭ އެ ބޭނުންކުރަނީ. އެކަމަކު އެއީ ދޮގެއް. ގިނަ ޖަނަރޭޓަރުތައް ހުންނަނީ އަބަދުވެސް ޖައްސާފަ،" ފާތިމަތު ކިޔައިދިނެވެ.
ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު، ކޮންމެ މަހަކު އަދި ކޮންމެ އަހަރަކު ޖަނަރޭޓަރުގެ އަޑު ފާތިމަތު އަދި އާއިލާ މީހުންގެ ކަންފަތްތަކުގައި ޖެހިޖެހި އެވެރިންނަށް މިހާރު ޖަނަރޭޓަރުތައް ދަސްވެއްޖެ އެވެ. އަޑު އަހާލާފައި އެ އިވެނީ މިވެނި ޖަނަރޭޓަރެއްގެ އަޑުކަން ފާތިމަތަށް މިހާރު އެނގެ އެވެ.
"އެންމެ ބާރަށް އަޑުއިވޭނީ އޭނދަ ބްލޫ ކުލައިގެ ކުޑަ ޖަނަރޭޓަރުން. އޭތި ވަރަށް އަޑުގަދަވާނެ އަދި ވަރަށް ބާރަށް ތެޅޭނެ. ގެ ވެސް ވަރަށް ބޮޑަށް ވައިބްރޭޓް ވާނެ ބްލޫ ޖަނަރޭޓަރުން،" ޖަނަރޭޓަރުތައް ދައްކަމުން ފާތިމަތު ބުންޏެވެ.
ކުޑަކުޑަ ހައްވައަށް ޖަނަރޭޓަރުން ކުރާ އަސަރު
ހައްވަގެ ހަޔާތުގައި މިއީ މުހިންމު ދުވަސްވަރެކެވެ. ސްކޫލުގައި އެކި މާއްދާތައް ކިޔަވަން ފަށައިފި އެވެ. އަޑު އުފެދޭ ގޮތާއި އެކި ކަހަލަ އަޑުތަކާއި ވަސް ދުވާ ގޮތާއި އެކި ކަހަލަ ވަސްތައް، ސައިންސް މާއްދާގައި އޭނާ ކިޔަވަން ފަށައިފި އެވެ. ކިޔެވުމުގެ ތެރޭގައި އެނގުނީ ޖަނަރޭޓަރު އަޑުގެ ސަބަބުން ހައްވައަށް ކޮށްފައިވާ އަސަރެވެ.
"ސައިންސް ޕްރެކްޓިކަލް ފިލާވަޅެއްގަ މި ދިނީ އެ ކުއްޖަކަށް އެންމެ މީރު ވަސް ބުނެދޭން. ހައްވަ ލިޔުނީ ހައްވައަށް އެންމެ މީރު ވަސް ދުވަނީ ޖަނަރޭޓަރުތަކުގެ ދުންހޮޅިން ކަމަށް،" ފާތިމަތު ބުންޏެވެ. "އެންމެ ބާރު އަޑު ގޮވާ އެއްޗަކަށް ކުރެހީ ވެސް ޖަނަރޭޓަރުތައް."

ސައިންސް މާއްދާގެ ޕްރެކްޓިކަލް ފިލާވަޅެއް ހައްވަ ނިންމައިފަ: ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމުން ހައްވައަށް އޭގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރި -- ފޮޓޯ: އާއިމް ޒަމީރު
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ސްކޫލްތައް ބަންދު ކުރުމުން ގްރޭޑް އެކެއްގައި ކިޔަވަމުންދާ ހައްވައަށް ކުރިމަތިލާންޖެހުނީ އެއަށްވުރެ ބޮޑު ބަލިމަޑުކަމަކާ އެވެ. ޖަނަރޭޓަރުތަކުގެ އަޑު ނީވޭ ހިސާބަށް ދުރަށް ގޮސް ސްކޫލުގައި ކިޔަވާ އުޅުނު ދުވަސް މާޒީވީ އެވެ. ކިޔަވަން ވެސް ޖެހެނީ ގޭގައި، އެއްވެސް ހަމަޖެހުމެއް ނުލިބޭ ހިތްދަތި މާހައުލެއްގަ އެވެ.
"އައި ހޭޓް އިޓް. އިޓްސް އެނޯޔިންގް،" ލަދުން އިން ހައްވަ، ކަންފަތަށް އިނގިލި ހަރާލައިގެން އިނދެ، ރުޅިވެރިކަމުގެ ރާގެއްގައި ބުނެލި އެވެ.
ފާތިމަތުގެ ހުރިހާ ހަކަތައެއް ދަނީ ޖަނަރޭޓަރުތަކާމެދު ވިސްނުމަށެވެ. އަދި އޭނާގެ ލޯބިވާ ދަރިފުޅާމެދު ވިސްނުމަށެވެ. ދުވާލުގެ ގިނަ ވަގުތު ފާތިމަތަށް ވިސްނެނީ ޖަނަރޭޓަރުތަކުގެ ސަބަބުން ހެދިބޮޑުވަމުން އަންނަ ހައްވައަށް ކުރާ އަދި ކޮށްފާނެ އަސަރުތަކާމެދު އެވެ.
"އަޅުގަނޑަށް ވިސްނެނީ މީނައާ މެދު. މިހާރު ބައިވަރު ހެލްތު މައްސަލަތައް މި ގޭގަ އުޅޭ އެންމެނަށް ވެސް ކުރިމަތިވޭ. އަޅުގަނޑު ބޭނުމެއް ނޫން ދަރިފުޅަށް އެއްވެސް ދެރަ ގޮތެއްވާކަށް،" ފާތިމަތު ކިޔައިދިނެވެ.
ޖަނަރޭޓަރުތަކުގެ ސަބަބުން ހައްވައަށް ކުރާ އަސަރު އެހެން މީހުންނަށް ކިޔައިދޭން ފާތިމަތު ބޭނުންވެ އެވެ. އެ ހާލުގައި އެއްވެސް ކުއްޖަކު އުޅޭކަށް ފާތިމަތެއް ނޭދެ އެވެ. އެކަމަކު ފެހިހިރިއަށް ގޮސް އެ ދިރިއުޅުން ތަޖުރިބާކޮށްގެން މެނުވީ، އެ އާއިލާގެ ހާލު އެއްގޮތަކަށް ވެސް އެހެން މީހަކަށް ވަޒަން ނުކުރެވޭނެކަން ފާތިމަތަށް ވިސްނެ އެވެ.
"އަޅުގަނޑު އެންމެ ދެރަ ވަނީ އެކަމާ. އަޅުގަނޑަށް އެނގޭ ކިތަންމެ ވަރަކަށް ކިޔައިދިނަސް މި ގޭގެ ހާލަތު އެހެން މީހަކަށް ނޭނގޭނެކަން. މި ގޭގެ ހާލަތު އެނގޭނީ މި ގޭގެ އުޅޭ މީހަކަށް. އެހެންވެ މި ވާހަކަ އަޑުއަހާނެ މީހެއް، މިގެއަށް އަންނާނެ މީހަކު ވެއްޖެއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަނީ ގެންނަން،" ފާތިމަތު އޭނާގެ ވާހަކަ ހިއްސާ ކުރި އެވެ.
ބާރު އަޑުގެ ސަބަބުން އާއިލާއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު
އިންސާނުންނަށް އަޑު އިވެނީ ކަންފަތުންނެވެ. ނަމަވެސް އަޑު އަހަނީ ސިކުނޑިންނެވެ. އަޑު ޖެހުމުން ކަންފަތުގެ އެތެރެ ބައިން އެ އަޑު އޯޑިޓަރީ ނާވު މެދުވެރިކޮށް، އިލެކްޓްރިކް ސިގްނަލެއްގެ ގޮތުގައި ސިކުނޑިއަށް ފޮނުވާލަ އެވެ. އިވޭ އަޑުތައް ތަރުތީބުކޮށް އެއިން މާނަ ނެރެދެނީ ސިކުނޑިންނެވެ.
ތަކުރާރުކޮށް ބާރު އަޑުއިވުމުން ކަންފަތުގެ އެތެރެ ބައިގައި އިންނަ ކޯކްލެއާގައި ހުންނަ ހެއާ ސެލްތައް ހަލާކުވެ އެވެ. މިހެންވުމުން އިވޭ އަޑުގެ މައުލޫމާތު ސިކުނޑިއަކަށް ނުފޮނުވެ އެވެ. އަދި މި ހެއާ ސެލްތަކަކީ ހަލާކުވެއްޖެ ނަމަ ފަސޭހަ ކުރެވޭނެ ނުވަތަ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ހެއާ ސެލްތައް ހަލާކުވެއްޖެ ނަމަ އެމީހަކު ދާއިމަށް އަޑު އިވުމުން މަހުރޫމް ވާނެ އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން 1999 ވަނަ އަހަރު ނެރުނު "ގައިޑްލައިންސް ފޯ ކޮމިއުނިޓީ ނޮއިސް" ގައި ބުނެފައިވާ ގޮތުން ހެނދުނު 7:00 ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް މީހުން ދިރިއުޅޭ ސަރަހައްދުގެ އަޑު އެންމެ ގަދަވެގެން ހުންނަންޖެހޭނީ 55 ޑެސިބަލްސްއާ ހަމައަށެވެ. ރޭގަނޑު 10:00 ފެށިގެން ހެނދުނު 7:00 ހަމައަށް ހުންނަންޖެހޭނީ 45 ޑެސިބަލްސްގަ އެވެ.
އެކަމަކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ފެހިހިރި ގެ ހިމެނޭ ސަރަހައްދުގެ 12 ދިމާލަކުން ސައުންޑް މީޓަރެއް ބޭނުންކޮށްގެން އަޑު ނަގައި ބެލިއިރު އުޅެނީ އަޑު ގުނާ މިންގަނޑުން 63.7 އާއި 75.2 ޑެސިބަލްސްއާ ދެމެދުގަ އެވެ. ފެހިހިރީގެ ހަތް ވަނަ ބުރިއަށް އިވޭ އަޑު މި ނޫހުގެ ފަރާތުން އައިފޯން އެޕްލިކޭޝަނަކުން ބެލިއިރު އުޅެނީ 84 އާއި 89 ޑެސިބަލްސްއާ ދެމެދުގަ އެވެ.

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމާ ދެކޮޅަށް އެ ސަރަހައްދުގައި ތަތް ކޮށްފައި ހުރި ޕޯސްޓަރުތަކެއް: ތަކުރާރުކޮށް އެވަރަށް އަޑު އިވޭ ނަމަ ކަންފަތުގެ އިވުން ގެއްލިދާނެ ކަމަށް މާހިރުން ބުނޭ -- ފޮޓޯ: އާއިމް ޒަމީރު
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސާސް އިން ބުނާ ގޮތުގައި އަޑުގެ ނުރައްކާ ބަލާނީ ތިން ގޮތަކުންނެވެ. އެއީ އަޑު އިވޭ ބާރު މިނާއި އަޑު އިވޭ ދުރުމިނާއި އަޑު އިވޭ ވަގުތެވެ. މި ހުރިހާ ކަމަކަށް ބަލާއިރު ވެސް ގ. ފެހިހިރިއަށް ސްޓެލްކޯ ޖަނަރޭޓަރުތަކުގެ އަޑު އިވެނީ އާދަޔާހިލާފު ބާރަށް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
"ކޮންސްޓަންޓްލީ އަބަދުވެސް ގާތްގަނޑަކަށް 80 ޑެސިބަލްއަށް ވުރެ މަތީ އަޑެއް އިވެން ފަށައިފިޔާ އަޑު އިވުމަށް މަޑުމަޑުން އަސަރު ކުރާނެ. އަޑުއެހުމާ ގުޅޭ ނާރުތައް އަދި ސެލްތަކަށް މީގެ ސަބަބުން އަސަރު ކުރާނެ. ހިއަރިން ހަލާކުވުމުގެ ފުރުސަތު އެބަ އޮތް. އެއީ ނޮއިސް އިންޑިއުސްޑް ހިއަރިން ލޮސް،" ކަރުންމަތީގެ ހާއްސަ ޑޮކްޓަރު މައުރޫފް ހުސެއިން ވިދާޅުވި އެވެ.
ފާތިމަތު ބުނި ގޮތުގައި ކަންފަތަށްވާ އުނދަގުލުގެ އިތުރުން ބައެއް އެހެން އުނދަގޫތައް ވެސް ވެ އެވެ. އެގޮތުން ބޮލުގަ ރިއްސުމާއި ހޮޑުލެވުމާއި ބޯ އެނބުރުން ފަދަ މައްސަލަތައް އޭނާއަށް ދިމާވަމުންދާ ކަމަށް ފާތިމަތު ބުންޏެވެ.
"މިގެއަށް އެއް ދުވަހަކު އޯވާ ނައިޓް ކުރަން އައީ ކުރީގެ ސިޓީ ކައުންސިލް މެމްބަރެއްގެ ދަރިއެއް. އެކަމަކު އޭނައަށް ޖަނަރޭޓަރުތަކުގެ އަޑު އިވޭ ވަރުން ނުނިދުނު ބިރުން. ހަމަ އެ ރޭ ގެއަށް ދާން ޖެހުނީ. ދެން އަނެއް ދުވަހު ވަރަށް ހޮޑުލި. ދެން ވިސްނާލައްވާ އަޅުގަނޑުގެ ދަރިފުޅު އަބަދު އެ ތަހައްމަލް ކުރަންޖެހޭ އުނދަގޫ،" ޕެންޑެމިކްގެ ކުރިން ހިނގި ހާދިސާއެއް އޭނާ ކިޔައިދިނެވެ.
ސަރުކާރަށް ކުރި އާދޭހާއި ޝަކުވާ
ފާތިމަތުގެ އާއިލާއިން ބޭނުން ވަނީ ދެގޮތަކުން ކުރެ އެއްގޮތެކެވެ. އެއް ގޮތަކީ ސްޓެލްކޯ ޖަނަރޭޓަރުތައް އެ ސަރަހައްދުން ނެގުމެވެ. އަނެއް ގޮތަކީ ދައުލަތުން އަނެއްކާ ވެސް އެ އާއިލާއަށް އެހެން ތަނަކުން ބިން ދިނުމެވެ. އެކަމަކު އާއިލާގެ އެއްވެސް އުއްމީދެއް ނެތެވެ.
"ރޯދަ މަސް އައުމުގެ މާ ކުރިން އަޅުގަނޑުމެން ރައީސް އޮފީހުގައި ވެސް ދަންނަވައިފިން އަޅުގަނޑުމެން މިކަމުން ސަލާމަތްކޮށްދޭށޭ. އަދި އެއްވެސް ޖަވާބެއް ނުލިބޭ. އަޅުގަނޑުމެން މި ތިބީ މިތަނުން ސަލާމަތްވެވޭނެ ގޮތް ނުވެފައި. މިތަން ކުއްޔަށް ދެވޭކަށް ވެސް ނެތް. ކުއްޔަށް ދޭކަށް ފިރިމީހާ ގަބޫލެއް ނޫން. ދެން ވެސް ހަމަ އިންސާނުންތާ ހަމަ މިތަނުގައި އައިސް އުޅޭނީ؟،" ގޮތްހުސްވެފައިވާ ފާތިމަތު އޭނާގެ ހާލަތު ކިޔައިދިނެވެ.
ފެހިހިރީގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ހައުސިން މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޝަންސް އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީ އާއި އެންވަރަމަންޓް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އާއިލާއިން ވަނީ ސިޓީ ހުށަހަޅައިފަ އެވެ.
އޭގެ ތެރެއިން ރައީސް އޮފީހާއި ހައުސިން މިނިސްޓްރީން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެން ގިނަ ތަންތަނުން ޖަވާބު ދިނީ ތި މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެވެ. ނުވަތަ އެ މައްސަލަ އަންގަންޖެހޭ އިދާރާއަކަށް އަންގާފައިވާ ކަމަށް ބުނެ އެވެ. އަދި ހެލްތު މިނިސްޓްރީ ހިމެނޭ ގޮތަށް ބައެއް ތަންތަނުން މައުލޫމާތު ދިނީ މައުލޫމާތު ހޯދުމަށް ގާނޫނުގެ ދަށުން ހުށަހަޅައިގެންނެވެ.
"މި މީހުން ކައިރި އާދޭސްކޮށްކޮށް ވަރުބަލިވެއްޖެ! މިއީ ސަރުކާރުތަކުން އަހަރުމެންނަށް ވެވޭ އިހުމާލެއް. މިހާރުން މިހާރަށް މިކަން ހައްލުކޮށްދޭންޖެހޭނެ،" ފެހިހިރިގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.
އާއިލާ ހިތްހަމަޖެހޭ މިންވަރުގެ މަސައްކަތެއް ކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ. އެ ކޮމިޝަނަށް މައްސަލަ ހުށަހެޅިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ގޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ އިންސާނީ ހައްގު ގެއްލިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ބޭނުން ނަމަ އެ މައްސަލައިގައި އާއިލާގެ ފަރާތުން ދައުވާ ކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
"ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުންދަނީ ސިއްހަތައް އެކަށީގެންވާ މާހައުލެއްގައި ނޫންކަން މިކޮމިޝަނަށް ފާހަގަވޭ،" އެޗްއާރްސީއެމުން ބުނެފައިވެ އެވެ.
ސްޓެލްކޯގެ ވާހަކަތައް
ފެހިހިރި އާއިލާގެ މީހުންގެ ވާހަކަތައް ސްޓެލްކޯއިން ގަބޫލު ކުރެ އެވެ. މި ނޫހާ ވާހަކަ ދައްކަމުން ސްޓެލްކޯގެ އޮފިޝަލަކު ބުނީ އެތަނުން ފަހުން ބެހެއްޓި ޖަނަރޭޓަރުތައް ފެހިހިރި ސަރަހައްދުގައި ބަހައްޓަންޖެހުނީ "އެ ނޫން ގޮތެއް ނެތިގެން" ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖުގައި 16 މެގަވޮޓްގެ ޖަނަރޭޓަރެއް ބެހެއްޓުމަށް ހުއްދައަށް އެދުނު. އެކަމަކު އެ ހުއްދައެއް ނުލިބުނު. އުސްފަސްގަނޑުގައި ޖަނަރޭޓަރެއް ބަހައްޓަން ވެސް އެދުނު،" މީހުން ދިރިނުއުޅޭ ސަރަހައްދެއްގައި ޖަނަރޭޓަރު ބެހެއްޓުމަށް ކުރި މަސައްކަތް އޭނާ ކިޔައިދިނެވެ.

ފެހިހިރި މަތިން ސްޓެލްކޯ ފެންނަ ގޮތް: ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުންވާކަން އެނގުނު ނަމަވެސް އެކަން ކުރީ މަޖުބޫރުވެގެން ކަމަށް ސްޓެލްކޯއިން ބުނޭ -- ފޮޓޯ: އާއިމް ޒަމީރު
ސްޓެލްކޯއިން ބުނީ ފެހިހިރި ހުންނަ ސަރަހައްދުގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓުތަކުގެ ތެރެއިން ހަތަރު ޖަނަރޭޓަރު ސެޓު ބޭނުން ކުރުން ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށެވެ.
"އެ ވަގުތީ ހަތަރު ޖަނަރޭޓަރު ސެޓު އެއްގޮތަކަށް ވެސް ނުޖައްސާނެ އިންޓާކަނެކްޝަން ޕްރޮޖެކްޓް ނިމުނީމާ. އެހާ ކައިރީގައި ބަހައްޓަންޖެހުނީ މަޖުބުރުވެގެން ސްޓެލްކޯއަށް އިތުރު ގޮތެއް ނެތިގެން. އެއީ މާލެއަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދަންއެބަޖެހޭ،" އެ އޮފިޝަލް ބުންޏެވެ.
އިންޓާ ކަނެކްޝަން ޕްރޮޖެކްޓަކީ ހުޅުމާލޭގައި ސްޓެލްކޯއިން ބެހެއްޓި ބޮޑު ޖަނަރޭޓަރުން ހުޅުމާލެ އާއި ހުޅުލެ އާއި މާލެއަށް ކަރަންޓު ދިނުމަށް ހިންގާ ޕްރޮޖެކްޓެކެވެ. އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ފެހިހިރި ކައިރީ ހުރި ހަތަރު ޖަނަރޭޓަރު ސެޓެއް އެއިރުން ނިއްވާލާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފެހިހިރިގޭ އާއިލާއަށް ބޮޑު ދައުލަތަކާ ކުރިމަތިލާހާ ހިތްވަރެއް ނެތެވެ. ކޯޓަށް ގޮސް ދައުވާ ކުރި ނަމަވެސް ލިބޭ ދައުލަތުން ހޯދައިދިން ހައްލެކެވެ. އެކަން ކުރެވޭނީ ހަމައެކަނި ދައުލަތެވެ. އެ އާއިލާގެ ހައްގު ހޯދައިދީ އިންސާފު ހޯދައިދޭންޖެހެ އެވެ.












