މިދިޔަ މޭ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި އަށް ރަށެއްގެ 384 ގެއަކަށް ލިބުނު ގެއްލުން 4.6 މިލިއަން ރުފިޔާއަށް އަރާއިރު އެހީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
މޭ މަހު ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ގެތަކަށެވެ. އޭގެ އިތުރުން ކުޅުދުއްފުށީ ސިޓީ އާއި ހއ. ދިއްދޫގެ އިތުރުން ބައެއް އެހެން ރަށްތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އެސެސްމަންޓުން ދައްކާ ގޮތުގައި ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން 3.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ ގެއްލުމަށް އެހީގެ ގޮތުގައި 794،015 ރުފިޔާ ދިނުމަށް އެންޑީއެމްއޭން ވަނީ ނިންމައިފަ އެވެ.

ރަށްތަކުގެ ގޭބިސީތަކަށް ގެއްލުންވި މިންވަރު ފައްކުވައިދޭ ޗާޓު
ގޭގެ އިމާރާތްތަކަށް ލިބުނު ގެއްލުން 642،849 ރުފިޔާއަށް އަރާއިރު އެހީގެ ގޮތުގައި އެ އަދަދަށް ފައިސާ ދޭން އެންޑީއެމްއޭން ވަނީ ނިންމައިފަ އެވެ.

އެސެސްމަންޓް ހެދުމަށް 562 ގެއެއްގެ މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރެއިން އެހީ ދޭން ނިންމީ 384 ގެއަކަށެވެ.
ދޭތެރެދޭތެރެއިން ކުރާ ވިއްސާރައިގައި ރާއްޖޭގެ ރަށްތަކަށް ލިބޭ ގެއްލުން ދަނީ ބޮޑުވަމުންނެވެ. މިފަހުން ކުރި ވިއްސާރައިގައި ހއ. ހޯރަފުއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެ ރަށު އެއާޕޯޓަށް ކުރާ ދަތުރުތައް ވެސް ހުއްޓާލަން ޖެހުނެވެ.












