ރާއްޖޭގެ ސްކޫލުތަކަށް ގުރުއާން އަދި އަރަބި ޓީޗަރުން އިންޑިއާއިން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާ އިން ގެނައި 10 ޓީޗަރުންގެ ތެރޭގައި ހިމެނެނީ އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭން ފަސް ޓީޗަރުންނެވެ. މި ދެ މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ގެންނަން ޖެހުނީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް ދިވެހިން ނުލިބުމުން ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާ އިން ޓީޗަރުންތަކެއް ގެނައުމުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީ ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން ރާއްޖޭގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެއްކި ކަމަށެވެ. އެއީ، ޓީޗަރުންގެ ދަތިކަން ހުރި ރަށްތަކަށް ފޮނުވާށެވެ. އެކަމަކު ޓީޗަރުން ނުލިބުނީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ބަޔާނުގައި ބުނިގޮތުގައި ބިދޭސީ ޓީޗަރުންނަށް ފުރުސަތުދިނީ، ޓީޗަރުން ނުލިބި ގިނަ ދުވަސްވާ ނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭއަސަރު ކުރުމުގެ ބިރުވެރިކަން އޮތުމުންނެވެ.
މިނިސްޓްރީން ބުނީ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައި ކޮމިޝަންތަކުގައި އެދުނު ކަމަށެވެ. އެކަމަކު އިންޑިއާގެ ހައިކޮމިޝަންގެ ފަރާތުން، 10 ޓީޗަރުން ރެކްރޫޓްކޮށްދިނީ އެ ގައުމުގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އެ "ނޯކާ ރޫޓްސް" މެދުވެރިކޮށް ކަމަށެވެ.

އެޑިއުކޭޝަނުން ބުނިގޮތުގައި އެ މަގާމްތަކަށް މިހާރު އަންނަނީ ބިދޭސީ ޓީޗަރުން ތަމްރީންކުރަމުންނެވެ. ދިވެހި ޓީޗަރުން ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.













