ލަންޑަން (ޖޫން 22) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅެން ހަަމަޖެހިފައިވާ އިނގިރޭސި ރަސްމީ ދަނޑު ވެމްބްލީ ސްޓޭޑިއަމަށް އެ މެޗުތައް ބަލަން މަދުވެގެން 60،000 ސަޕޯޓަރުންނަށް ވަދެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.
ވެމްބްލީ އަކީ 90،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.
މިހާތަނަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އިންގްލެންޑްގެ ގްރޫޕް ސްޓޭޖު ދެ މެޗަށް އެ ދަނޑަށް ވަދެވޭ ގޮތަށް އޮތީ ސްޓޭޑިއަމްގެ ޖާގައިގެ 25 ޕަސެންޓް މީހުންނަށެވެ. އެއީ 22،500 ސަޕޯޓަރުންނަށެވެ. އެކަމަކު ޓިކެޓް ލިބުމާ އެހެނިހެން ކަންތައްތަކަށް ބަލާފައި އެންމެ ގިނައިން ވަނީ އިންގްލެންޑާއި ސްކޮޓްލެންޑް ކުޅުނު މެޗަށެވެ. އެ މެޗު ބަލަން 20،306 ސަޕޯޓަރުން ދަނޑަށް ވަނެވެ.
މިރޭ ކުޅޭ އިންގްލެންޑްގެ ގްރޫޕް ސްޓޭޖު ފަހު މެޗަށް ވެސް ސަޕޯޓަރުންނަށް ވެމްބްލީ ސްޓޭޑިއަމަށް ވަދެވޭނީ މިހާރު ދީފައިވާ 25 ޕަސެންޓް ޖާގަ އަށެވެ. އެކަމަކު ވެމްބްލީގައި ކުޅެން އޮތް ދެ ވަނަ ބުރުގެ ދެ މެޗަށް 50 ޕަސެންޓް ޖާގަ އަށް ސަޕޯޓަރުން ވެއްދޭނެ އެވެ. އެއީ ގާތްގަނޑަކަށް 45،000 ސަޕޯޓަރުންނަށެވެ. އެ އަދަދު ސެމީ ފައިނަލާއި ފައިނަލް މެޗަށް 75 ޕަސެންޓަށް އިތުރުކޮށް އެ ތިން މެޗަށް މަދުވެގެން 60،000 ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް އިނގިރޭސި ސަރުކާރުން ކަނޑައެޅީ މިއަދު އެވެ.
އިނގިރޭސި ސަރުކާރުގެ މި ނިންމުމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ.
މި ވަގުތު ޔޫރޯ ކުޅެމުން އަންނަ 11 ސްޓޭޑިއަމްގެ ތެރެއިން ދަނޑުގެ ފުރިހަމަ ޖާގަ އަށް ސަޕޯޓަރުން ވައްދައިގެން މެޗު ކުޅެން ހުއްދަ އޮތީ އެންމެ ދަނޑެއްގަ އެވެ. އެއީ ހަންގޭރީގެ ބުޑަޕެސްޓް އެރީނާގަ އެވެ. އެ ދަނޑަށް މިހާތަނަށް ކުޅުނު ދެ މެޗު ބަލަން ވެސް ވަނީ 55،000 ސަޕޯޓަރުން ވަދެފަ އެވެ.
އިނގިރޭސި ސަރުކާރުން ޔޫރޯގެ ވީއައިޕީ އިންނަށް މެޗުތައް ބަލަން ދިއުމުގައި ކަަރަންޓީނު ހުރިހާ އުސޫލު ދޫކޮށްލަން ދެކޮޅު ހަދާތީ ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލް މެޗު ހަންގޭރީ އަށް ބަދަލުުކުރަން ބައެއް ގައުމުތަކުން ވަނީ އެދިފަ އެވެ. އެކަމަކު ޔުއެފާ އިން އެ ގޮތަށް އެއްބަހެއް ނުވެ އެވެ.
ވެމްބްލީ ސްޓޭޑިއަމަށް މެޗު ބަލަން އަންނަ ސަޕޯޓަރުން ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު، 48 ގަޑިއިރު ހަމަނުވާ ކޮވިޑް ޓެސްޓެއް ނޫނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ ކަމުގެ ލިޔުމެއް ދައްކަން ޖެހޭނެ އެވެ. ވެކްސިން ދެ ޑޯޒު ފުރިހަމަކުރަން ޖެހޭނީ ބަލަން ދާ މެޗުގެ 14 ދުވަސް ކުރިިންނެވެ. ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހިތާ 14 ދުވަސް ހަމަނުވާނަމަ މެޗު ބަލަން ނުވަދެވޭނެ އެވެ.
ޔޫރަޕްގައި ހުންނަ ވޯލްޑް ހެލްތު އޯގަަނަައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ރީޖަނަލް އޮފީހުން ވަނީ މި ފަހަރުގެ ޔޫރޯގެ މެޗުތަކަށް ސަޕޯޓަރުން ވަންދަން ބައެއް ގައުމުތަކުން ލުއިދޭ ގޮތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޔުއެފާ އިން ނިންމާފައިވަނީ ޔޫރޯ މެޗުތައް ބަލަން ދަނޑަށް ސަޕޯޓަރުން ވެއްދޭނީ އެ ގައުމަކުން ހުއްދަ އޮންނަ އަދަދަކަށް ކަމަށް ކަނޑައަޅައިފަ އެވެ.
އިނގިރޭސި ސަރުކާރުގެ އިވެންޓްސް ރިސާޗް ޕްރޮގްރާމްގެ ތެރެއިން ދެން ސަޕޯޓަރުން ވަންދަން ލުއި ދީފައިވަނީ މި މަހު 28 ވަނަ ދުވަހު އެ ގައުމުގައި ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތާއި އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދި އޯޕަން ގޮލްފް މުބާރާތަށެވެ.












