ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ L-10 ހުއްދަ ލިބިގެން އެތެރެކޮށްފައިވާ ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދެއް ރަޖިސްޓްރީކޮށްދިނުމަށް އެ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑިސެމްބަރު 31، 2020، ގެ ނިޔަލަށް ހުއްދަ ލިބިގެން އެތެރެކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތައް އަންނަ ސެޕްޓެމްބަރު، 21، އާ ހަމައަށް ރަޖިސްޓްރީކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަކު ކޮވިޑް-19 ގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިވަގުތު ރަޖިސްޓްރީކޮށްދޭނީ މާލެ ފިޔަވައި، ހުޅުމާލެ އަދި ރާއްޖޭގެ އެހެން ރަށްތަކުގައި ދުއްވުމަށް ރަޖިސްޓްރީ ކުރާ އުޅަނދުތައް އެކަނި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 2014 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އުޅަނދު އުފެއްދި ތާރީހުން ފެށިގެން ފަސް އަހަރު ހަމަވެފައިވާ ހަތަރު ފުރޮޅުލީ ބައެއް އުޅަނދުތައް ފެތެނީ ރަޖިސްޓްރީނުކޮށްދެވޭނެ އުޅަނދުތަކުގެ ކެޓަގަރީއަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ "އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވާ ފަދަ ދަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ ޕިކަޕު" ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށެވެ.

ސައިކަލާއި ދެ ފުރޮޅުލީ އުޅަނދުތައް ފިޔަވައި ހުރިހާ އުޅަނދެއް ވެސް ރާއްޖެ ގެނައުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައި ވަނީ ވެސް އެއްގަމު ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 2014 ވަނަ އަހަރު ގެނައި އިސްލާހުގަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން މިއަދު ނެރުނު އިއުލާނުގެ ދަށުން، ރަޖިސްޓްރީ ނުކުރެވޭނެ އުޅަނދުތަކުގެ ކެޓަގަރީއަށް ފެތޭ ވެހިކަލް ވެސް، ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އޮތް ނަމަ ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިކަމުގައި އެ އިދާރާގެ ބަހެއް ވަގުތުން ލިބޭ ގޮތް ވަނީ ނުވެފަ އެވެ.













