މިއުނިކް (ޖޫން 21) - ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޮސްމާން ޑެމްބެލޭ ފްރާންސްގެ ޔޫރޯ ސްކޮޑުން ބާކީކޮށްފި އެވެ.
އުމުުރުން 24 އަހަރުގެ ޑެމްބެލޭގެ ކަކުލަށް އަނިޔާވީ ފްރާންސް އެންމެ ފަހުން ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެމްބެލޭ ވަނީ 30 މިނިޓް ފަހުން ބަދަލުކުރަން ޖެހިފަ އެވެ. އެއީ ކަކުލަށް އަނިޔާވެގެންނެވެ.
އަނިޔާގެ ސީރިއަސްކަން ދެނެގަތުމަށް ހެދި ޓެސްޓްތަކަށް ފަހު އެނގުނީ ޑެމްބެލޭ އަށް އެއްކޮށް ފިޓްވެވޭނީ މަހެއްހާ ދުވަސް ފަހުން ކަމެވެ. އެހެންވެ، ފްރާންސް ޓީމާ ވަކިވާން ޖެހުނީ އެވެ.
ފްރާންސް އިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެެވެ. އަނެއް ބުރުުން ފުރުސަތު ހޯދަން މި ދެ ޓީމަށް ވެސް މި މެޗު މުހިއްމެވެ.

ހަންގޭރީ ކުޅުންތެރިއަކު ޑެމްބެލޭ އަތުން ބޯޅަ ހޯދަން ޓެކަލްކުރަނީ.
ރިޕޯޓްތައް ބުނާގޮތުން ޑެމްބެލޭގެ ބަދަލުގައި ފްރާންސް ޓީމުގައި ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތެއް ނެތެވެ. އެއީ ބަދަލުގައި ކުޅުންތެރިއަކު ހިމަނަން ޔުއެފާ އިން ފުރުސަތު ދެނީ މުޅި ހާލަތަށް ބެލުމަށް ފަހު ކަމަށްވާއިރު، ޑެމްބެލޭގެ އަނިޔާވެފައިވަނީ ބަދަލުގައި ކުޅުންތެރިއަކު ނަގަން މަޖުބޫރުވާ ފަދަ ގޮތަކަށް ނޫން ކަމަށް ފެންނާތީ އެވެ.
ފްރާންސްގެ ސްކޮޑުގައި އެޓޭކަށް ބަލާއިރު ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަ އެވެ. އެ ޓީމުގެ އެޓޭކިން ކުޅުންތެރިންގެ ތެރޭގައި ކީލިއަން އެމްބާޕޭ، ކަރިމް ބެންޒެމާ، އޮލިވިއޭ ޖިރޫޑް، ވިސާމް ބެން ޔެޑާ އަދި ކިންގްސްލީ ކޯމަން އެބަހުއްޓެވެ.
ޑެމްބެލޭ ފްރާންސް ސީނިއާ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރު އެވެ. އޭނާ އަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ޗެމްޕިއަންކަން ފްރާންސް އިން ހޯދިއިރު، ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ކްލަބް ލެވަލްގައި ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެމްބެލޭ އަށް މިދިޔަ ސީޒަންތަކުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. ތަކުރާރުކޮށް އަނިޔާގެ މައްސަލަތައް ގިނަވުމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އޭނާ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެެވެ.












