ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމުމަށް މަދުވެގެން ނުވަ މަސް ދޭން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި އެދިވަޑައިގެންފި އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ސަރުކާރުން ދޭން ނިންމާފައިވަނީ ތިން މަސް ދުވަހު އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ތިން މަސް ދުވަހުގެ ތެރޭގައި އެކަން ނިންމޭނީ މަދު ބަޔަކަށެވެ.
އެ މަސައްކަތް ނިންމުމަށް މަދުވެގެން ނުވަ މަސް ދޭން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ނުވަ މަސް ދިނުމަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށާއި އެހެންވެ އެކަން ރައީސް އޮފީހާއި އެޗްޑީސީގައި ދަންނަވާފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ އެއްބަސްވުންތައް އަންނަ މަހުގެ ތެރޭގައި ސޮއި ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވާއިރު، އެއަށްފަހު ފިނިޝިންގެ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ.
ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ހަވާލުކުރަނީ ޓައިލްސް ޖެހުމާއި ދެ ކޮޓަރި އާއި ދެ ފާހާނާގައި ވެސް އެތެރޭގެ ދޮރުތަކާއި ކިޗަން ކެބިނެޓާއި އެތެރޭގެ ފާރުތަކުގައި ކުލަ ލުމާއި ބޮކިތަކާއި ފަންކާތައް ހަރުކުރުން އަމިއްލައަށް ކުރަންޖެހޭ ގޮތަށެވެ.
ހިޔާ ފްލެޓްތައް ރައްޔިތުންނަށް ދޫކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަމަޖެއްސީ 6600 ރުފިޔާ އަށެވެ. އެއީ ކުއްޔަށް 5600 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް 1000 ރުފިޔާ ނަގާ ގޮތަށެވެ.
ނަމަވެސް އެޗްޑީސީން އެޗްޑީސީން ބުނެފައިވަނީ މަސައްކަތް ނިންމަން ނަގަން އުޅުނީ 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ކަމަށެވެ.
އެކަމަކު ކޮވިޑުގެ ބަލިމަޑުކަމާ ހެދި ކުރިމަތިވި ގޮންޖެހުންތަކާއި ލޯނު ނަގައިގެން މަސައްކަތް ނިންމަން އިތުރު މުއްދަތެއް ހޭދަވާނެތީ ސަރުކާރުން ވިސްނުން ބަދަލުކުރީ އެވެ. ފަހުން ލޯނު ނުނަގާ ގޮތަށް މި ސަރުކާރުން ނިންމީ، ލަސްނުކޮށް ފްލެޓުގެ ހައްގުވެރިންނަށް ހަވާލުކުރާށެވެ.













