ކޮވިޝީލްޑް ވެކްސިން ޖެހުމުން ކޮރޯނާ ވައިރަހުގެ އިންޑިއާ ވޭރިއަންޓު ނުވަތަ ޑެލްޓާ ވޭރިއަންޓުން ރައްކާތެރިކޮށްދޭ މިންވަރު 94 ޕަސެންޓަށް އަރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތު އިންގްލެންޑުން ކުރި ދިރާސާއަކުން ދައްކަނީ ފައިޒާ އާއި އޮކްސްފޯޑް/އަސްޓްރާޒެނެކާ ވެކްސިން ޖަހާފައި ތިބޭ މީހުން އިންޑިއާ ވޭރިއަންޓުގެ ސަބަބުން ބަލިބޮޑުވާ މިންވަރު ދަށް ކަމަށެވެ.
ކޮރޯނާ ވައިރަހުގެ ހަތް ވޭރިއަންޓެއް ދުނިޔެއިން ފެނިފައިވާއިރު އެ ދިރާސާއިން ދައްކާ ގޮތުގައި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މާ ރަނގަޅަށް ވެކްސިންތައް މަސައްކަތް ކުރެ އެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުގެ ދިރާސާއިން ދައްކާ ގޮތުގައި ފައިޒާ ވެކްސިންގެ އެއް ޑޯޒު ޖެހުމުން ވެސް ބަލިބޮޑުވާ މިންވަރު 94 ޕަސެންޓު ދަށްވެ އެވެ. އަދި ދެ ޑޯޒު ޖެހުމުން 94 ޕަސެންޓަށް އެ އަދަދު އަރަ އެވެ. އޮކްސްފޯޑް/އަސްޓްރާޒެނެކާ ވެކްސިންގެ އެއް ޑޯޒުން 71 ޕަސެންޓު ރައްކާތެރިކަން ލިބެ އެވެ. އަދި ދެ ޑޯޒުން 92 ޕަސެންޓު ރައްކާތެރިކަން ލިބެ އެވެ.
ވެރި ރަށް މާލޭގައި ވަރަށް ގަދަޔަށް ކޮވިޑް ފެތުރޭތާ ދޮޅު މަހަށްފަހު ޕޮޒިޓިވްވާ ކޭސްތައް މިހާރު އަންނަނީ މަދުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރޭ ހިސާބުތަކަށް ބަލާއިރު މިދިޔަ މެއި، 27، ގައި މުޅި ގައުމުން 1299 މީހުން އަދި މާލެއިން 799 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މެއި މަހު އެކަނި ވެސް 88 މީހުން ރާއްޖޭން މަރުވި އެވެ.
ކޮވިޑް ފެތުރޭ މިންވަރު ދަށަށް ގޮސްފައި މި ވަނީ މެއި، 26، ގައި މާލެ ލޮކްޑައުންކޮށް، ސަރުކާރުގެ އޮފީސްތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ޕާކުތަކާއި ސެލޫންތަކާއި ސްކޫލްތައް ބަންދުކޮށް، ހުއްދަ ނަގައިގެން މެނުވީ ބޭރަށް ނުނިކުމެވޭ ގޮތަށް ހެދުމުންނެވެ.
ބަލިޖެހޭ މީހުންގެ އަދަދުތައް މިހާރު ދަށްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް ހާލަތު ގޯސްވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ބައްޔާއެކުގައި އުޅެން އެބަޖެހޭ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި. ޓްރެންޑްސްތައް މިހާރު ވަރަށް ބޮޑަށް އިމްޕްރޫވް ވަމުން މިއަންނަނީ އެކަމަކު ވެސް [އާންމު ފަރުދުން] އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ. ހާއްސަކޮށް ދިގު މުއްދަތުގެ ފަރުވާތައް ކުރަމުންދާ ބަލި މީހުން،" ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރު ޑރ. އަހުމަދު ޝަހީދު ކުރިން ވިދާޅުވެފައިވެ އެވެ.












