ދެ މަހެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެނބުރި ރާއްޖެއަށް ވަޑައިގެންފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ އދ. އާއްމު މަޖިލީހުގެ ރައީސް ކަމުގެ ކެމްޕޭނަށެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު އިންތިހާބަށް ވަޑައިގެން އެމެރިކާގައި މަޑުކުރެއްވީ ކޮވިޑް-19ގެ ސަބަބުން އިންތިހާބު އޮންނަ ދުވަހު އެކޮޅަށް އަނބުރާ ވަޑައިގަންނަވަން ހުރަސް އެޅި ދާނެތީ ކަމަށް އޭރު ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި، ޝާހިދު ވަނީ އދ. ގެ 76 ހަ ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންފަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އެ މަގާމަށް ދިވެއްސަކު އިންތިހާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި އާއްމު މަޖިލީހުގެ އާ ދައުރާއެކު ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާއިރު، ގިނަ ވަގުތު އޭނާ އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ބުނެ އެވެ.
އަންނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ދިގު ދެމިގެންދާ ދައުރުގައި ގިނަ ޒިންމާތަކެއް އަދާކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވައިފަ އެވެ.
އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނެވުމުން ކުރިން ނުހުޅެވޭނެ ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އާ ދައުރު ފެށުމުގެ ކުރިން ޝާހިދު އަނބުރާ އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށެވެ.













