އިންޑިއަން އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމު ވާދަކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދާ މި ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން އެތުލެޓިކްސް ރިލޭ ޓީމެއް ވާދަކުރާ ގޮތަށް އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.
ރާއްޖޭން ވާދަކުރާ ފިރިހެން ޓީމުގައި ހިމެނެނީ ނުޖޫމް ހަސަން، އިބާދުﷲ އާދަމް، ހުސެއިން ރިޒާ އަދި އަބްދުއްރަޝީދު ހަސަން އެވެ. އަންހެން ޓީމުގައި ހިމެނެނީ މަރިޔަމް ރޫޔާ އަލީ، މަރިޔަމް މަލްހާ، ރިފާ މުހައްމަދު، އައިޝަތު ހިމްނާ ހުސެއިން އަދި އައިޝަތު ޝަބާ ސަލީމް އެވެ.

އިންޑިއާ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ސްކޮޑު.
އިންޑިއާ އިން ގިނަ ގައުމުތަކަކަށް ދައުވަތު ދީގެން ކުރިއަށްގެންދާ މި މުބާރާތަކީ ސްޓޭޓް ޗެމްޕިއަންޝިޕެއް ނަމަވެސް މީގެ ބައިނަލްއަގުވާމީ އެތުލީޓުންނަށް އާންމުކޮށް ފުރުސަތުދެ އެވެ. އެއީ އިންޑިއާގެ އެތުލީޓުންގެ ފެންވަރު ވަޒަންކުރުމާއި ބައިނަލްއަގުވާމީ ފުރުސަތުތައް ބޭނުންވާ އެތުލީޓުންނަށް އެ ފުރުސަތުތައް ފަހިކޮށްދޭށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީ ލަންކާ، ބޫޓާން، ޕިލިޕީންސް އަދި ކަޒަކިސްތާން ވާދަކުރާނެ އެވެ.
މީގެ ކުރިން ރާއްޖޭން މި މުބާރާތުގައި ވާދަކޮށްފައިވަނީ 2014 އާއި 2019 ވަނަ އަހަރުގަ އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ރާއްޖެ ޓީމުގެ އެތުލީޓުންނަށް ޓްރެއިނިން ކޭމްޕްތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް އިންޑިއާ އިން ދެ އެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ޓީމު ފުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.
އިންޑިއާ އާއި މެލޭޝިއާ އަދި އެ ނޫން ވެސް އެކި ގައުމުތަކުގެ ސްޓޭޓް ލެވަލް މުބާރާތްތަކުގައި މީގެ ކުރިން ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުން ވަނީ ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ބެޑްމިންޓަނާއި ޓޭބަލް ޓެނިސް ފަދަ މުބާރާތްތައް ހިމެނެ އެވެ.
ސަރަހައްދީ ގައުމު ގައުމުތަކުގެ މި ފަދަ މުބާރާތްތަކުގައި ވާދަކޮށްގެން މި ރީޖަނުގެ އެކި ގޭމްސްތަކުގައި ވާދަކުރަން ދިވެހި ކުޅުންތެރިންނަށް ބޭނުންވާ މުހިއްމު ތަޖުރިބާތަކެއް ލިބެ އެވެ.












