ބުޑަޕެސްޓް، ހަންގޭރީ (ޖޫން 15) - މި ފަހަރުގެ ޔޫރޯގެ މަރުގެ ގްރޫޕްގައި ޗެމްޕިއަންކަން ހޯދޭނެ ފެންވަރުގެ ތިން ޓީމެއް އެބައޮތް ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ އިތުރުން ގްރޫޕް އެފްގައި އޮތީ ދެ ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސާއި ތިން ފަހަރު ތަށި އުފުލާލި ޖަރުމަނުގެ އިތުރުން ކުރިން ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ހަންގޭރީ އެވެ.
މި ފަހަރުގެ މުބާރާތަށް ޕޯޗުގަލް ނުުކުންނައިރު ޔޫރަޕްގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ދާދި ފަހުން ޔުއެފާ އިން ފެށި ނޭޝަންސް ލީގުގެ އަލަތު މުބާރާތެވެ. އެ މުބާރާތުގެ ތަށި ޕޯޗުގަލް އިން ހޯދީ 2019 ވަަނަ އަހަރު ނެދަލެންޑްސް ބަލިކޮށްފަ އެވެ.
ޕޯޗުގަލްގެ ކޯޗު ސަންޓޯސް އަކީ އެ ގައުމުގެ ފުޓްބޯޅައިގައި މިހާރު ލެޖެންޑެއްގެ ދަރަޖަ ދީފައިވާ ކޯޗެވެ. އެއީ ފުޓްބޯޅައިގައި ރަން އަކުރުން އެ ގައުމުގެ ނަން ލިޔެދީފައިވާތީ އެވެ. ސަންޓޯސް ބުނީ މި ފަހަރުގެ ޔޫރޯ އަށް ނުކުންނާނީ އެ ޓީމުގެ ކާމިޔާބީގެ އާ ސޮފުހާ އެއް ލިޔުމަށް ކަމަށެެވެ.
"މި ވަގުތަށް ބެލިޔަސް އަހަރެމެން އަތުގައި އެބަހުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ ފެންވަރު،" ކުރިން ގްރީސް އަށް ވެސް ކޯޗުކޮށްދިން ސަންޓޯސް ބުންޏެވެ.

ޕޯޗުގަލްގެ މެޗެއްގެ ތެރެއިން ސަންޓޯސް.
ވަރުގަދަ ގްރޫޕެއްގައި ޕޯޗުގަލް އޮތުމަށް އިޝާރާތްކޮށް ސަންޓޯސް ބުނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ ފެންވަރު ހުރި ގިނަ ޓީމުތަކެއް އެބައޮތް ކަމަށެވެ. އަދި އެ ޓީމުތަކުގެ ތެރޭގައި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި އޮތް ފްރާންސާއި ޖަރުމަނު ހިމެނޭ ކަމަށް ސަންޓޯސް ބުނީ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަަވާބުގަ އެވެ.
"ވަރަށް ވާދަވެރި ޓީމުތަކެއް އެބައޮތް. ހަތެއް ނޫނީ އަށް ވަރަކަށް ޓީމު އެބައޮތް ގައުމަށް ތަށި ގެންދެވޭނެ ފެންވަރުގެ. އެބަހުރި ޑާކް ހޯސްތަކެއް ވެސް (ހީނުކުރާ ޓީމުތަކެއް) ތަށި ގެންދެވޭނެ ފެންވަރުގެ. އަހަރެމެންނަށް މީގެ އޮތް ފަރަގަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށް ވުން. ދެން މި ގްރޫޕްގައި ވެސް ތަށި ހޯދޭނެ ޓީމުތައް އެބައޮތް،" ސަންޓޯސް ބުންޏެވެ.
ސަންޓޯސް ބުނީ ޕޯޗުގަލް އިން ވިސްނާނީ ގްރޫޕްގެ ގަދަ ދެ ޓީމުގެ ޖާގައިގެ ތެެރެއިން ނޮކައުޓް ބުރަށް ދިއުމަށް ކަމަށާއި އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކަށް ނޮކައުޓް ބުރުން ލިބޭ ޖާގައިގައި ކުރިއަށްދާން ނުވިސްނާ ކަމަށެވެ.
ޕޯޗުގަލް އިން މި ފަަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނަނިކޮށް ފަހު ވަގުތު އެ ޓީމުގެ ފުލްބެކް ޔާއޯ ކަންސޭލޯ ކޮވިޑަށް ޕޮޒިޓިވްވެ އޭނާ އަށް ވަނީ ޔޫރޯ ގެއްލިފަ އެވެ. ކަންސޭލޯގެ ބަދަލުގައި ޕޯޗުގަލް ސްކޮޑުގައި ހިމެނީ ޑިއޯގޯ ޑަލޯ އެވެ.
ހަންގޭރީގެ ކޯޗު މާކޯ ރޮސީ ބުނީ ވަކި ކުޅުންތެރިއަކުގެ ނަން ކިޔާފައި ޕޯޗުގަލް އިން ސަމާލުވާން ޖެހޭ ކުޅުންތެރިއަކު ނުދެއްކޭނެ ކަަމަށާއި އެ ސްކޮޑުގައި ތިބި ކޮންމެ ކުޅުންތެރިއަކު ވެސް ވަރަށް ހުނަރުވެރި ކަމަށެވެ.
"އަހަންނަށް އެ މީހުންގެ ސްކޮޑުގެ އެންމެންގެ ނަން ވެސް ކީދާނެ. އެކަމަކު ވަކި ކުުޅުންތެރިއަކު މުހިއްމުވާނޭ ބުނެގެން ދެން ތިބި ކުޅުންތެރިންނަށް އިހުތިރާމް ކުޑަކުރަން ނެތިން. އަހަރެން އަމިއްލަ ވިސްނުމުގައި ބުނަންޏާ އަހަންނަށް އެ ޓީމުގެ ކިޓް މޭން އަށް ނޫނީ ގްރައުންޑް މޭން އަށް ވެވިދާނެ. އެއީ އެ ފެންވަރުގެ ކުޅުންތެރިން އެ ތިބީ،" ރޮސީ ބުންޏެވެ.

ހަންގޭރީގެ ޕްރެކްޓިހެއްގެ ތެރެއިން ރޮސީ.
އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ޔޫރަޕްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ހަންގޭރީން ތައްޔާރުވަމުން އަންނައިރު، ރޮސީގެ ނަޒަރުގައި މި ތިން މެޗުގައި ހަންގޭރީ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ވަކިވަކިން ކުޅުމުގެ ބަދަލުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ.
"އިންޑިވިޖުއަލީ ބަލާއިރު ވަރަށް ތަފާތު ކުޅުންތެރިން އިދިކޮޅުގައި ތިބީ. އެހެންވީމަ އަހަރެމެން ކޮންމެ ކަމެއް ކުރަން ޖެހޭނީ ވެސް ޓީމެއްގެ ގޮތުގައި. އެންމެ މުހިއްމު ކަމަކީ ރަނގަޅު ފެށުމެއް ހޯދުން. އެއީ ޕޯޗުގަލް މެޗުގެ ފޯކަސް އަކީ. ތަށި ހޯދި ޕޯޗުގަލް ޓީމަށް ވުރެ މިހާރު އޮތް ސްކޮޑު ފުރިހަމަ،" ރޮސީ ބުންޏެވެ.
ހަންގޭރީގެ ޕުސްކަސް އެރީނާ އަކީ މި ފަހަރުގެ ޔޫރޯގައި ސަޕޯޓަރުން ވައްދައި ދަނޑު ފުރާލައިގެން ކުޅެން ހުއްދަ ލިބިފައިވާ ހަަމައެކަނި ދަނޑެވެ.
ހަންގޭރީއާ ދެކޮޅަށް ކުޅުނު 13 މެޗުން ޕޯޗުގަލް ބަލިވެފައިނުވެ އެވެ. ނުވަ މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޕޯޗުގަލް އާއި ހަންގޭރީއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން 21:00 ގަ އެވެ.












