ލިޒްބަން (ޖޫން 13) - ޔޫރޯގައި ޕޯޗުގަލް ކުޅެން އޮތް ފުރަތަމަ މެޗު ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް އެ ޓީމުގެ ފުލްބެކް ޔާއޯ ކަންސޭލޯ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު އޭނާ އައިސޮލޭޝަނަށް ދާން ޖެހިއްޖެ އެވެ.
އިއްޔެ ކުރި ޕީސީއާރް ޓެސްޓްތަކުން އުުމުރުން 27 އަަހަރުގެ ކަންސޭލޯ ޕޮޒިޓިވްވިއިރު، ދެން ތިބި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ނެގެޓިވްވެފަ އެވެ. ކަންސެލޯގެ ބަދަލުގައި ޕޯޗުގަލް ސްކޮޑަށް އިތުރުކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި އޭސީ މިލާނަށް މޮޅު ކުޅުމެއް ދެއްކި ޑިއޯގޯ ޑަލޯ އެވެ.
ޕޮޒިޓިވްވުމާ އެކު މެންޗެސްޓާ ސިޓީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކަންސެލޯ އަށް މި ފަހަރުގެ ޔޫރޯގައި ދެން ނުކުޅެވޭނެ އެވެ. ޔުއެފާ ޕްރޮޓޮކޯލްގައިވާ ގޮތުން ޕޮޒިޓިވްވާ ކުޅުންތެރިން 10 ދުވަހުގެ އައިސޮލޭޝަނަށް ދާން ޖެހޭނެ އެވެ. އެހެންވެ ޕޯޗުގަލް އިން ނިންމީ ކަންސޭލޯގެ ބަދަލުގައި ޑަލޯ ޓީމުގައި ހިމަނާށެވެ.
ޔޫރޯގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ ހަންގޭރީ އެވެ. ދެ ވަނަ މެޗުގައި މި މަހު 19 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅޭނެ އެވެ. ގްރޫޕްގެ ފަހު މެޗުގައި ފްރާންސާ ބައްދަލުކުރާނީ މި މަހު 23 ވަނަ ދުވަހު އެވެ.
ޕޯޗުގަލް ގައުމީ ޓީމަށް 27 މެޗުން ކަންސޭލޯ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. މުބާރާތަށް ތައްޔާރުވާން ޕޯޗުގަލް އިން ކުޅުނު ފަހު މެޗުގައި އިޒްރޭލު ކޮޅަށް ވެސް ކަންސޭލޯ ގޯލެއް ޖެހި އެވެ. އޭނާ އަކީ މެންޗެސްޓާ ސިޓީ އަށް ވެސް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ކަންސޭލޯގެ ބަދަލުގައި ޕޯޗުގަލް ޓީމުގައި ހިމެނި ޑަލޯ އަކީ ޕޯޗުގަލް 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މި ފަހަރުގެ ޔޫރޯގެ ކުރިން ގިނަ ކުޅުންތެރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޔުއެފާ އިން ވަނީ ކޮންމެ މެޗެއްގެ ކުރިންނާއި ފަހުން ހުރިހާ ކުޅުންތެރިންގެ ޕީސީއާރް ޓެސްޓް ހަދަން ޖެހޭ ގޮތަށް ޕްރޮޓޮކޯލެއް ހަަދައިފަ އެވެ.












