ހުސްވި މެއި މަހު ބޯކޮށް ވާރޭވެހި އުދައެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިމި، އަލުން އޮޕަރޭޝަންތައް ފައްޓަން ތައްޔާރުވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން މިއަދު ބުނެފި އެވެ.
އިންޑިއާ ކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާނު ޓެއިޓެއިގެ ސަބަބުން ރާއްޖެއަށް ކުރި ވިއްސާރައިގައި ހޯރަފުށި އެއާޕޯޓް ބަންދުކުރަން ޖެހުނީ ރަންވޭއަށާއި ޓާމިނަލަށް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ. އޭރު ދެ ހަފުތާގެ ތެރޭގައި މަރާމާތުތައް ނިންމާލެވޭނެ ކަމަށް ބުނި ނަމަވެސް، މިއަދަށް އެއާޕޯޓް ބަންދު ކުރިތާ ހަތަރު ހަފުތާ ވެއްޖެ އެވެ.
ހޯރަފުށި އެއާޕޯޓުގެ މަރާމާާތު މަސައްކަތްކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން އެއާޕޯޓުގެ ރަންވޭ އަދި ޓާމިނަލަށް ލިބުނު ގެއްލުންތަކުގެ އިތުރަށް ހޯރަފުއްޓާ އެއާޕޯޓް ގުޅާލަދޭ ކޯސްވޭ މަރާމާތުކޮށް ނިންމާލީ ބުރާސްފަތި ދުވަހު އެވެ.
އެމްޓީސީސީން މި މަސައްކަތްތައް ކުރީ އެއާޕޯޓުގެ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުނިން އެއާޕޯޓަށް ދީފައިވާ އެއް އަހަރު ދުވަހުގެ ވޮރެންޓީގެ ދަށުންނެވެ.
އެއާޕޯޓުގެ މަރާމާތުތައް ނިމުމާ ގުޅިގެން އެއާޕޯޓް އަލުން ހުޅުވާނެ ތާރީހަކާ ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "އަދަދު" އަށް ވިދާޅުވީ އެއާޕޯޓް އަލުން ހުުޅުވާނީ މި ޖޫން 16 ވާ ބުދަ ދުވަހު ކަމަށެވެ. މިހާރު ވަމުންދަނީ އެކަމުގެ ފަހުގެ ތައްޔާރީތަކެވެ.

އެއާޕޯޓު އޮޕަރޭޝަނަށް ގެންނަން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުގެ ސޭފްޓީ އެސެސްމަންޓުން ބެލިބެލުމުގައި ދާއިމީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވެ އެވެ.
އެންމެ ބޮޑު ބިރަކަށްވީ ހިއްކާފައި އޮތް ސަރަހައްދަކަށް ވުމުން ރަންވޭ ދަށުން ވެލިގަނޑު ދަމައިގެންފައި އޮވެ ދާނެތީ އެވެ. ނަމަވެސް އެކަހަލަ ގެއްލުމެއް ލިބިފައި ނުވާކަމަށް އިތުބާރުހުރި މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތަފްސީލުތައް އެނގޭނީ އެމްޓީސީސީން އެ މައުލޫމާތުތައް ހިއްސާކުރުމުންނެވެ.

މެއި މަހު ކުރި ވިއްސާރައިގައި އެއާޕޯޓް ރަންވޭ އަދި ފަސިންޖާ ޓާމިނަލަށް ލޮނުގަނޑު އެރި -- ފޮޓޯ: ސޯޝަލްމީޑިއާ
210 މިލިއަަން ރުފިޔާ ހަރަދުކޮށްގެން އެޅި ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެ އެއާޕޯޓު އެޅީ އީއައިއޭއާ އެއްގޮތަށްތޯ ސުވާލު އުފެދުނެވެ. ރައްދުގައި ޕްލޭނިން މިނިސްޓްރީން ބުނީ އެއާޕޯޓަށް އުދަ އަރާ ގެއްލުން ލިބުނީ އީއައިއޭ ރެކޮމެންޑޭޝަނާ އެއްގޮތަށް ވަށައިގެން ތޮށިލާން ރާވާފައި ވަނިކޮށް ކަމަށެވެ. އެ މަސައްކަތް ކުރިން ނުކުރި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.












