މާދިހު: ވަކިވެގެން އެ ދިޔައީ ދިވެހި ކުޅިވަރުގެ ބޮޑު ހިދުމަތްތެރިއެއް

ކުޅިވަރު އިވެންޓެއްގެ ތެރެއިން މާދިހު.

ކުޅިވަރު އިވެންޓެއްގެ ތެރެއިން މާދިހު.

ދިވެހި ކުޅިވަރު އާއިލާ އަށް މިއަދު ގެއްލިގެންދިޔަ މާދިހު އިސްމާއިލް، 51، އަކީ އޭނާގެ އުމުރުގެ ބޮޑުބައިގައި ރާއްޖޭގެ ކުޅިވަރަށް އިހުލާސްތެރި މަސައްކަތެއް ކޮށްދެއްވި ބޭފުޅެކެވެ. މާދިހު ދިވެހި ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތާ ބެހޭގޮތުން ރާއްޖޭގެ ކުޅިވަރުގެ އެކި ފަންތީގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކުން އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.

ކުރިން އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅުނު މާދިހު އަކީ ކާމިޔާބު ކުޅުންތެރިއެއް، ކޯޗެއްގެ އިތުރުން ކުޅަދާނަ ފިޒިއޯތެރަޕިސްޓެެކެވެ. މާދިހު އެންމެ ފަހުން ކުރި ކުޅިވަރުގެ ބައެއް މަސައްކަތްތަކަށް ބަލާއިރު، އޭނާ އަކީ މި ސީޒަނުގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން އަންނަ މާޒިޔާގެ މެޑިކަލް އޮފިޝަލެކެވެ. އޭނާ އައީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ތައްޔާރުވާން ކުރަން ޖެހޭ މަސައްކަތުގައި އިއްޔެއާ ހަމައަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ އޮގަސްޓް މަހު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ކުޅުމުގެ ކުރިން ކުރަން ޖެހޭ ތައްޔާރީތަކާ ގުޅޭ އެކި މަސައްކަތެވެ.

މި ފަހަރު ލީގުގެ މެޗެއްގެ ތެރެއިން މާދިހު މާޒިޔާގެ ކުޅުންތެރިއަކަށް ދަނޑުމަތީގައި ފަރުވާދެނީ.-- ފޮޓޯ: މާޒިޔާ

މާޒިޔާ އިން ބުނީ އެ ކްލަބާ އެކު މި އަހަރު ރަސްމީކޮށް މާދިހު މަސައްކަތްކުރި ނަމަވެސް މީގެ ކުރިން އެ ޓީމަށް އެހީތެރިކަމެއް ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި ވެސް އެކި ކަހަލަ ކަންތައްތަކުގައި އެހީތެރިވެފައިވާ ކަމަށެވެ.

"ވަރަށް ކުރު މުއްދަތެއްގައި މާޒިޔާއާ އެކު މަސައްކަތް ކުރި ނަމަވެސް އެ ވަގުތުގަކުގައި ވެސް މާދިހު ވަނީ މެނޭޖްމަންޓާއި ކުޅުންތެރިންގެ އިހުތިރާމާއި ލޯބި ހޯދާފައި. ކުޅުންތެރިންނާ ވަރަށް ގާތުން ކުޅުންތެރިންގެ އެހީތެރިއެއްގެ ގޮތުގައި ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދީފި. މާދިހު ގެއްލުމަކީ ދިވެހި ކުޅިވަރަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް،" މާޒިޔާ އިން ބުންޏެވެ.

މާދިހު އައީ 2011 ވަނަ އަހަރުން ފެށިގެން ގިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ ވެސް އަދާކުރަމުންނެވެ. މީގެ ކުރިން އެހެން ސްކޫލްތަކާއި ރަށްރަށުގައި ވެސް ކުޅިވަރުން ކުޅުންތެރިން ތަމްރީން ކުރުމުގައި އެތައް ޕްރޮގްރާމެއް ހިންގުމުގައި އަވަދެނިތި ބުރަކޮށް މަސައްކަތް ކުރެއްވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ މަޝްހޫރު ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ)، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔުންވާފައިވާ ގޮތުގައި މާދިހު މުޅި އުމުރުގެ ބޮޑުބައި ހޭދަކުރީ ކުޅިވަރުގެ ތަރައްގީ އާއި ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގައި ކަމަށެވެ.

"މާދިހު ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރެއްވީ ކުރިއަށް އޮތް ޖީލުތަކަށް ހުނަރުވެރި ކުޅުންތެރިންތަކެއް ޑިވަލޮޕްކުރުމުގެ މަސައްކަތުގައި،" މާއްޓޭ ލިޔުއްވާފައިވެ އެވެ.

މި ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ އިވެންޓްގެ ތެރެއިން މާދިހު.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މާދިހަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި މީހުންނާ ގުޅޭ އެކުވެރި ބޭފުޅެއް ކަމަށާއި ކުޅިވަރުގެ ހަރަކާތްތަކުން މާދިހު ނުފެނުމަކީ ނާދިރު ކަމެއް ކަމަށެވެ.

"އެހާ ވެސް ޝައުގުވެރިކަމާއި ފޯރި ކުޅިވަރުތައް ކުރިއަރުވަން އަދި މީހުން ބިނާކުރުމުގައި ގެންގުޅުއްވި. އެކުވެރި މާދިހުގެ ކުއްލި ވަކިވެދިއުމަކީ މުޅި ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް،" މަހުލޫފް ޓްވީޓްކުރެއްވި އެވެ.

މާދިހު ކުޅިވަރުގައި އަދާކުރެއްވި އިސް މަގާމުތައް/ ކުރެއްވި ހާއްސަ މަސައްކަތްތައް

- ކްރިކެޓް ބޯޑުގެ ވައިސް ޗެއާމަންކަން (2016-2020)

- އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ މެމްބަރުކަން (2008-2012)

- އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވައިސް ޗެއާމަންކަން (2012-2016)

- ގިޔާސުއްދީން ސްކޫލްގެ ޕީއީ ޓީޗަރު ކަމާއި އެ ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރުކަން (2011 އިން ފެށިގެން)

- އެމްއެސް ސްޕޯޓްސް އެކެޑަމީގެ ޗެއާޕާސަން ކަން.

- ބީޖީ ސްޕޯޓްސް ކްލަބް (ފައުންޑާ މެމްބަރު)

- ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓެކްނިކަލް ޑިރެކްޓަރު)

- ސްވިމިން އިންސްޓްރަކްޓަރުކަމާއި ޖިމް އިންސްޓްރަކްޓަރުކަން

މާދިހަކީ ކޮވިޑްގެ އާލާސްކަންފުޅުގައި މިދިޔަ އަހަރު ނިޔާވި ރ. އަތޮޅުގެ ކުރީގެ މެމްބަރު ޒަކަރިއްޔާ އިސްމާއިލްގެ ބޭފުޅެކެވެ. އަދި މާދިހަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް ޝާހު އިސްމާއިލް (ސާޔާ)ގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

ކުޅިވަރަށް ހިދުމަތްކުރުމަށް މާދިހު ހުރީ އަބަދުވެސް ތައްޔާރަށެވެ. ކުޅިވަރުގެ ދާއިރާ އަށް ބަލާއިރު މާދިހުގެ އެހީތެރިކަން ކްލަބްތަކާއި ގައުމީ ޓީމުތަކާއި ރެކްރިއޭޝަނަލް ކުޅިވަރުތަކުގައި ވެސް ވަނީ ލިބިފަ އެވެ. ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި މާދިހު ވަނީ އަމިއްލަ ހައިސިއްޔަތުން ވެސް ގިނަ ގޮތްގޮތުން ހިދުމަތްތަކެއް ކޮށްދީފަ އެވެ.

ކުޅުންތެރިންގެ އިހުސާސްތައް ގާތުން އަޑުއަހައި އެންމެ އުނދަގޫ ވަގުތުތަކުގައި ވެސް އެހީތެރިއެއްގެ ގޮތުގައި މާދިހު ހުރިކަން އަބަދު ވެސް ކުޅުންތެރިން ހަނދާން ކުރާނެ އެވެ. ގައުމީ ޓީމުގެ ގޯލު 17 އަހަރުން ވަންދެން ބަލަހައްޓައި މިހާރު ޓީމުގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިމްރާން މުހައްމަދު ބުނީ މާދިހަކީ އެކުވެރި އަދި އެހީތެރިކަމުގައި ދެވަނަ އެއް ނުވާ ފަދަ ރަހުމަތްތެރިއެއް ކަމަށެވެ.

"ގައުމީ ޓީމު އޮފިޝަލެއްގެ ގޮތުގައި މާދިހު އުޅުނުއިރު ފެނިގެން ދިޔައީ މުރާލިކަމާއި ގައުމީ ޖޯޝު. ކުޅުންތެރިޔަކު ކޮންމެ ވަގުތަކު ކަމަކު ބުނެލިޔަސް ހުންނަނީ އެކަމެއް ކުރަން ތައްޔާރަށް،" އިމްރާން ބުންޏެވެ.

ކްރިކެޓް ކުޅުއްވަން ވެސް ޝައުގުވެރިކަން ހުންނަ މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ކްރިކެޓް ބޯޑު މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި މާދިހު ވަނީ އެ އެސޯސިއޭޝަން ހިންގުމުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

އިވެންޓެއްގެ ތެރެއިން މާދިހު ބައިސްކަލެއްގައި ކުއްޖަކާ އެކު.

މާދިހު ވަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ވެސް މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި އޭނާ ޝާމިލުވެ ވުޖޫދުވެގެން އައި ބީޖީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު، އެސިސްޓަންޓް ކޯޗެއްގެ ޒިންމާ ވެސް އުފުލި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދިހު އެ އެސޯސިއޭޝަނަށް ކޮށްދެއްވި މަސައްކަތްތަކަކީ މި ވަގުތު ހަމައެކަނި މެސެޖަކުން ބަޔާންކޮށްދެވޭނެ ކަމެއް ނޫން ކަމަށާއި އެ އަށް ވުރެ ފުޅާ ހިދުމަތެއް ކަމަށެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ މާދިހު ވަކިވެގެން ދިއުމަކީ ދިވެހި ކުޅިވަރަށް ލިބުނު ހިތާމައެއް ކަމަށެވެ. އަދި މާދިހަކީ ދިވެހި ކުޅިވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައި ކުޅިވަރު އާއިލާ ނުހަނު ލޯތްބާއި އިހުތިރާމް ހޯދައި އެންމެނާ ގުޅޭ ފަރާތެެއް ކަމަށް ސުޒޭން ބުންޏެވެ.

ސްކޫލް ކުދިންގެ ކުޅިވަރުތައް ކުރިއެރުވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިން މާދިހަކީ ކުދިންގެ މައިންބަފައިންގެ ލޯބި ވެސް ލިބިފައިވާ ފަރާތެކެވެ. އަދި މާދިހުގެ ހިތްހެޔޮ ކަމަކީ ކުދިން ކުޅިވަރުގެ ތެރެއިން ކުރިއަށް ގެންދަން ގިނަ ކުދިންގެ މައިންބަފައިންނަށް ވެސް ލިބުނު ހިތްވަރެކެވެ.

"މާދިހު ކޯޗަކީ ހަގީގަތުގައި ކުޅިވަރަށް މީހުންގެ އިހުތިރާމް ހޯދައިދޭން މަސައްކަތް ކުރި އިހުލާސްތެރިއެއް. ގިނަ ކުދިންގެ ފޭވަރިޓް މުދައްރިސަކީ ވެސް މާދިހު،" ސްވިމިން އަށް ގަވައިދުން ދާ ކުއްޖެއްގެ އާއިލާ މެމްބަރަކު ބުނެފައިވެ އެވެ.

ގިޔާސުއްދީން ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދިހަކީ އެންމެނާ ގުޅިގެން އެންމެންގެ އިހުތިރާމް ލިބިގެން އަގުނުކުރެވޭ ފަދަ އެތައް ހިދުމަތެއް ކޮށްދެއްވި ފަރާތެއް ކަމަށެވެ.

މާދިހަކީ ގައުމީ ޓީމަށް ކުޅުމުގެ އިތުރުން ކޯޗިންގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެއްވި ފަރާތެއް.

އަންހެން ފުޓްބޯޅަ ކުރިއެރުވުމާއި ކުޅިވަރުގައި އެހެނިހެން ހިދުމަތްތަކެއް ކޮށްދެމުން އަންނަ މަރިޔަމް މުހައްމަދު (މާޔަން) ސޯޝަލް މީޑިއާގައި ލިޔުނު ގޮތުގައި މާދިހު ނިޔާވުމަކީ ރާއްޖެ އަށް ލިބުނު ގެއްލުމެކެވެ. އަދި މާދިހާ ގުޅިގެން މި އަހަރު ކުޅިވަރުގެ މަސައްކަތެއް ފަށަން ނިންމާފައި އޮތްކަން ވެސް މާޔަން ބުނެފައިވެ އެވެ.

"އަހަރެމެން އައީ 2021 ވަނަ އަހަރު (މި އަހަރު) ޕްރޮޖެކްޓެއް ވެސް ފަށަން މަސައްކަތްކުރަމުން. އުއްމީދަކީ އެކަން މާދިހުގެ ނަމުގައި ކޮންމެ ވެސް ދުވަހެއްގައި ކުރުން،" މާޔަން ލިޔެފައިވެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު (ވޮލީ ހުސެން) ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުޅެވޭ ކޮންމެ ކުޅިވަރެއްގައި ވެސް މާދިހުގެ އެހީތެރިކަން ލިބިފައިހުންނާނެކަން ޔަގީންކަމާ އެކު ބުނަން ކެރޭނެ ކަަމަށެވެ.

"ކުޅިވަރުގައި ދެބަސްވެވޭ ކަންކަމުގައި ވެސް ދެބަސްވެވޭ މީހުންނާ އެއް މޭޒަކަށް އަރައި އެކަމެއް ކުރުމަށް އިސްކަން ދިން ކުޅިވަރަށް އިހުލާސްްތެރި ހިދުމަތްތެރިއެއް. ތިމާގެ އަމިއްލަ ކަންތައްތަކަށް ވުރެ އަނެކާ އެދޭ ކަންތައްތައް ކުރުމުގައި އިސްކަން ދިން ދަރުމަވެރިންގެ ޗެމްޕިއަނެއް،" ހުސެން ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ މާދިހުގެ ހިދުމަތުގެ ވާހަކަ ފަށާނީ ކޮން ކުޅިވަރަކުންތޯ އަދި ނިންމާނީ ކޮން ކުޅިވަރަކުންތޯ އެއީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އޭނާ އަކީ އެ އަށް ވުރެ މާ ފުޅާކޮށް ކުޅިވަރަށް ހިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

އިޖުތިމާއީ ކަންކަމުގައި ވެސް މާދިހުގެ އެހީތެރިކަން ވަނީ ލިބިފަ އެވެ. އެ ގޮތުން ހައްޖާއި އުމުރާގެ އަޅުކަން ފުރިހަމަކުރަންދާ މީހުންނާ އެކު ޓުއާ އޮޕަރޭޓަރުކަން އަދި ކޯޑިނޭޓަރުގެ ޒިންމާ އަދާކޮށްފައިވެ އެވެ.

މާދިހުއާ އެންމެ ފަހުން ބަައްދަލުވި ކުޅިވަރުގެ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި އެންމެ ފަހުން ފެނުނުއިރު، ހުރީ ވަރަށް ރަނގަޅަށް އަދި ކުޅިވަރާ މެދު އުއްމީދީ ވިސްނުންތަކަކާ އެކީގަ އެވެ. އަދި އެ ބައްދަލުވުންތަކުގައި ވެސް ކުޅިވަރާ ގުޅުން ހުރި އެކި ވާހަކަތައް ދައްކާފައިވާ ކަމަށާއި ގެއްލިގެން ދިޔައީ ގައުމަށް އަގުހުރި ހިދުމަތްތެރިއެއް ކަމަށް ލިޔެފައިވެ އެވެ.

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox