ދިވެހިރާއްޖޭގެ ކުޅިވަރަށް އެތަށް ހިދުމަތެއް ކޮށްދެމުން އައި މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.
މާދިހުގެ އާއިލާ ބޭފުޅަކު "އަދަދު" އަށް ބުނީ ގައުމީ ޓީމުތަކަށް ކުރިން ކުުޅުނު މާދިހު، 51، ނިޔާވީ ކުއްލިގޮތަކަށް ބަލިވުމުން ރޭ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މާދިހު އަކީ ކޮވިޑް ޖެހިގެން މިދިޔަ އަހަރު ނިޔާވި ރ. އަތޮޅުގެ ކުރީގެ މެމްބަރު ޒަކަރިއްޔާ އިސްމާއިލްގެ ދަރިއެކެވެ. އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ކަމާއި ޔޫތު މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ކުރީގެ ފޯވާޑް ޝާހު އިސްމާއިލްގެ ބޭބެ އެވެ.
ކުޅިވަރުގެ ދާއިރާ އަށް ބަލާއިރު މާދިހުގެ އެހީތެރިކަން ކްލަބްތަކާއި ގައުމީ ޓީމުތަކާއި ރެކްރިއޭޝަނަލް ކުޅިވަރުތަކުގައި ވެސް ވަނީ ލިބިފަ އެވެ. ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި މާދިހު ވަނީ އަމިއްލަ ހައިސިއްޔަތުން ވެސް ގިނަ ގޮތްގޮތުން ހިދުމަތްތަކެއް ކޮށްދީފަ އެވެ. ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި އަދި ފަހުން މެޑިކަލް އޮފިޝަލެއްގެ މަގާމުގަ އެވެ.
ރާއްޖޭގެ މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި މާދިހު އައީ މާޒިޔާގައި ވެސް މަސައްކަތް ކުރަމުންނެވެ. އޭނާ އެ ޓީމުގައި ހުރީ އެ ކްލަބުގެ ފިޒިއޯތެރަޕިސްޓެއްގެ މަގާމުގަ އެވެ. ކުޅުންތެރިންނާ ގާތް ގުޅުމެއް އޮތެވެ.

ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު ފުޅަހެޔޮ ހަށިހެޔޮ ހަރަކާތުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް.
ކުޅިވަރުތަކުގައި އިސް މަގާމުތަކުގައި ވެސް މާދިހު ހިދުމަތްކުރި އެވެ. އެ ގޮތުން މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ސްކޫލްތަކުގައި ވެސް ކުޅިވަރާ ގުޅޭ މަސައްކަތްތައް ކުރަމުން އައި މާދިހު ހުރީ ގިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާގަ އެވެ. އޭނާ އެ ސްކޫލާ ގުޅުނީ 2012 ވަނަ އަހަރު އެވެ.
މާދިހު އަކީ ރާއްޖޭން ބައިނަލްއަގުވާމީ ގޭމްސްތަކުގައި ވާދަކުރިއިރު، ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނިގެން ވެސް އެކިއެކި ހިދުމަތްތަކެއް ކޮަށްދެއްވާފައިވާ ފަރާތެކެވެ. ކުޅިވަރު އާއިލާ އިން ދެކޭގޮތުގައި މާދިހު ވަކިވެގެންދިއުމަކީ ކުޅިވަރަށް ވެސް ލިބިގެންދިޔަ ގެއްލުމެކެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ މަޝްހޫރު ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ)، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔުންވާފައިވާ ގޮތުގައި މާދިހު މުޅި އުމުރުގެ ބޮޑުބައި ހޭދަކުރީ ކުޅިވަރުގެ ތަރައްގީ އާއި ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގައި ކަމަށެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ މާދިހުއަކީ ކުޅިވަރަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި މީހުންނާ ގުޅޭ ހިތްހެޔޮ، ހެޔޮލަފާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ ގާތް އަޚެއް. ސަމާސާ ކުރެއްވުމާއި ހިނިތުންވުމުގެ މާތް ސިފަ ދިމާވި ކޮންމެ ފަހަރަކު ފެނިގެން ގޮސްފައިވޭ. މި މާތް އިންސާނާގެ މި ފުރިހަމަ ސިފަތައް ބަޔާންކުރާނީ ކިހިނަކުންތޯ؟ ހެޔޮ ލަފާދެއްވައި ހެޔޮ ނަސޭޙަތް ދެއްވާ ހެއްދެވި ބޭފުޅެއް. ވަރަށް ފުން ހިތާމައަކާއި އެހާމެ ފުން އަސަރެއް ކޮށްފި،" އަހުމަދު ލިޔުއްވާފައިވެ އެވެ.
މާދިހުއާ މީގެ ދެ ދުވަސްތަކެއް ކުރިން ބަައްދަލުވި ކުޅިވަރުގެ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި އެންމެ ފަހުން ފެނުނުއިރު، ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ވެސް ކުޅިވަރާ ގުޅުން ހުރި އެކި ވާހަކަތައް ދައްކާފައިވާ ކަމަށާއި ގެއްލިގެން ދިޔައީ އަގުހުރި ހިދުމަތްތެރިއެއް ކަމަށް ލިޔެފައިވެ އެވެ.












