"މިއީ ހަމަ ތިޔަ ބޭފުޅުންގެ ކާމިޔާބީއެއް،"
ބަހެއް ހޯދައިލުމަށް ރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގުޅައިލުމުން، ފުރަތަމަ ވެސް ވިދާޅުވީ މިހެންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ބޭފުޅުންގެ ތަހުނިޔާއާއި މުބާރިކުބާދީ ބަންޑުންވަމުން ދިޔަ އިރު، އެ މެސެޖުތައް ރައްދުވި ފަރާތުން ތަކުރާރުކުރެއްވީ ހަމަ އެ ޝުއޫރެވެ.
އދ. އާއްމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއަށް އިންތިހާބުވީ އޭނާ ނޫން ކަމެވެ. މިއީ ވަކި ފަރުދަކަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެއީ ހުރިހާ ދިވެހި ރައްޔިތުންގެ ކާމިޔާބެއް ކަމެވެ.
ރޭ އދ. ގެ މައި މަރުކަޒުގައި ރާއްޖެއަށް ލިބުނު ތާއީދަކީ ކުޑަ ކަމެއް ނޫނެވެ. މުޅި ދުނިޔެ ތަމްސީލުވާ ޖަމިއްޔާގެ 193 މެމްބަރުންގެ ތެރެއިން 143 ގައުމެއްގެ އިތުބާރުގެ ފަހަތުގައި އޮތީ ވަޒަން ވެސް ނުކުރެވޭ ވަރުގެ ވަރުގަދަ މެސެޖެކެވެ. ރަމްޒުކޮށްދެނީ ރާއްޖެއަށް އޮތް އިތުބާރެވެ. އެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމެވެ.

ޝާހިދު ވެސް ވިދާޅުވި ފަދައިން، އެއީ އެ ގައުމުތަކުގެ ރިޔާސަތު ޖެހިލުންނުވި ކަމުގެ ސާފު ދަލީލެކެވެ.
ރޭގެ ޖަލްސާގައި ނަތީޖާ އިއުލާނު ކުރުމާއެކު، މުޅި މާލަން ގުގުމާލި އަތްތިލަބަޑީގެ އަޑާއެކު، ޝާހިދު މަޑުމަޑުން ހިންގަވާފައި ވަޑައިގެން، ރިޔާސަތުގައި ހުއްޓިވަޑައިގެން، ވާހަކަފުޅު ފެއްޓެވީ ދިވެހި ބަހުންނެވެ.
އދ. ގެ އާއްމު މަޖިލީހުގެ އާ ރައީސްގެ ބަހެއްގެ އިންތިޒާރުގައި، ހާރިޖީ ދުނިޔޭގެ ކަޅި ހުއްޓިފައިވަނިކޮށް ފުރަތަމަ އަޑު އިވިގެން ދިޔައީ ފަހުރުވެރި ދިވެހި ބަހެވެ.
ރޭ ދެއްވި އިންޓަވިއުގެ ތެރެއިން ވެސް ޝާހިދު ތަކުރާރުކޮށް ފާހަގަކުރެއްވީ އެ ނުކުތާ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ އޭނާ އެވެ. އެކަމަކު ތަމްސީލު ކުރައްވާނީ ރާއްޖެ އެވެ. އިސްކުރައްވާނީ ރާއްޖޭގެ މަސްލަހަތެވެ. އިއްވަވާނީ ދިވެހިންގެ އަޑު ކަމެވެ.
އެ އިންތިހާބާ ދިމާކޮށް ނިއު ޔޯކުގައި ޝާހިދު ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމުން ޝާހިދަށް އަމާޒުވެފައިވާ ފާޑުކިޔުން ބޮޑެވެ. ހާރިޖީ ވަޒީރުގެ އެންމެ ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ހުންނެވި ކަމުގެ ޝަކުވާ އެވެ. އެ ގޮނޑި އަކީ ޝާހިދުގެ އަމިއްލަ ހާރިޖީ އަދި ސިޔާސީ މުސްތަގުބަލަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.
ދިވެހި ބަހުން ދެއްކެވި ވާހަކަ ނިންމަވާލެއްވުމަށްފަހު، އިނގިރޭސި ބަހުން ވާހަކަ ފައްޓަވަމުން އެކަމަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލެއްވި އެވެ.
ޝާހިދަކީ 1980 ގެ އަހަރުގެ ތެރޭގައި ހާރިޖީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވި ކެރިއާ ޑިޕްލޮމޭޓެކެވެ. ރޭ ދެއްކެވި ވާހަކައިގެ ތެރެއިން އެ ހަނދާންތައް އާ ކުރެއްވި އެވެ.
"ހަނދާނަން އަންނަނީ މި ހޯލުތަކުގެ ތެރޭ ހިނގާފައި އުޅުނު ހަނދާން. މި ޗެމްބަރަށް ވަންނަ ހަނދާން. މިތަނުގެ ތާރީހުން ޝައުގު އިތުރުވެ، ކުރިއަށް ދިޔުމުގެ ހިތްވަރު ލިބިގެން ދިޔަ،" އެ މަގާމަށް ވަޑައިގެންނެވުނު މާޒީ ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
އެފަދަ ޝަރަފަކީ ކޮންމެ ކެރިއާ ޑިޕްލޮމެޓަކު ވެސް ދެކޭނެ ހުވަފެނެކެވެ. އެއީ އަމިއްލަ ގޮތުން ވެސް ލިބޭނެ ބޮޑު ފަހުރެކެވެ. އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެކަމަކު ފަރުދީ ވިސްނުމަކުން އެކަނި ބެލި ނަމަވެސް، ޝާހިދު ރޭ ހޯއްދެވި ކާމިޔާބީއަކީ ރާއްޖޭގެ ހާރިޖިއްޔާއަށް މިސާލެކެވެ. ހާރިޖީ ހިދުމަތުގައި ތިބި ޒުވާނުންނަށް ކުރިއަށް ދިޔުމުގައި ލިބޭނެ ހިތްވަރެކެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ހުރިހާ ޒުވާނުންނަށް ވެސް ނަމޫނާ އެކެވެ.
ކުދި ގައުމުތަކާއި ތިމާވެށި އިސްކުރުމުގެ ފުރުސަތު
ބައިނަލްއަގުވާމީ މައިދާނުގައި ކުދި ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރަން އެންމެ ހަރުއަޑުން ވަކާލާތު ކުރާ ގައުމަކީ ރާއްޖެ އެވެ.
ރާއްޖެއަށް ވޯޓުން ދިން ގައުމުތަކުގެ ތެރޭގައި ކުރި އަރަމުން އަންނަ 37 ކުދި ޖަޒީރާ ގައުމުތައް ހިމެނިގެން ދިޔުމަކީ އެ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގުވާމީ މައިދާނުގައި ހިމާޔަތްކުރާނެ ކަމުގެ އިތުބާރު ރާއްޖެއަށް އޮތް ކަމުގެ ސާފު ހެއްކެކެވެ.
އެ ގައުމުތަކުގެ އަޑު ދުނިޔެއަށް އިއްވުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ އިތުބާރާއެކު ރިޔާސަތު ހަވާލުކުރީ އެ ސަބަބާ ހެދި ކަމަށް ޝާހިދު ވެސް ފާހަގަކުރައްވަ އެވެ.
"ޖަޒީރާ ގައުމުތަކުގެ މެދުގައި އޮތް އަސާސީ މައްސަލަތައް ތަމްސީލުވާ ގޮތަށް އދ. ގެ މަސައްކަތްތައް ކުރިއަށް ގެންދަން މިއީ ލިބޭ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
އޭގެ ފަހަތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އެކަމުގެ ހަގީގަތް އެނގޭ ފަރާތެއް ރިޔާސަތުގައި އިނުމަކީ، އެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން އިތުރަށް ހޯދަން ލިބޭ ކުރިއެރުމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.
އދ. އާއްމު މަޖިލީހަށް ހުށަހެޅޭ ކަންކަމުގެ ތަރުތީބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދެ އެވެ. ބަހުސްތަކުގެ ވަގުތު ކަނޑައެޅުމާއި ފުރުސަތު ދިނުމަކީ ރިޔާސަތުން ނިންމާ ނިންމުންތަކެވެ. ޝާހިދު ވެސް އެ ވިދާޅުވާ ވާހަކައަކީ އެއީ އެވެ.
ކުދި ގައުމުތަކުގެ އަޑު އިއްވަން ފުރުސަތު ދެވޭނީ އެ އިހުސާސްތައް އެނގޭ މީހަކަށެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ބާރުގަދަ ގައުމުތަކުގެ ސަމާލުކަން ހިފެހެއްޓޭނީ، އެކަމުގެ ނުރައްކަލުގެ ހަގީގަތް އެނގޭ ރިޔާސަތަކަށެވެ.
އެއީ އަދި ކުޑަ މިންވަރެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން ފެށިގެން ހަމަހަމަ ކަމާއި ހައްގުތަކުގެ ދުނިޔޭގެ އެޖެންޑާ ކަނޑައެޅުމުގައި ރާއްޖޭގެ ބަހާއި ނުފޫޒު ވެސް މިހާރު އޮންނާނެ އެވެ.
ހުޅުވޭނެ ގިނަ ދޮރުތަކެއް
މުޅި ދުނިޔޭގެ އެފަދަ ބޮޑު ޒިންމާއެއް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އުފުއްލަވާއިރު، ރާއްޖޭގެ ހާރިޖީ ވަޒީރު ކަމުގެ މަސްއޫލިއްޔަތު ވެސް އަދާކުރެއްވޭނެތޯ އެއީ ދިވެހިން ކުރާނެ ސުވާލެކެވެ.
އެ ސުވާލުތަކަށް ޝާހިދު ރޭ ދެއްވީ ވަރަށް ސާފު ޖަވާބެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮނޑުގައި ރޭ އެޅިގެންދިޔަ ބޮޑު ޒިންމާގެ ސަބަބުން ރާއްޖޭގެ ހާރިޖީ ވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.
"މިއީ އެ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް. ކުރިން އަޅުގަނޑުމެންނަށް ނުހުޅުވި ހުރި ގިނަ ދޮރުތަކެއް މިހާރު ހުޅުވިގެންދާނެ. ކުރިން އަޅުގަނޑާ ނުގުޅޭ ގިނަ ވެރިންނާ މިހާރު އަޅުގަނޑަށް ގުޅޭނެ،" ޝާހިދު ވިދާޅުވި އެވެ.
އެއީ ވަރަށް ހައްސާސީ ވާހަކަ އެކެވެ. އދ. އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުގެ ދޮރުގައި ޖަހާ ޓަކިތައް ގިނަވާނެ އެވެ. އެޖެންޑާ ކަނޑައެޅުމުގެ ބާރަށް ކުރާނެ އިހުތިރާމެވެ. ނުސީދާކޮށް ޝާހިދު ވިދާޅުވީ އެ ވާހަކަ އެވެ.
އޭގެން ރާއްޖެއަށް ކުރާނެ ފައިދާ ބޮޑުކަމެވެ. އދ. އާއްމު މަޖިލީހުގެ ރައީސާ ކުރެވޭ މަޝްވަރާތަކުގެ ހަވާސާގައި ދެއްކޭނެ ވާހަކަތެކެވެ. ހުޅުވޭނެ ގިނަ ދޮރުތަކެވެ. ރާއްޖޭގެ ޓޫރިޒަމާއި އިގުތިސޯދަށް ފަހިކުރެވޭނެ ފުރުސަތުތަކެވެ.
އިންޓަވިއު ނިންމަވާލައްވަމުން ރޭ ލިބުނު ކާމިޔާބީގެ ބޮޑުކަން ސިފަ ކުރައްވަމުން ޝާހިދު ވިދާޅުވީ މިހެންނެވެ.
"އދ. ގެ 193 ގައުމު ރިޔާސަތަށް ބަލާލައި ކޮންމެ ފަހަރަކު ފެންނާނީ ދިވެހިރާއްޖޭގެ ނަން. އިވޭނީ ދިވެއްސެއްގެ އަޑު. މުޅި ދުނިޔޭގައި ދިވެހިރާއްޖޭގެ ނަން ވިދަމުން ދާނީ،" ޝާހިދު ވިދާޅުވި އެވެ.












