ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، މިއީ އުނދަގޫ ވަގުތެއް ކަމަށާއި އެކަމަކު ވެސް ޓީމު ކުޅުންތެރިންގެ އަޒުމަކީ ގައުމަށް ކޮންމެ ވެސް ކަމެއް ކޮށްދިނުން ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.
ކޮލިފައިން ބާކީ މެޗުތައް ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ ސެންޓްރަލައިޒްކޮށް ޗައިނާގަ ކުޅޭށެވެ. އެކަމަކު ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސަށް ޗައިނާ އަށް ދެވޭގޮތް ނުވުމުން މެޗުތައް ދުބާއީގައި ކުޅޭގޮތަށް ފަހުން ބަދަލުކުރީ އެވެ. ކުރިން މެޗު ތާވަލުގައި އޮތްގޮތުން އިއްޔެ ރާއްޖޭން ޗައިނާއާ ކުޅޭނެ އެވެ. އެކަމަކު ޝެޑިއުލަށް އައި ބަދަލުގެ ސަބަބުން ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ސީރިއާއާ އެވެ.
ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަކޫ ބުނީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް މިއީ ކޮވިޑް-19ގެ ސަބަބުން ވަރަށް އުނދަގޫ ކަންތައްތަކެއް ހުރި ވަގުތެއް ކަމަށާއި ރާއްޖޭގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށެވެ.
"އެހެންވެ އަހަރެމެންނަށް ޓްރެއިން ކޮށްލަން ނުލިބުނު. އަހަރެމެން ހޮޓަލުގެ (ހޮޓެލް ޖެން)ގެ ބޯލް ރޫމުގައި ހަތެއް ނޫނީ 10 ދުވަސް ވަރު ފަރިތަކުރަން ޖެހުނު. ދެން އަހަރެމެންނަށް ޔޫއޭއީ އަށް އައިސް މި ޓްރެއިނިންތައް ފެށުނީ،" އަކޫ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް މި ހާލަތުގައި ވެސް މިތިބީ މެޗުތަކަށް އައިސް. އަހަރެމެން އެންމެން (މުޅި ޓީމު) މި މަސައްކަތްކުރަނީ ގައުމަށް މި އުނދަގޫ ވަގުތުގައި ވެސް ކޮންމެ ވެސް ކަމެއް ކޮށްދޭން. އިންޝާﷲ ކޮންމެ ވެސް ކަމެއް ގައުމަށް ހާސިލް ކޮށްދޭނަން،"

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން އަކޫ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
މި ފަހަރު ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެެއިން އަމިއްލަ ސަބަބުތަކާ ހުރެ އާއި ކޮވިޑަށް ޕޮޒިޓިވްވެގެން ވަނީ ބައެއް ކުޅުންތެރިން ޓީމާ ވަކިވާން ޖެހިފަ އެވެ. އަދި ގައުމީ ޓީމާ އެކު ދުބާއީ އަށް ދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވްވި ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) މިރޭގެ މެޗުގައި ނުކުޅޭނެ އެވެ.
ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖޭގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށްވާއިރު، މި ގްރޫޕްގެ ގަދަ ތިނެއްގެ ތެރޭގައި ނިންމާލައިގެން އޭޝިއަން ކަޕްގެ ކޮލިފައިން ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ހަތަރެއް ނޫނީ ފަހެއްގައި ނިންމާލައިފިނަމަ ވެސް އޭޝިއަން ކަޕްގެ ފުރުސަތު އޮންނާނެ އެވެ. އެކަަމަކު ޖެހޭނީ ކޮލިފައިން ޕްލޭއޮފް ބުރެއްގައި ކުޅެގެން ކޮލިފައިން ގްރޫޕް ސްޓޭޖަށް ހޮވޭށެވެ.
ކޮލިފައިންގައި ސީރިއާ އާއި ރާއްޖެ ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސީރިއާގެ ހޯމް މެޗު ކުޅެފަ އެވެ. އެ މެޗުން ސީރިއާ މޮޅުވީ 2-1 އިންނެވެ. ރާއްޖެ އާއި ސީރިއާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ސްކޯ ހުރީ ވެސް އެއްގޮތަށެވެ. ރާއްޖެ މޮޅުވީ އެއް ފަހަރު އެވެ. އިންޑިއާގައި 2012 ވަނަ އަހަރު ބޭއްވި ނެހްރޫ ކަޕްގައި ރާއްޖެ ވަނީ 2-1 އިން ސީރިއާ ބަލިކޮށްފަ އެވެ.
ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީ އިން ދައްކާނެ އެވެ.













