ކޮވިޑުގައި މަރުވި 12 އަހަރުގެ ފާތުމަތު މިޝްކާގެ ހާލު ސީރިއަސްކަން ކަމާބެހޭ ފަރާތްތަކަށް އެންގުމުން ވެސް ފަރުވާ ނުދެވި ލަސްވި ސަބަބާ ގުޅޭ ތަފްސީލްތައް ސަރުކާރުން މިއަދު އާއްމުކުރަން ނިންމައިފި އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް އާއިލާ އިން ދަނީ ދައްކަމުންނެވެ. ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.
މިކަން ހިނގައިދިއުމުގައި އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް ރޭ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގު ރޭ ދަންވަރު ވަނީ ނިންމައިފަ އެވެ.
އެ ތަފްސީލްތައް ހާމަކުރަން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ބައްދަލުވުމުގައި، އެ ހާދިސާގެ ތަފްސީލްދޭނީ ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓުންނެވެ.
މިނިސްޓަރު ނަސީމް ރޭ ވިދާޅުވީ ތަހުގީގު ނިމުމުން ހުރިހާ މައުލޫމާތެއް އާއްމުކޮށް ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އާއިލާ އިން ބުނެފައިވާ ގޮތުގައި މިޝްކާގެ ހާލު ދެރަވުމުން ތަކުރާރުކޮށް ގުޅީ އެޗްޕީއޭގެ 1676 އަށެވެ. މެޑިކަލް ޓީމު ދާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް ގިނައިރުތަކެއް ވި އިރު ވެސް އެމްބިއުލެންސް ނުފޮނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކުރެ އެވެ.
އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަފުތާއެއްހާ ދުވަަސްކުރިންނެވެ. އޭނާގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގަ އެވެ.
މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.











