އިންޓަނެޓުގެ ސްޕީޑާއި ޑޭޓާ އެލަވަންސް ނެތުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ޕްލެޓްފޯމް، ލޯކަލައިޒްޑް ލާނިން މެނޭޖްމަންޓް ސިސްޓަމެއް ޓެސްޓު ކުރެވި ބޭނުން ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި އޮންލައިން ވަސީލަތްތަކުން ކިޔަވައިދޭން ފެށުމާ އެކު، ދަރިވަރުންނާއި ބެލެނިވެރިން އިންޓަނެޓާ ގުޅޭ ޝަކުވާތައް އުފުލި އެވެ. އަދި އިންޓަނެޓުގެ ޒަރިއްޔާއިން ކިޔަވައިދޭން ފެށުމުން ކިޔަވައިދިނުމުގައި ގެންގުޅޭ ޒަމާންވީ ހަމަހަމަކަމުގެ އަސާސަށް ބުރޫއަރާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.
މި ޝަކުވާތަކާއި ގުޅިގެން ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ލާނިން މެނޭޖްމަންޓް ސިސްޓަމެއް ފަރުމާކުރެވިއްޖެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ހެލްތް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު މި ސިސްޓަމް ޓެސްޓު ކުރެވި އަންނަ ހަފުތާގެ ތެރޭގައި ޕައިލަޓް ކުރަން ފަށާނެ ކަމަށެވެ. އަދި އަމާޒަކީ އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މި ސިސްޓަމް ބޭނުންކުރަން ފެށުން ކަމަށް ވިދާޅުވި އެވެ.
"ޑޭޓާ މައްސަލައަށް ރަނގަޅު ސޮލިއުޝަންއެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ލޯކަލް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދޭ. މި ހަފްތާ ތެރޭ މި ޕެލްޓްފޯމް ވަނީ ޓެސްޓުކުރެވިފައި. ހަމަ އިރާދަކުރެއްވިއްޖެއްޔާމުން އަނަން އޮގަސްޓުގައި މި ޕްލެޓްފޯމް ބޭނުންކުރަން ފެށޭނެ" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

މި ލޯކަލައިޒްޑް ލާނިން މެނޭޖްމަންޓް ޕްލެޓްފޯމަކީ އިންޓަނެޓުގެ ބަދަލުގައި އިންޓްރާނެޓު ވިއުގައެއްގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ފިލާވަޅާއި ލާނިން މެޓީރިއަށް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަށް ވަންނަން އިންޓަނެޓުގެ ބޭނުން ކުރާކަށް ނުޖެހޭނެ އެވެ.
މި ލާނިން މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން މި މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
ޓެބްލެޓާއި އިންޓަނެޓުގެ ވަސީލަތްތަައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް
އޮންލައިންކޮށް ކިޔަވައިދޭން ފެށި ފަހުން މިއަދާ ހަމައަށް އަހަރެއްވީ ނަމަވެސް އަދިވެސް ބައެއް ކުދިންނަށް ބޭޏުންވާ ޓެބްލެޓްތަކެއް ނުލިބެ އެވެ.
މިކަމާއި ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި އެޑިއުކޭޝަން މިނިސްޓްރީން ދަނީ ޕޭޕާ ބޭސްޑް ފިލާވަޅުތައް ފޯރުކޮށްދެމުންނެވެ. އަދި އިންޓަނެޓުގެ ހިދުމަތް ނުލިބޭ ކުދިންނަށް ޑޮންގްލް ފޯރުކޮށްދެމުންނެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު ގްރޭޑް ތިނަކުން މަތީގެ ހުރިހާ ކުދިންގެ އަތުގައި ޓެބްލެޓް ހުންނާނެ ކަމަށެވެ. އަދި ގްރޭޑް ދޭއްގައި ކިޔަވާ ގިނަ ކުދިންތަކަކަށް ވެސް ޓެބްލެޓް ފޯރުކޮށްދެވިފައިވާ ކަމަށާއި، ބާކީ ތިބި ކުދިންނަށާއި ގްރޭޑް އެކެއްގެ ކުދިންނަށް ޓެބްލެޓް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދެނީ ހަމައެކަނި މޮނީޓަރިންގައި އޮންނަ ރަށްތަކުގަ އެވެ. ބާކީ ހުރި ރަށްތަކުގައި ކިޔަވައިދެނީ ސްކޫލަށް ގޮސްގެންނެވެ.












