ޕޯޓޯ (މެއި 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެ ޓީމުން އަލަށް މުބާރާތުގެ ތަށި އުފުލާލީ 2012 ވަނަ އަހަރު ބަޔާން މިއުނިކް ބަލިކޮށްފަ އެވެ. އެ ފަހަރު ޗެލްސީ އަށް ތަށި ހޯދައިދިނީ ސީޒަން މެދުތެރެއިން ޓީމާ ހަވާލުވި ކޯޗު ރޮބާޓޯ ޑި މަޓެއޯ އެވެ.
މި ފަހަރު ޗެލްސީގެ ކާމިޔާބީގެ ފަހަތުގައި ހުރީ ޖެނުއަރީ މަހު ޓީމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ސީޒަން ފެށިއިރު ޗެލްސީގެ ކޯޗަކަށް ހުރީ ފްރޭންކް ލަމްޕާޑް އެވެ. އޭނާ ވަކިކުރީ ނަތީޖާތައް ދަށްވުމުންނެވެ. ޓުޗެލް ވަނީ އެ ޓީމާ ހަވާލުވެ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ.
ޕޯޓޯގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ސިޓީ އަށް ގޯލެއް ޖަހައިދޭން ރަހީމް ސްޓާލިން އަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ޗެލްސީން ޓިމޯ ވާނާ އަށް ލިބުނު ފުރުސަތުތަކުން އޭނާ އަށް ވެސް ބޭނުމެއް ނުހިފުނެވެ. ފުރަތަމަ ފޮނުވާލަން ލިބުނު ބޯޅަ ރަނގަޅަށް ފައިގައި ލައްވައިނުލިއިރު، ދެން ޖެހި ޝޮޓް އަމާޒުވީ ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް އަތަށެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޑެންމާކުގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓައެންސަން އެވެ.

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ހަވާޓްޒް އުފާފާޅުކުރަނީ.
މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ގޯލު ޖެހީ 42 ވަނަ މިނިޓްގައި ކައި ހަވާޓްޒް އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. މޭސަން މައުންޓް ހުސްކޮށްލާފައި ދިން މޮޅު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހަވާޓްޒް މި ގޯލު ޖެހީ ފުރަތަމަ ޖައްސާލި ބޯޅަ ކީޕަރު އެޑަސަން އަތުގައި ޖެހިފައި ނުކުތް ވަގުތު ދެ ވަނަ ފަހަރު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދެ ވަަނަ ހާފްގައި ސިޓީން އެޓޭކް ކުރަމުން ދަނިކޮށް އެ ޓީމުގެ ކެޕްޓަން ކެވިން ޑިބްރޭނާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. ސިޓީން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ދެ ފޯވާޑުން ކަމަށްވާ ގަބްރިއެލް ޖީސޫސް އާއި ސާޖިއޯ އަގުއޭރޯ އަދި މިޑްފީލްޑަރު ފެނާންޑީނިއޯ ކުޅެން އަރުވައިފަ އެވެ. އެކަމަކު އެއިން ކުޅުންތެރިއަކަށް ވެސް ގޯލެއް ޖެހޭ ވަރަށް މަސައްކަތެއް ނުކުރެވުނެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ވަނީ ޗެލްސީ އަށް ދެ ވަނަ ގޯލެއް ޖަހަން މުޅިން ހުސް ފުރުސަތެއް ލިބިފަ އެވެ. ހަވާޓްޒް ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ޕުލިސިޗް ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.
އިތުރު ވަގުތުގެ ހަތް މިނިޓް ދެއްކިއިރު ފަހު މިނިޓްގައި ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދު މާރޭޒް ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މިދިޔަ އަހަރު ޓުޗެލް ވަނީ ޕީއެސްޖީ ގޮވައިގެން ފައިނަލުގައި ބަޔާން އަތުން ބަލިވެފަ އެވެ. އެކަމަކު މި ފަހަރު ޗެލްސީއާ އެކު އޭނާ ޗެމްޕިއަންކަން ހޯދީ އެވެ. މިއީ އޭނާ ޔޫރަޕްގައި ހޯދި ފުރަތަމަ ތަށްޓެވެ.
ޓުޗެލް އަކީ އެއް އަހަރު ފައިނަލުން ބަލިވެ ޖެހިގެން އައި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ޖަރުމަނުގެ ތިން ވަނަ ކޯޗެވެ. ބަޔާންގެ ކުރީގެ ކޯޗު ޔުޕް ހެއިންކެސް ވަނީ 2012 ވަަނަ އަހަރުގެ ފައިނަލުން ބަލިވި ނަމަވެސް 2013 ވަނަ އަހަރު ތަށި އުފުލާލައިފަ އެެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ 2018 ވަަނަ އަހަރު ފައިނަލުގައި ބަލިވި ނަމަވެސް 2019 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިއީ މި ސީޒަނުގައި ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ސިޓީ ބަލިކުރި ތިން ވަނަ ފަހަރު އެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި 1-0 އިން ބަލިކުރިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މޮޅުވީ 2-1 އިންނެވެ. އަދި މިރޭ ވެސް މި ވަނީ 1-0 އިން ސިޓީ ބަލިކޮށްފަ އެވެ.
"މިއީ ފަސޭހަ ކަމެއް ނޫން. ދެ އަހަރު އަހަރެން މި ފައިނަލާ މި ކުރިމަތިލީ. ފުރަތަމަ އަހަރެން ބޭނުންވި ގޮތަކަށް ނޫން ދިޔައީ (ޕީއެސްޖީއާ އެކު). އެކަމަކު ޗެލްސީ ގޮވައިގެން ފައިނަލަށް އާދެވުމުން އިތުބާރު އޮތް. މިއީ ޓީމުން ކުރި ބުރަ މަސައްކަތް،" ފައިނަލް މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ޓުޗެލް ބުންޏެވެ.
ނުވަ އަހަރަށް ފަހު ޕެޕް ގާޑިއޯލާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ނުކުތްއިރު، މިއީ ސިޓީ މުބާރާތުގެ ތާރީހުގައި ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ސިޓީ މިރޭ ބަލިވުމާ އެކު އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަހުން ކުޅުނު އަށް ޓީމު ވެސް ވަނީ ބަލިވެފަ އެވެ. ގާޑިއޯލާ މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2009 އާއި 2011 ގައި ބާސެލޯނާ އަށް ކޯޗުކޮށްދިންއިރު އެވެ.












