ކެޕިޓަލިޒަމް ރަމްޒުކޮށްދޭ ފެޝަނާއި ހެއާސްޓައިލް ހުއްޓުވުމުގެ ގޮތުން އުތުރު ކޮރެއާގައި ސްކިނީ ޖީންސް މަނާކޮށްފި އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދާދި ފަހުން ވަނީ މަނާ ހެއާސްޓައިލްތަކާއި ފެޝަން ހިމަނާފައިވާ ލިސްޓެއް އާއްމުކޮށްފަ އެވެ.
ސްކިނީ ޖީންސްގެ އިތުރުން "ރިޕްޑް" ނުވަތަ ވީދިފައި ހުންނަ ޑެނިމް ޖީންސާއި މުލެޓް ހެއާސްޓައިލާއި، ހަށިގަނޑުގެ ބައެއް ތަންތަން ތޮރުފުން މަނާކޮށްފައި ވެ އެވެ.

އުތުރު ކޮރެއާގެ ރޮޑޮން ސިންމަމް ނޫހުން މި ހަފްތާގައި ލިޔެފައިވާ ގޮތުގައި ހުޅަނގުގެ ފެޝަންތަކަށް އުޅޭ ޒުވާނުން އެ ގައުމުގައި މިހާރު އަންނަނީ އިތުރުވަމުންނެވެ.
"ތާރީހުން ކިޔައިދެނީ ވަރަށް އިބުރަތްތެރި ވާހަކައެއް. އިގްތިސާދީ އަދި ދިފާއީ ބާރު ކިތައްމެ ގަދަ ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެއްޖެ ނަމަ ގައުމެއް ބަލިކަށިވެ، ނެތިގެން ހިނގައިދާނެ،" ދައުލަތުން ކޮންޓްރޯލް ކުރާ އެ ނޫހުގައި ލިޔެފައި ވެ އެވެ.
ކޮމިއުނިސްޓު ވެރިކަމެއް ހިންގާ އުތުރު ކޮރެއާއަކީ ދުނިޔޭގެ އެންމެ ސިއްރު އަދި ވަކިވެ ގަނެގެން އުޅޭ ދައުލަތެވެ. އެ ގައުމުގައި ހިނގާ ގިނަ ކަންކަން ބޭރު ދުނިޔެއަކަށް ނޭނގެ އެވެ.










