އަފްގާނިސްތާނާ ކައިރި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމް ކުރުމުގެ ހުއްދަ ދީފި ނަމަ ނަތީޖާ ގޯސް ވާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި އެވެ.
ތާލިބާނުންނާ ދެކޮޅަށް ކުރި ދިގު ހަނގުރާމައަށް ފަހު އެމެރިކާ ސިފައިން މިހާރު ދަނީ ސެޕްޓެމްބަރު 11 ގެ ކުރިން އަފްގާނިސްތާން ދޫކޮށް ދިޔުމުގެ މަސައްކަތް ކުރަމުންނެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ތާލިބާނުންނާ ދެކޮޅަށް ބޭނުން ކުރާ އާ އަސްކަރީ ބޭސް ނުވަތަ މަރުކަޒެއްގެ މަސައްކަތް އެމެރިކާއިން ދަނީ ކުރަމުންނެވެ. އެގޮތުން މަޝްވަރާ ކުރަނީ ޕާކިސްތާނާ އެކު ކަމަށް ވެ އެވެ.
ތާލިބާނުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކަމެއް ނުކުރަން އަވައްޓެރި ގައުމުތަކަށް ގޮވާލާ ކަމަށާއި އެކަން ވާނީ ތާރީހީ ބޮޑު ގޯހަކަށް އަދި ލަދަކަށް ކަމަށެވެ.
އޭގެ އިތުރުން އެފަދަ ކަމެއް ކޮށްފި ނަމަ މަޑުން ނުތިބޭނެ ކަމުގެ އިންޒާރު ވެސް ތާލިބާނުން ދިނެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒެއް ޕާކިސްތާނުގައި ހަދަން އުޅޭ ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެ ގައުމުގެ ސަރުކާރުން އެކަން ދޮގު ކުރެ އެވެ.










