އެފްރިކާގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ނީރަގޮންގޯ އަލިފާން ފަރުބަދަ ގޮވައި، ބޮޑު ސަރަހައްދަކަށް ދިޔާ އަލިފާން ފެތުރުމުގެ ސަބަބުން 20،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
ކޮންގޯގެ އިރުމަތިން ގޯމާ ސިޓީ ކައިރީގައި ހުންނަ ފަރުބަދަ ގޮވުމުގެ ސަބަބުން 32 މީހުން މަރުވެފައި ވާއިރު 40 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. ފަރުބަދައަށް ގުޑުންތައް އަންނަމުން ދާތީ ކައިރި ހިސާބުތަކުގެ ބިންގަނޑު ދަނީ ކަނޑައިގެން ގޮސް ރެނދު ލަމުންނެވެ.
ހޮނިހިރު ދުވަހު ނީރަގޮންގޯ ފަރުބަދަ ގޮވުމުން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ. އޭގެން ފައިބަމުން ދިޔަ އަލިފާން ގޯމާ އެއާޕޯޓަށް ފޯރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ހިސާބަށް ފޯރާފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 1.5 މިލިއަން މީހުން ދިރިއުޅޭ ގޯމާ ސިޓީ ހުންނަނީ ފަރުބަދައާ 12 ކިލޯމީޓަރު ދުރު ގަ އެވެ. ފަރުބަދަ ގޮވުމުން އުފެދުނު ދުމުގެ ބޯ ވިލާތަކާ އެކު ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އެ ސަރަހައްދުގައި އިތުރުވާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފަ އެވެ.
ފަރުބަދަ ގޮވި ފަހުން މިހާތަނަށް 200 އަށް ވުރެ ގިނަ ބިންހެލުން އެ ހިސާބަށް އައިސްފައި ވެ އެވެ. އޭގެ ސަބަބުން ގޯމާ ސިޓީގެ މަގުތަކުގައި އިމާރާތްތަކަށް ދަނީ އެކި ވަރުގެ ގެއްލުން ލިބެމުންނެވެ.
އަލިފާން ފަރުބަދަ ގޮވުމުން މަރުވި މީހުންގެ ޖަނާޒާގެ ކަންކަން ސަރުކާރުން ހަމަޖައްސާނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އަލުން ގެ ބިނާ ކުރަން ބޭނުންވާ ބައެއް ސާމާނާއި، ކާބޯތަކެއްޗާއި ބޭސް ވެސް ސަރުކާރުން ދޭން ނިންމާފައި ވެ އެވެ.
ގާތްގަނޑަކަށް 3،500 މީޓަރު އުސް ނީރަގޮންގޯ ފަރުބަދަ ހުންނަނީ އީސްޓް އެފްރިކަން ރިފްޓާ ދިމާލުގަ އެވެ. އެ ތަނަކީ ގިނަ ބިންހެލުންތައް ރިކޯޑު ކުރާ ސަރަހައްދެކެވެ. އެންމެ ފަހުން މި ފަރުބަދަ ގޮވީ 2002 ގަ އެވެ. އެ ފަހަރު 250 މީހުން މަރުވެ، 120،000 މީހުންގެ ގެތައް ގެއްލުނެވެ.










