ރިޕޯޓުޑރ. ޝަހީމްގެ ދިރާސާ: ދީނީ ހަރުކަށި ވިސްނުން، މަފްހޫމާއި ސަބަބުތަކާއި ހައްލު

ޑރ. ޝަހީމްގެ ދިރާސާ: ދީނީ ހަރުކަށި ވިސްނުން، މަފްހޫމާއި ސަބަބުތަކާއި ހައްލު

ދީނީ ހަރުކަށި ވިސްނުމާއި ޙައްދުފަހަނައަޅާދިއުމުގެ ފަލްސަފާގެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން އަޑުއިވެމުންދާ ވާހަކައެކެވެ. ސިޔާސީ ގޮތުންނާއި މަޒުހަބީގޮތުންނާއި ފިކުރީ ގޮތުން ޙައްދުފަހަނައަޅާފައިވާ މީހުން ތަފާތު ސަޤާފަތްތަކުގެ ތެރޭގައި އުޅެއެވެ.

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)
އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އެޑިޓަރުގެ ނޯޓް: މިއީ ދީނީ ހަރުކަށި ވިސްނުމާ ބެހޭގޮތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ދިރާސާ ރިޕޯޓެކެވެ. ޑރ. ޝަހީމް އަކީ ދިވެހިރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމް ވެސް ފުރުއްވާފައިވެ އެވެ. މީގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ވެސް ކުރެއްވި އެވެ.

ތަޢާރަފް

ދީނީ ހަރުކަށި ވިސްނުމާއި ޙައްދުފަހަނައަޅާދިއުމުގެ ފަލްސަފާގެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން އަޑުއިވެމުންދާ ވާހަކައެކެވެ. ސިޔާސީ ގޮތުންނާއި މަޒުހަބީގޮތުންނާއި ފިކުރީ ގޮތުން ޙައްދުފަހަނައަޅާފައިވާ މީހުން ތަފާތު ސަޤާފަތްތަކުގެ ތެރޭގައި އުޅެއެވެ. އިސްލާމީ އުންމަތަށް ނިސްބަތްވާ މީހުންގެ ތެރޭގައި ވެސް ޙައްދުފަހަނައަޅާފައިވާ ފަރާތްތައް އުޅޭކަމީ ޤަބޫލުކުރަންޖެހިފައިވާ ޙަޤީޤަތެކެވެ. އޭގެ ތެރޭގައި ދީނީގޮތުން ޙައްދުފަހަނައަޅާފައިވާ ފަރާތްތައް ހިމެނެއެވެ. މިފަދަ މީހުން، އެއުރެން ފިކުރީގޮތުން ޤަބޫލުކުރާ މަގުން، އެއުރެންގެ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ތަކުފީރުކުރުމުގެ އިތުރުން ނިރުބަވެރި ޢަމަލުތައް ހިންގަމުންދެއެވެ. އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިއީއެވެ. ދީނުގެ ނަމުގައި ހިންގަމުންދާ އެފަދަ ކަންކަމާ މެދު މުސްލިމުން މިވަނީ ވަރަށް ފުންކޮށް ވިސްނަންޖެހިފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި އެކަންކަން އޮންނަ ގޮތް ބަލައި ރަނގަޅު ގޮތް ހޯދުމަށް މިއަދުގެ ޒުވާން ޖީލުން ދިރާސާކުރަންޖެހެއެވެ. މިކަރުދާހުގައި ބަލާލާފައިވާނީ އިސްލާމީ ޝަރީޢަތުގެ އަސާސީ މަޤުޞަދުތަކާއި އިސްލާމީ ޝަރީޢަތް ބިނާވެގެންވާ ލުއިފަސޭހަކަމުގެ މަބުދައާއި ޝަރުޢުގެ ނަޒަރުގައި ޙައްދުފަހަނައަޅައިދިއުމުގެ މަފްހޫމަކީ ކޮބައިކަމާއި ޙައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ ސިޔާސީ، އިޖުތިމާޢީ، އިޤުތިޞާދީ، ދީނީ، އަދި ބައިނަލްއަޤުވާމީ، ސަބަބުތަކުގެ އިތުރުން ހަރުކަށި ވިސްނުމުގެ މަންހަޖާއި، އެ ފިކުރުގައި ހުރި އުނިކަންކަމާއި ޙައްދުފަހަނައެޅުމުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރާނޭ ގޮތުގެ ފިކުރީ ތަޞައްވުރެއްގެ މައްޗަށެވެ. އަދި ކުރިމަގުގައި މިދާއިރާއަށް ޙައްލެއްގެނައުމަށްޓަކައި ޢަމަލުކުރަންފެންނަ ގޮތުގެ ރިކޮމެންޑޭޝަންތަކެއްވެސް ބަޔާންކުރެވިފައިވާނެއެވެ.

މުހިންމު ލަފްޒުތައް: އިސްލާމީ ޝަރީޢާ، މަޤުޞަދު، ހަރުކަށިވިސްނުން، ޙައްދުފަހަނައެޅުން، ޢަޤީދާ، ނިރުބަވެރި، ސުންނަތް ޖަމާޢަތް، ފަތުވާ، ތަކުފީރުކުރުން، ތަރުބިޔަތު.

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް

ދީނީގޮތުން ޙައްދުފަހަނައެޅުން ނުވަތަ ހަރުކަށިވިސްނުމަކީ، އޭގެ ސަބަބުން އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ނެތިވެގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ފިކުރެކެވެ. ދީނާއި ފުރާނައާއި ބުއްދިއާއި އަބުރާއި މުދަލަށް ގެއްލުންދެނެވި ފިކުރެކެވެ. މިހެންކަމުން ޙައްދުފަހައެޅުމުގެފިކުރާއި ބެހޭގޮތުން ލިޔާ މިފަދަ މަޒްމޫނެއްގައި އިސްލާމީ ޝަރީޢަތުގައި ނެގެހެއްޓުމަށް ކަނޑައެޅިގެންވާ މަޤުޞަދުތަކުގެ މައްޗަށް ޚުލާޞާ ގޮތެއްގައި ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މާތް ﷲ އިސްލާމީ ޝަރީޢަތް ބާވާލައްވާފައިވަނީ އެމަތިވެތި މަޤުޞަދުތައް ރައްކާތެރިކޮށް ދަމަހައްޓައި ނެގެހެއްޓުމަށެވެ. އެ މަޤުޞަދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ވެރިކަމާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާކަމެކެވެ.

އިސްލާމީ ޝަރީޢަތަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ޙުކުމްތަކާއި (އެ ދެމަޞްދަރުގެ ދަށުން ތަރުތީބުވެގެން އަންނަ) ދަންނަ ބޭކަލުންގެ އިޖުމާޢާއި ޤިޔާސާއި އެނޫން ވެސް ދަލީލުތަކުން ކަނޑައެޅޭ އިސްލާމްދީނުގެ ޙުކުމްތަކެވެ (އަލްޤަރަޟާވީ , 1993).

އިސްލާމީ ޝަރީޢަތް ބާވާލައްވާފައިވަނީ މަތިވެރި މަޤުޞަދުތަކެއް ޙާޞިލުކުރުމަށްޓަކައެވެ. ކީރިތި ޤުރުއާނުގައި އަޅުތަކުންނާ މުޚާޠަބުކުރައްވާފައިވަނީ އެ އަމާޒަށް ވާޞިލުވުމަށެވެ. (އައްރައިސޫނީ, 2010). އެމަޤުޞަދުތަކެއް ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މަޤުޞަދުތަކުގެ ތެރެއިން ފަސް މަޤުޞަދެއް އިސްވެގެންވެއެވެ. އެ ފަސް މަޤުޞަދަށް (الضَّرُوراتُ الْخَمْس) ނުވަތަ (الكُلِّياتُ الخَمس) (The Five Higher Objectives of Islam) ކިޔައެވެ. އެ މަޤުޞަދު ތަކަކީ: ދީން ޙިމާޔަތްކުރުމާއި ފުރާނައާއި ޙިމާޔަތްކުރުމާއި ބުއްދި ޙިމާޔަތްކުރުމާއި އަބުރު ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުމާއި މިފަސްކަމެވެ. މިއީ އެންމެހާ އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ މިއްލަތެއްގައިވެސް ޙިމާޔަތްކުރެވޭ މަތިވެރި ފަސް މަޤުޞަދެވެ. ރައްކާތެރިކުރުން ލާޒިމުވެގެންވާ ކަންތައްތަކެވެ. (އަލްޚާދިމީ , 1998).

ފުރަތަމަ މަޤުޞަދަކީ، ދީން ރައްކާތެރިކުރުމެވެ. (The preservation of religion) އޭގެ މަފްހޫމަކީ، އިސްލާމީ ޢަޤީދާ އަށް ގެއްލުންވެ ފާސިދުވެދާނެ ފަދަ އެންމެހާ ކަން ކަމަކުން ޢަޤީދާ ރައްކާތެރިކުރުމާއި ޢަޤީދާ ދެމެހެއްޓުމުގެ ޢަމަލުތައް ޤާއިމު ކުރުމެވެ. (އިބްނު ޢާޝޫރު , 2004). އިންސާނުންގެ ޙަޔާތުގައި ދީނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިންސާނާ އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްކޮށްލައިފި ނަމަ އިންސާނީ ވަންތަކަން ގެއްލިގެން ހިނގައިދާނެއެވެ. އިންސާނާއަކީ މާއްދިއްޔަތާ ރޫޙާނިއްޔަތު އެކުވެގެން ފިޠުރަތުކުރެވިފައިވާ މަޚުލޫޤެއްކަމުން އޭނާގެ ޙަޔާތުގައި ދީނަކީ އޭނާގެ އަޚުލާޤީ މުޢާމަލާތާއި އެންމެހާ ސުލޫކެއް ވަކި އުޞޫލެއްގެ ތެރޭގައި ފިކުރީ ގޮތުން ވަޒަން ހަމަކޮށް ހިފަހައްޓައިދޭ އެންމެ މުހިންމު ރައުސްމާލެވެ. އިސްލާމްދީނުގެ ދަޢުވަތު ބިނާވާންޖެހޭނީ ރިވެތި އުޞޫލުތަކާއި ޙިކުމަތާއި ރިވެރި ވަޢުޡާއި ޢިލްމީ ޙުއްޖަތުގެ މައްޗަށެވެ. ދީނަށް ވެއްދުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އިސްލާމްދީނުގެ ޙައްޤުވަންތަކަމުގެ ޙުއްޖަތްތައް އެއަށް ވުރެ ހާމަކަން ބޮޑެވެ.

ދެވަނަ މަޤުޞަދަކީ، އިންސާނާގެ ފުރާނަ ރައްކާތެރިކުރުމުމެވެ. (The preservation of the self/soul) އޭގެ މަފްހޫމަކީ، ފުރާނަ ދުއްވާލުމަށް (ދިރިހުރުން ނެތިކޮށްލުމަށް) ނުޙައްޤުން އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަންކަމުން ފުރާނަ ރައްކާތެރިކުރުމެވެ. (އިބްނު ޢާޝޫރު, 2004). އިމާމު އިބު ޢާޝޫރުގެ އިޞްޠިލާޙުގެ މައްޗަށް ނަޒަރު ހިންގާލުމުން ދޭހަވެގެންދަނީ، އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިންސާނާގެ ދިރިހުރުން ކަށަވަރުކުރުންކަމާއި އެ ދިރިހުރުމަށް ގެއްލުން ލިބިދާނެ އެއްވެސް ކަމެއް މެދުވެރިވެދާނެ އެންމެހާ ދޮރުތަކެއް އިސްލާމީ ޝަރީޢަތުގައި ބަންދުކޮށްފައިވާކަމެވެ. އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ނުހަނު މަތިވެރި ކަމެއްދީފައިވާ ކަމެއްކަމަށެވެ. މިގޮތުން ފުރާނައަށް ދިރުން ހޯދައި ދިނުމަށް ކުރަންހުރި ކަންކަމާއި، ފުރާނައަށް ގެއްލުންލިބޭ ކަންކަމުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައިވެއެވެ. (ރަޖަބް, 2016). ނުހައްޤުން އިންސާނެއްގެ ފުރާނަނެއް ދުއްވާލުމަކީ ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެކެވެ. މަންމަގެ ބަނޑުގައި އިންސާނާ ނުޠުފާއެއްގެ ގޮތުގައި ގަރުބަ ގަތީއްސުރެ ފުރާނަ ޙިމާޔަތްކުރުމަށް އިސްލާމީ ޝަރީޢަތުގައި ގޮވާލައްވާފައިވެއެވެ. މިގޮތުން ޝަރުޢީ ޢުޒުރެއް ނެތި ދަރިވެއްޓުން ވެސް ޙަރާމްކުރައްވާފައިވެއެވެ. (ފާރިސް, 2014). ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "ދީނާއި ދުނިޔޭގެ ކަންކަމުގައި ފަސާދަ އުފެދެއެވެ. މިގޮތުން ދުނިޔަވީ ކަންކަމުގައި އުފެދޭ އެންމެ ބޮޑު ފަސާދައަކީ ނުޙައްޤުން ފުރާނައެއް ދުއްވާލުމެވެ. އެހެންކަމުން ނުޙައްޤުން ފުރާނައެއް ދުއްވާލުން ވަނީ، ކުފުރަށް ފަހު، ދެން އޮންނަ އެންމެ ބޮޑު ފާފަކަމުގައެވެ". (އަލްބަދަވީ, 1999).

ތިންވަނަ މަޤުޞަދަކީ، އިންސާނާގެ ބުއްދި ރައްކާތެރިކުރުމެވެ. (The preservation of the mind) އޭގެ މަފްހޫމަކީ، އޭނާގެ ބުއްދިއަށް ގެއްލުން ލިބިދާނެ ފަދަ އެންމެހާ ކަމަކުން އޭނާގެ ބުއްދި ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ބުއްދިއަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. އެހެނިހެން މަޚުލޫޤާތްތަކާއި އިންސާނާއާ ދެމެދުގައިވާ ތަފާތު ކަނޑައަޅާ ޖައުހަރަކީ އިންސާނާގެ ބުއްދިއެވެ. އިންސާނާއަކީ މުކައްލަފެއްކަމުގައި ކަނޑައެޅިގެންދަނީ ބުއްދީގެ މައްޗަށެވެ. އަދި އިންސާނާ ޝަރަފްވެރި މަޤުލޫޤެއްގެ ގޮތުގައި ވެގެންދިޔައީ ވެސް ބުއްދިއާއި ބުއްދީގެ އަލީގައި އުފަންވާ ޙިކުމަތުގެ ސަބަބުނެވެ. (ފާރިސް , 2014). ބުއްދިއަކީ، ކަންކަމުގެ ޙަޤީޤަތް ދެނެގަތުމުގެ ފިކުރީ ވަސީލަތެވެ. ފައިދާ ހުރި ކަންކަމާއި ގެއްލުން ދެނިވިކަންކަން ދެނެގަތުމުގެ ބާރެވެ. ރަނގަޅުކަންކަމުގައި ހިފައި ނުބައިކަންކަމުން ދުރުވެގަނެވެނީ ބުއްދިއާއި ފިކުރު ހިންގައިގެންނެވެ. އިންސާނާގެ ބުއްދި އަށް ގެއްލުން ލިބޭ އެންމެހާ ކަމަކުން ބުއްދި ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި އުޞޫލުތަކާއި ކަންތައްތަކެއް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ޙިއްސީ ކަންކަމާއި މަޢުނަވީ ކަންކަން ހިމެނެއެވެ. (އަލްޔޫބީ , 1998).

ހަތަރުވަނަ މަޤުޞަދަކީ، އަބުރު ޙިމާޔަތްކުރުމެވެ. (the preservation of lineage/offspring) އޭގެ މަފްހޫމަކީ، އިންސާނާގެ މަޢުނަވީ ޝަޚުޞިއްޔަތު ދިފާޢުކޮށް، އޭނާގެ އަބުރާއި ޢިއްޒަތަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަންކަމަކުން ރައްކާތެރިކުރުމެވެ. (އަލްބައްކާރު , 2008). މާއްދީ ގޮތުން އިންސާނާގެ ފުރާނައާއި ހަށިގަނޑާއި ގުނަންތައް ރައްކާތެރިކުރައްވާފައިވާ ފަދައިން، އިންސާނާގެ މަޢުނަވީ ޝަޚުޞިއްޔަތު ރައްކާތެރިކުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސްމަޤުޞަދުގެ ތެރެއިން އެއް މަޤުޞަދެވެ.

ފަސްވަނަ މަޤުޞަދަކީ، މުދާ ޙިމާޔަތް ކުރުމެވެ. (The preservation of wealth) އޭގެ މަފްހޫމަކީ، ހެޔޮ ގޮތުގައި މުދާ ބޭނުންކުރުމާއި އިސްރާފު ނުކުރުމާއި ޙަލާލު ގޮތުގައި މުދާ ހޯދުމާއި، ﷲ ރުހިވޮޑިގެންވާ މަގުގައި މުދަލުން ހޭދަކޮށް މުދާ އިތުރުކުރުމެވެ. މުދާ ޙިމާޔަތް ކުރުމުގެ މަޤުޞަދު ކަނޑައެޅިފައިވަނީ، މުދަލަކީ އިންސާނީ ޙަޟާރަތުގެ މައިބަދަކަމުގައިވާތީއެވެ. މުދަލާ ނުލައި އެއްވެސް ޙަޟާރަތެއް ދެމިއެއް ނޯންނާނެއެވެ.

އާދެ! މަޤާޞިދުއްޝަރީޢާގެ ޢިލްމުގެ އެންމެ ފުންނާބު އެއް ފިޤުހުވެރިޔާ އަލްއިމާމުއްޝާޠިބީ ވިދާޅުވެފައިވެއެވެ. އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދު ޙިމާޔަތްކުރުން ބިނާވެގެންވަނީ ދެ ގޮތަކުންނެވެ. އެއީ އެމަޤުޞަދެއް ދަމަހައްޓަކައި ދެމިއޮތުން ޤާއިމުކުރުމަށްޓަކައި އީޖާބީ ގޮތުން މަސައްކަތްކުރުމާއި، އެމަޤުޞަދަކަށް ގެއްލުންވެ ނެތިވެގެން ހިގައިދާނެ ފަދަ ކަންކަމުން ދުރުކުރުމެވެ. (އައްޝާޠިބީ, 1997).

އިސްލާމީ ޝަރީޢަތުގައި އެންމެހާ ޙުކުމްތަކެއް ކަނޑައެޅިގެންވަނީ ދުނިޔެއާއި އާޚިރަތުގައި އަޅުތަކުންގެ މަޞްލަޙަތު ހިމެނޭ ގޮތުގެ މައްޗަށެވެ. މުޅި ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި ރަޙުމަތާއި މަޞްލަޙަތާއި ޙިކުމަތެވެ. ޢަދުލުވެރިކަމުގެ ތަރަހައިން އަނިޔާވެރިކަމަށް ބަދަލުވެއްޖެ ކޮންމެ ކަމެއް، ނުވަތަ ރަޙުމަތުން އުޞޫލުތަކުން އެނޫން ގޮތަކަށް ބަދަލުވެއްޖެ ކޮންމެ ކަމެއް، ނުވަތަ މަޞްލަޙަތުގެ އިމުން ފާސިދުކަމުގެ ތެރެއަށް ވެއްޓިއްޖެ ކޮންމެކަމެއް، ނުވަތަ ޙިކުމަތުގެ ތެރެއިން ބޭރުވެއްޖެ ކޮންމެ ކަމަކީ އިސްލާމީ ޝަރީޢަތުގެ ތެރެއިންވާ ކަމެއްނޫނެވެ. ފަހެ، އިސްލާމީ ޝަރީޢަތަކީ އަޅުތަކުންގެ މެދުގައި ﷲ ލެއްވި އެކަލާނގެ ޢަދުލުވެރިކަމެވެ. ޚަލްޤުތަކުންގެ މެދުގައި ލެއްވި އެކަލާނގެ ރަޙުމަތެވެ. ބިންމަތީގައި ލެއްވި އެކަލާނގެ ހިޔާވަހިކަމެވެ. އެކަލާނގެ ޙަޟުރަތަށް މަގުދައްކައިދޭ ޙިކުމަތެވެ. އަދި އެކަލާނގެ ރަސޫލާގެ ތެދުވެރިކަން ކަށަވަރުކޮށްދޭ މަގެވެ. (އިބްނުލްޤައްޔިމު, 1423).

ލުއިފަސޭހަކަމުގެ މަބްދައު

ޝައްކެއްނެތް ގޮތުގައި އިސްލާމީ ޝަރީޢަތުގެ މަތިވެރި ސިފަތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަ ކޮށްލެއްވޭ އެއް ސިފައަކީ މެދުމިންކަމުގެ ސިފައެވެ. ޢަޤީދާގެ ގޮތުންނާއި އަޅުކަމާއި މުޢާމަލަތާއި ކީރިތި ރަސޫލާ އެކަންކަމާއިގެން ވަޑައިގެންނެވި އެންމެހާ ކަމެއް ބިނާވެގެންވަނީ ވަސަޠީ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށެވެ. އިސްލާމީޝަރީޢަތަކީ އިންސާނާ އަށް ހުރިހާކަމެއްގައި ވެސް ލުއިފަސޭހަ ގޮތްތަކެއް ކަނޑައަޅުއްވާ މަތިވެރި ޝަރީޢަތެކެވެ. އަލްބަޤަރާ ސޫރަތުގެ (185) ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. (ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އެދިވޮޑިގަންނަވައެވެ. އަދި ދަތި އުނދަގޫގޮތްތައް ތިޔަބައިމީހުންނަށް މެދުވެރިކުރައްވާކަށް އެދިވޮޑިނުގަންނަވައެވެ). މިއިން ދޭހަކޮށްދެނީ އިސްލާމީ ޝަރީޢަތުގެ އެންމެހާ ކަންކަމެއް ބިނާވެގެންވާ މަބްދައަކީ ލުއިފަސޭހަކަމުގެ މަބުދައުކަމެވެ. މީގެ މުރާދަކީ ފަހަރެއްގައިވެސް އެމީހަކު ހިތް އެދޭ ގޮތަކަށް ކަންކަން ބަދަލުކުރުމެއްނޫނެވެ. ލުއިފަސޭހަކަން ބިނާވެގެންވަނީ ޝަރުޢުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޟަވާބިޠުތަކުގެ މައްޗަށެވެ.

ހައްދުފަހަނައެޅުން

ސަމާވީ ޝަރީޢަތްތަކުގެ ތާރީޚަށް ބަލާއިރު، އެޝަރީޢަތްތަކުގައި ﷲ ބާވާލައްވާފައިވާ ޙުކުމްތަކަށް ޢަމަލުކުރުމުގައްޔާއި ޢަޤީދާގައި ބަޔަކު މީހުން ޙައްދުހަނައަޅައި ގޮސްފައިވާކަން ކީރިތި ޤުރުއާނުން އޮޅުމެއް ނެތް ގޮތުގައި އެނގެން އެބައޮތެވެ. ﷲ ބާވާލެއްވި ޝަރީޢަތްތަކުގެ ޙުކުމްތަކަށް ޢަމަލުކުރުމުގައްޔާއި ޢަޤީދާގައި ޙައްދުފަހަނައަޅައި ދިއުމުގެ ސަބަބުން އެއުންމަތްތައް ހަލާކުވެ ގޮސްފައިވެއެވެ.

އަލްމާއިދާ ސޫރަތުގެ ( 77) ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. (ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު حق ނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން، ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން تبع ނުވާށެވެ!).

މިއާޔަތުގެ ތަފްސީރުގައި އަލްއިމާމު އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ: މާތް ﷲގެ ވަޙީ ބަސްފުޅު (ތިޔަބައިމީހުންގެ دين އާމެދު حق ނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ) މީގެ މުރާދަކީ، ތިޔަބައިމީހުން ޙަޤަށް ތަބަޢަވުމުގައި ކަނޑައެޅިގެންވާ އިން ފަހަނައަޅައި ނުދާށެވެ! އަދި އެބޭކަލަކު މަތިވެރި ކުރުމަށް ތިޔަބައިމީހުންނަށް އަމުރުކުރެވިގެންވާ ކަލޭގެފާނު މަތިވެރިކުރުމަށްޓަކައި ކަނޑައެޅިގެންވާ ޙައްޤު އިމުން ބޭރުވެ، އެބޭކަލަކަށް ދެއްވާފައިވާ ނަބީކަމުގެ މަޤާމަށް ވުރެ މަތިވެރިކޮށް އިލާހެއްކަމުގައި ނުހަދާށެވެ. (އިބުނު ކަޘީރު, 2000).

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނުވަނީ ދީނީ ގޮތުން ޙައްދު ފަހަނައަޅައި ނުދިއުމަށް، މިއުންމަތުގެ މީހުންނަށް އަމުރުކުރައްވާފައެވެ. އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީސެއްގެ މާނައިގައި ވެއެވެ. (އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ދީނުގެ ކަންކަމުގައި ޙައްދުފަނައަޅައި ނުދާށެވެ. ފަހެ، ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުން ހަލާކުވެދިޔަކަން ކަށަވަރީ އެއުރެންގެ ދީނުގެ ކަންކަމުގައި ޙައްދުފަހަނަޅައި ދިއުމުގެ ސަބަބުންނެވެ.) (ޞަޙީޙުއްނަސާއީ: 3057). މި ޙަދީސް އެހެން ލަފްޒަކުން، (އިބުނު މާޖާ: 3029) އަދި (އަލްޙާކިމު: 1711) އަދި އަލްބައިހަޤީ: 9806) ރިވާކުރައްވާފައިވެއެވެ.

ހައްދުފަހަނައަޅައި ދިއުމުގެ މަފްހޫމް

ދިވެހި ރަދީފުގައިވާ ގޮތުން ދިވެހިބަހުގައި (ޙައްދުފަހަނައެޅުމު)ގެ މަފްހޫމަކީ، ދާންވީ ހިސާބަށްވުރެ މާ އިތުރަށް ދިއުމެވެ. ނުވަތަ ނުބައިކަމުގެ ކޮޅެއް ނެތުމެވެ.

ޢަރަބި ބަހުގައި ދީނީ ގޮތުން ޙައްދު ފަހަނައަޅައިދިއުމަށް ބޭނުންކުރެވިފައިވާ ލަފްޒަކީ (އަލްޣުލުއްވު) އެވެ. ޢަރަބި ބަހުގެ ފުންނާބު އުސް ޢިލްމުވެރިއެއްކަމުގައިވާ އަލްޢައްލާމާ އިބުނު މަންޡޫރު ވިދާޅުވެފައިވާ ގޮތުން ޢަރަބި ބަހުގައި (އަލްޣުލުއްވު)ގެ މާނައަކީ އިމުން ބޭރުވެގަތުމެވެ. (އިބުނު މަންޡޫރު, 1414). ކީރިތި ޤުރުއާނުގައި، ދީނީ ގޮތުން ޙައްދުފަހަނައަޅައި ދިއުމަށް ބޭނުންކުރައްވާފައިވަނީ މިލަފްޒެވެ.

އިސްލާމީ ޝަރުޢީ އިޞްޠިލާޙުގައި ދީނީގޮތުން ޙައްދުފަހަނައެޅުމުގެ މަފްހޫމަކީ: (އިސްލާމްދީނުގައިވާ ޙައްޤު އިމުން ބޭރުވުމެވެ.) (އަލްޤުރުޠުބީ, 2003).

އިސްވެ ބަޔާންވެ ދިޔަ ޝަރުޢީ މަފްހޫމަށް ނަޒަރު ހިންގާލާއިރު އަންނަނިވި ކަންކަން ޙައްދުފަހަނައަޅައިދިއުމުގެ ތެރޭގައި ހިމެނޭކަން ދޭހަވެއެވެ.

1. އިސްލާމްދީނުގެ ޞައްޙަ ތަޢުލީމުން ބޭރުވެގަތުން.

2. ދީނުގައިވާ ޙައްޤު އުޞޫލުތަކުން އެއްކިބާވެގަތުން.

3. ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތާއި އަޞްޙާބުބޭކަލުންގެ މަންހަޖުން އެއްކިބާވެ އަމިއްލަ ޚިޔާލުތަކާއި އަޞްލެއްނުވާ ފިކުރުތަކަށް ތަބަޢަވުން.

4. ތިމާދެކޭގޮތް ނޫންގޮތަކަށް ދީނުގެ ކަމެއްގައި ދެކޭމީހަކީ ކާފިރެއްކަމުގައި ބަލައި އޭނާގެ ލޭ ހުއްދަކޮށް ގުޅުން ކަނޑާލުން.

5. އުންމަތުގެ ޢަޤީދާއާއި، ޖަމާޢަތުގެ މައްޗައް ނުކުމެ ހަނގުރާމައަށް ގޮވާލުން.

މި ހަމަތަކަށްބަލާއިރު ދީނުގައި އެކަމެއްކުރުމަށް އަންގަވާފައިވާ މަގުން ކަމެއްކުރުމަކީ، ނުވަތަ ޤުރުއާނާއި ސުންނަތަށް ޙައްޤުގޮތުގައި ތަބަޢަވުމަކީ ދީނީ ގޮތުން ޙައްދުފަހަނައަޅައިދިއުންކަމުގައި ނުބެލެވޭނެއެވެ.

ހައްދުފަހަނައެޅުމަށް މެދުވެރިވާ ސަބަބުތައް

ކުޑަވެސް ޝައްކެއްނެތެވެ. މުޖުތަމަޢުތަކުގައި ދީނީގޮތުން ޙައްދުފަހަނައަޅާފައިވާ މީހުން ނުވަތަ ހަރުކަށި ޚިޔާލުގެމީހުން އުފެދެން މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އެކި މުޖުތަމަޢުތަކުގައި އެކި ޒަމާންތަކުގައި އެކި ޤައުމުގައި މި ސަބަބުތައް ތަފާތުވެދާނެއެވެ. އިސްލާމީ ޤައުމުތަކަށް ބަލާއިރު އެކި ޤައުމުތަކުގައި އެކި ސަބަބުތައް މެދުވެރިވެގެން ހަރުކަށި އުޞޫލުތައް އުފަންވެފައިވެއެވެ. އޭގެ ތެރޭގައި ސިޔާސީ، އިޖުތިމާޢީ، އިޤުތިޞާދީ، އަދި ދީނީ ސަބަބުތައް ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ސަބަބުތައް ހިމެނެއެވެ.

ސިޔާސީ ސަބަބު

ސިޔާސީ ސަބަބުތަކަށް ބަލާއިރު، ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުންނާއި ދީނީ ޚިލާފުވުންތައް ޙައްލުކުރުމަށްޓަކައި ވެރިކަމުގެ ފަރާތުން ގެންގުޅޭ އުސްލޫބުގެ ސަބަބުން ހަރުކަށި ވިސްނުން އުފެދި ޙައްދުފަހަނައެޅުމަށް މަގުފަހިވެފައި އެބަހުއްޓެވެ. މިޒަމާނުގައި ބައެއް އިސްލާމީ ޤައުމުތަކުގައި ހަރުކަށި ވިސްނުން އުފަންވެ ޙައްދުފަހަނައެޅި މީހުން އުފެދެން މެދުވެރި އެއް ސަބަބަބީ ދީނީ ގޮތުން ތަފާތު ވިސްނުން ގެންގުޅުނު މީހުންނަށް އެޤައުމުތަމުތަކުގެ ޖަލުތަކުގައި ދިން ލާއިންސާނީ އަނިޔާތަކެވެ. އެ އަނިޔާތަކުގެ ސަބަބުން އެ އަނިޔާލިބުނު މީހުންގެ ހިތްތަކުގައި ވެރިކަމާމެދު ޢަދާވާތްތެރިކަން އުފެދި ފިކުރީގޮތުން ޙައްދުފަހަނައަޅައި ގޮސް އެޤައުމުތަކުގެ ވެރިން ކާފަރުކޮށް އެއުރެންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރިއެވެ.

އިޖުތިމާޢީ ސަބަބު

ޙައްދު ފަނައެޅުމަށް މެދުވެރިވާ އިޖުތިމާޢީ ސަބަބުތަކަށް ބަލާއިރު ހައްދުފަހަނައެޅުމުގެ ތެރެއަށް ޚާއްޞަކޮށް ޒުވާނުން ވަދެގެންދަނީ އެކުދީން ފުރާވަރަށް އަރާ ޢުމުރުގައި ރަނގަޅު ތަރުބިޔަތު ނުލިބުމާއި އިޖުތިމާޢީ ގޮތުން ހަވާސާވެ ހިތްދަތިކަމާ ކުރިމަތިލާންޖެހުމާއި ޢާއިލާ ރޫޅިގެން ދިއުމާއި އަޅާލާނެ ފަރާތެއް ނެތުމާއި ރަނގަޅު ތަޢުލީމެއް ލިބޭނޭ މަގު ނެތުން ފަދަ ސަބަބުތައް މެދުވެރިވެގެންކަން ދިރާސާތަކުން ދައްކައެވެ.

އިޤުތިޞާދީ ސަބަބު

ޙައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ އިޤުތިޞާދީ ސަބަބުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާތަކުގެ ފުރުޞަތު ގެއްލި ހުސްވެވަގުތު ގިނަވުމާއި މުޖުތަމަޢުގައި ޙިއްސާކުރަން ފުރުޞަތު ނުލިބި ހަވާސާވުމާއި ޖިނާއީ ކުށުގެ ވެށީގެ ޝިކާރައަކަށްވެ ހަރުކަށިވިސްނުމުގެ ރަޙުމަތްތެރީންގެ އަތްދަށަށް ދިއުން ހިމެނެއެވެ. ހަރުކަށިވިސްނުމުގެ ތެރެއަށް މީހުން ގެންދިއުމަށް މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ޒުވާނުންނަށް މާލީ ގޮތުން އެހީތެރިވެދީ އެމީހުންގެ ޝައުޤުވެރިކަން ހޯދައެވެ. ނަތީޖާއަކީ މި ޒުވާނުންނަކީ އެއުރެންގެ އެހީތެރިންގެ ގޮތުގައި ވެގެންދިއުމެވެ.

ދީނީ ސަބަބުތައް

(ހ) އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ލިބިފައިނެތުން: ދީނީގޮތުން ތަފާތު ވިސްނުންގެންގުޅޭ ފަރާތްތަކުގެ ތެރޭގައި ގިނައީ އިސްލާމްދީނުގެ ފުރިހަމަ ޞައްޙަ މަޢުލޫމާތު ލިބިފައިނެތް މީހުންނެވެ. އެމީހުންގެ ވިސްނުމަށް ބަލާއިރު އިސްލާމްދީނާމެދު ފުރިހަމަ މަޢުލޫމާތު އެމީހުންނަށް ލިބިފައި ނުވާކަން އެނގެއެވެ. މިސާލަކަށް، މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ އަޞްލާއި، ޙާކިމިއްޔަތު، ޖިހާދު، އަލްވަލާއުވަލްބަރާއު، ތަކްފީރުކުރުން، މިފަދަ ކަންކަމުގައި އިސްލާމީ ޞައްޙަ ޢަޤީދާގައި ކަންކަން އޮންނަ ގޮތް އެމީހުންނަށް ސާފުވެފައިނޯވެއެވެ.

(ށ) ތަޢުލީމީ މަންހަޖުގެ އުނިކަން: ބައެއް އިސްލާމީ ޤައުމުތަކުގައި ތަޢުލީމީ ފަލްސަފާ ބިނާވެގެންވާ ޢުންޞުރުތަކުގައި ވެސް އުނިކަން ހުރިކަން ފާހަނގަވެއެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ތަޢުލީމީ ނިޒާމުގެ މަޤުޞަދަކީ ހަމައެކަނި އުނގަންނައި ދިނުމެއްނޫނެވެ. ކިއެއްތޯއެވެ. ތަޢުލީމީ ފަލްސަފާގެ ބޭނުމަކީ ތަޢުލީމު ދިނުމާއެކު ތަރުބިޔަތުކުރުމެވެ. އިސްލާމްދީނުގެ ޙަޤީޤީ މޭވާއަކީ ތަރުބިޔަތެވެ. ރިވެތި އަޚުލާޤުގެ މައްޗަށް އިންސާނާ ތަރުބިޔަތު ކުރުމަކީ އޭނާއަކީ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތަކަށް ހެދުމުގެ މަގެވެ. ތަޢުލީމީ މަންހަޖު ތަކަށް ބަލާއިރު އިސްލާމީ މުޤައްރަރުތަކުގެ ތެރޭގައި ތަރުބަވީ އަޚުލާޤީ، ޢަޤީދާގެ ބައިތަކަށް އިތުރު ފުރިހަމަކަން ގެންނަންޖެހޭކަން ހާމަވެއެވެ.

(ނ) ދައުލަތުގެ ފަތުވާދިނުމުގެ ނިޒާމު ބަލިކަށިވުން: ދައުލަތުގެ ފަތުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކަމަށް އެކަށީގެންނުވާ މީހުން ފަތުވާ ދިނުމަށް ހުޅުވިފައި އޮންނަ ފުރުޞަތެކެވެ. މިގޮތުން ނިޒާމެއް ނެތި ފަތުވާދެވޭ މުޖުތަމަޢުތަކުގައި ހަރުކަށި ވިސްނުން އަށަގަންނަލެއް ފަސޭހަކަން ފާހަނގަވެއެވެ. އަދި ފަތުވާތައް އިމްޕޯޓްކުރުން ގިނަވެއެވެ. އަސްލަކީ އެޤައުމުގައި ފަތުވާތައް ނެރެންވާނީ އެޤައުމެއްގެ ޙާލަތަށް ރިޢާޔަތްކޮށެވެ.

(ރ) އިސްލާމްދީނަށް ފުރައްސާރަކުރުން: އިސްލާމްދީނަށާއި ކީރިތި ރަސޫލާގެ ޝަޚުޞިއްޔަތަށާއި ދީނުގެ ޙުކުމްތަކަށާއި ދީނަށް އުޅޭ މީހުންނަށް ފުރައްސާރަކުރުމަކީ އިސްލާމީ މުޖުތަމަޢުގައި ހަރުކަށިކަމަށް ހުޅުވާލެވޭ ދޮރެކެވެ. ޢިލްމީ ގޮތުން ބަހުސްކުރުމަކީ ނެތް ކަމެއްނޫނެވެ. ނަމަވެސް ކަނޑައެޅިގެން ދީނުގައި ހުންނަ ސާބިތު ޙުކުމްތަކަށް ޖޯކު ޖެހުމަކީ ނުބައި ކަންކަމަށް މަގުފަހިނުވެ ނުދާނެ ކަމެކެވެ.

(ބ) ސޯޝަލް މީޑިޔާ: ހަރުކަށި ފިކުރު ފެތުރިގެން ދިއުމުގައި ސޯޝަލްމީޑިޔާގެ ދައުރު ވަރަށް ބޮޑެވެ. ހަރުކަށި ވިސްނުން ޕްރޮމޯޓުކުރާ ވަރަށް ގިނަ މަސައްކަތްތައް ސޯޝަލްމީޑިޔާގެ ތެރެއިން ފެނެއެވެ.

(ޅ) ދީނީ ޚިލާފުތައް ގިނަވުން: މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ނަޒަރު ހިންގާލާއިރު ދީނީ ޚިލާފު ތަކަކީ މުޅި އުންމަތް އެކަމުގެ ސަބަބުން ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. މިފަދަ ޚިލާފުތަކާ ދެބަސްވުންތައް ޢިލްމީ އުޞޫލުތައް ފަހަނައަޅައި ބައެއް ފަހަރު ޢަދާވާތްތެރިކަމަށް ބަދަލުވެފައި ވެސް އެބަހުއްޓެވެ. މިފަދަ ކަންކަމުގެ ސަބަބުން ހަރުކަށިކަމަށް މަގުފަހިވެގެން ދެއެވެ. ޢިލްމީ ގޮތުން ކަމެއްގައި ދެ ޚިޔާލެއް އޮތުމަކީ މައްސަލައެއްނޫނެވެ. މައްސަލައަކަށްވަނީ ޚިލާފުވުން، ޢިލްމީ ތަރަހައިން ބޭރުވެ އަރާރުންވުމާއި ޢަދާވާތްތެރިކަމަށް ބަދަލުވެގެން ދިއުމެވެ. މުޢުތަބަރު ޚިލާފުތަކަށް އިޙުތިރާމްކުރުމަކީ ފިޤުހީ މަބުދައެކެވެ.

ބައިނަލްއަޤުވާ ސަބަބު

ބައިނަލްއަޤުވާމީ ނަޒަރުން ބަލާއިރު، އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި ޙައްދުފަހަނައެޅުން އުފެދެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މުސްލިމުންނަށް އިންސާފު ނުލިބުން ހިމެނެއެވެ. މުސްލިމުންގެ ޙައްޤުތައް އުނިވެ ޤައުމުތައް ބިކަވެ، މުސްލިމު މުޖުތަމަޢުތައް ހަވާސާވެ، ލޭ އޮހޮރިގެންދާއިރު އެކަންކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އިންސާފު ނުލިބި ދިއުމަކީ އެ ޤައުމުތަކުގެ ތެރޭގައި އިންސާފު ހޯދަން ޙައްޤު ނޫން ގޮތް ގޮތުން މަސައްކަތްކުރުމަށް މަޖްބޫރު ޙާލަތު ޚިޔާރުކުރަން ބައެއް މީހުންނަށް ލިބުނު ފުރުޞަތަކަށްވިއެވެ. އަދި ބާރު ގަދަ ޤައުމުތަކުން މުސްލިމު ޤައުމުތަކަށް އަރައި ގެއްލުންދީ އެތައް މިލިއަން މީހުން މަރައި އެޤައުމުތަކުގައި ހިންގި ލާއިންސާނީ އަނިޔާތަކަކީ ވެސް ހަރުކަށިވިސްނުން އުފަންވުމަށް މެދުވެރިވި ސަބަބެއްކަމުގައި އިސްލާމީ މުފައްކިރުން ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްލާމީ މުފައްކިރުން ހާމަކުރާ ގޮތުން އިސްލާމީ ޤައުމުތަކުގައި ހަރުކަށި ވިސްނުން އުފަންކުރުވައި އެވަބާގައި މުސްލިމު ޒުވާނުން ޖެއްސުމަށް އިސްލާމްދީނުގެ ޢަދާވާތްތެރިން ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެކަމުގެ މަޤުޞަދަކީ އެފަދަ ޒުވާނުން މެދުވެރިކޮށް ލާއިންސާނީ ޢަމަލުތައް ހިންގައި އިސްލާމްދީނުގެ ތަޞައްވުރު ކިލަނބުކޮށްލައި މީސްތަކުންގެ ހިތްތަކުގައި އިސްލާމްދީނާ މެދު ބިރުވެރިކަން އުފެއްދުމެވެ.

ހައްދުފަހަނައަޅައި ދިއުމުގެ ނަތީޖާ

އެމުޖުތަމަޢެއްގައި ދީނީ ގޮތުން ޙައްދުފަހަނައެޅުން އުފެދިފައިވާ މުޖުތަމަޢުތަކުގައި އޭގެ ނަތީޖާ ވަރަށް ހިތިކޮށް ފެނެއެވެ. އޭގެ ތެރޭގައި:

- މުޅި މުޖުތަމަޢު ތަކްފީރު ކުރުން، ނުވަތަ ތިމާއާ ދީނީގޮތުން ޚިޔާލު އެއްގޮތް ނުވާ ކޮންމެ މީހަކު ކާފަރު ކުރުން.

- ވަކި މީހެއްގެ ފަހަތުގައި ނޫނީ ނަމާދު ނުކުރުން، ނުވަތަ ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރުން،

- އަމިއްލަ ޚިޔާލާއި، މަޒްހަބަށް ތަޢައްޞުބުވެ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދެން މަގުފަހިވުން.

- ހަރުކަށި ނުވާންވީ ތަންތަނާއި ކަންތައްތަކުގައި ހަރުކަށިވުން.

- އެހެންމީހުންނާއި މުޢާމަލާތްކުރުމުގައްޔާއި ދީނަށް ގޮވާލުމުގައި އަޚްލާޤީ ހަމަތަކުން އެއްކިބާވެގަތުން.

- މީހުން ކާފަރުކޮށް މީހުންގެ މުދަލާއި ލޭ ހުއްދަކޮށް ހަނގުރާމައަށް ގޮވާލާއި މީހުންނާއި ގުޅުން ކަނޑާލުން.

ހަރުކަށި ވިސްނުމުގައި ހުރި ޢައިބުތައް

- ހަރުކަށި ފިކުރަކީ ތެދުވެރި ޟަމީރެއްހުރި މީހަކު ޤަބޫލު ނުކުރާނެ އިންސާނީ ފިޠުރަތާއި ދުރު ފިކުރެކެވެ.

- އެއީ ވަރަށް އުމުރުކުރު ފިކުރެކެވެ. އެފިކުރަށް ތަބަޢަވެގެން އުޅޭމީހުންނަށް ވެސް އެކަމުގައި ގިނަދުވަސްތަކެއްވާންދެން ދެމިނުތިބެވޭކަން ފާހަނގަކުރެވެއެވެ.

- ދީނުގެ ކަންތަކުގައި ހަރުކަށި އުޞޫލުތަށް ގެންގުޅޭ މީހުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ މީހުންގެ ޙުރްމަތްކަނޑާލައެވެ.

ހަރުކަށި ވިސްނުމުގެ ފިކުރީ މަންހަޖު

  1. އިސްލާމްދީނުގައިވާ ޞުލްޙަވެރިކަމުގެ މަބްދައު ނަގާލުން: ކުޑަވެސް ޝައްކެއްނެތެވެ. އިސްލާމްދީނަކީ ޞުލްޙަވެރިކަމުގެ ދީނެވެ. ސިލްމާއި ސަލާމަތުގެ ދީނެވެ. އިސްލާމްދީނުގައި އަނިޔާވެރިވުންވަނީ ޙަރާމްކުރައްވާފައެވެ. ޖިހާދު ކުރުމުގައި ވެސް ވަކި އުޞޫލުތަކެއް ޝަރުޢުގައި ކަނޑައެޅިފައިއޮވެއެވެ. ޞުލްޙަވެރިކަމާއެކު އުޅޭ ހުރިހާ ދީނެއްގެ މީހުންނާއެކު ޞުލްޙަވެރިކަމާއެކު އުޅުމާއި އެއުރެންނާމެދު ޢަދުލުވެރިވުމާއި އެއުރެންނަށް އިޙުސާންތެރިވުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައިވާ ކަމެއްނޫނެވެ. ނުޙައްޤުން އަނިޔާވެރިވެ މީސްތަކުންގެ ފުރާނަ ދުއްވާލުމަކީ އިސްލާމީ ޝަރީޢަތުގައި ނަހީކުރައްވާފައިވާކަމެކެވެ. ހަރުކަށި ވިސްނުމުގެ މަންހަޖަކީ މިއެންމެހައި އުޞޫލުތަކާ ޚިލާފު މަންހަޖެކެވެ.
  2. އުންމަތުގެ ޢަޤީދާގެ މައްޗައް ނުކުތުން: އުންމަތުގެ އަޤީދާގައި އިޖުމާޢުވެވިފައިވާ ކަންތައްތަކާއި ދެކޮޅުވުމަކީ ހަރުކަށި ވިސްނުމުގެ މަންހަޖެވެ. މިސާލަކަށް ވަކި މަޒުހަބެއްގެ ފިޤުހީ އުޞޫލުތަކަށް ޢަމަލުކޮށް މިސްކިތުގައި ޤާއިމުކުރާ މުސްލިމުންގެ ނަމާދުގެ ޖަމާޢަތުގައި ބައިވެރި ނުވުން މިއީ މުސްލިމުންގެ ޢަޤީދާއާއި ޚިލާފަށް ކުރާކަމެކެވެ. ވަކިމަޒުހަބަކަށް ނަމާދުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އެމަޒުހަބަކަށާއި އެމަޒުހަބުގެ އިމާމަށް އަޅުކަންކުރުމެއް ނޫނެވެ. އެއީ އެ މުޖުތަމަޢެއްގެ މީހުންގެ ފިޤުހީ ކަންތައްތައް ބިނާވެފައިވަނީ އެމަޒުހަބެއްގެ މައްޗަށްކަމުގައިވާތީވެ ފިޤުހީގޮތުން ކުރެވޭކަމެކެވެ. މިގޮތުން މަޝްހޫރު ހަތަރު މަޒުހަބަކީ އެމަޒުހަބުތަކުގައި ފަރުޢީބައެއް ކަންކަމުގައި ޚިލާފުތަކެއް އުފެދިފައިވީނަމަވެސް ސުންނަތް ޖަމާޢަތުގެ މަޒުހަބުތަކެވެ. ސުންނަތް ޖަމާޢަތުގެ މަޝްހޫރު ހަތަރު މަޒުހަބު ކަމުގައިވާ ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބުގެ ފިޤުހީ އުޞޫލުތައް ބިނާވެގެންވަނީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުގެ މައްޗަށެވެ. މިހެންކަމުން ޢާއްމު ރައްޔިތުން، ނުވަތަ ދައުލަތުގެ ފަރާތުން ޤަޟާއީ ނިޒާމުގައި ފިޤްހީގޮތުން ވަކި މަޒުހަބަކަށް ބުރަވުމަކީ މައްސަލައެއްނޫނެވެ. މައްސަލައަކީ މަޒުހަބަށް ތަޢައްޞުބު ވުމެވެ. ކޮންމެ މުސްލިމެއްގެ ވާޖިބަކަށް ވާންވާނީ ކިރިތީ ޤުރްއާނާއި ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. މަޒްހަބުތަކުގެ މަޞްދަރަކީ ވެސް އެއީއެވެ.
  3. ބޮޑެތި ފާފަކުރާމީހުން ކާފަރުކުރުން: އަހުލުއްސުނަތިވަލްޖަމާޢަތުގެ ޢަޤީދާއަކީ ޤިބުލައިގެ އަހުލުވެރިންކުރެ، ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުން، އެއުރެން، އެ އަރައިގަންނަ ފާފައެއް ހުއްދަ ނުކުރާހާ ހިނދެއްގައި ކާފަރުންކަމުގައި ނުބެލުމެވެ. (އައްޠަޙާވީ, 2007) . ސުންނަތް ޖަމާޢަތުގެ ޢަޤީދާގައިވާ ގޮތުން ބޮޑެތި ފާފަތަކުގެ އަހުލުވެރިންނަށް ތައުބާގެ ދޮރު ހުޅުވިފައިވެއެވެ. ތައުބާ ނުވެ މަރުވެއްޖެނަމަ އެބައިމީހުންގެ ކަންތައްތަކުގައި އިންޞާފު ކުރައްވާނީ ﷲ އެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ ފުއްސަވާފާނެއެވެ. އަދި އަޒާބު ދެއްވުމަށް އެކަލާނގެ ޢަދުލުވެރިވަންތައެވެ. ﷲ ގެ ރަޙުމަތް ތަނަވަސްވެގެންވެއެވެ. ތައުޙީދުގެ އަހުލުވެރިން އަބަދައްޓަކައި ނަރަކައިގައި ނުލެއްވޭނެކަން ސުންނަތުން ސާބިތުވެއެވެ. ބޮޑެތި ފާފަތަކުގެ އަހުލުވެރިން ކާފަރުންކަމުގައި ބަލައި މިއްލަތުން ބޭރުކުރަނީ ހައްދުފަހަނައަޅާފައިވާ ޚަވާރިޖުންނާއި މުޢުތަޒިލީންނާއި އިސްލާމީ އުޞޫލުތަކުން ބޭރުވެ އުންމަތުގެ ޢަޤީދާގެ މައްޗައް ނިކުމެފައިވާ ފިރުޤާތަކުގެ އަހުލުވެރިންނެވެ. އަދި މިބައިމީހުން ދެކޭގޮތުގައި ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުން އަބަދައްޓަކައި ނަރަކައިގައި ލެއްވޭނެއެވެ. މިއީ އިސްލާމީ އުންމަތުގެ ޞައްޙަ ޢަޤީދާއާއި ޚިލާފު ވިސްނުމެކެވެ.
  4. ކީރިތި ޤުރުއާނާއި ސުންނަތުގެ ނުޞޫޞުތަކުގެ ނާސިޚާއި މަންސޫޚަށް ސަބަބު ނުޒޫލާއި އިސްތިދުލާލުކުރުމުގެ ޤަވާޢިދުތަކާއި ދަލީލުތައް ޖަމަޢަކުރުމުގެ އުޞޫލުތަކަށް ބެލުމެއްނެތި، ހަމައެކަނި ބޭރުފުށަށް ބަލައި ޙުކުމްނެގުމާއި ޝަރުޢުގެ މަޤާޞިދުތަކަށް އިހުމާލުވުން.

މިއީ ހަރުކަށި ވިސްނުމުގެ މަންހަޖުން ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު ސިފަތަކެވެ.

ހަރުކަށި އުޞޫލުތަކުން މުޖުތަމަޢު ސަލާމަތްކުރުން

އިސްލާމީ މުޖުތަމަޢަށް ބަލާއިރު ދީނީ ހަރުކަށި ވިސްނުންތަކުގެ ސަބަބުން މުޖުތަމަޢުތައް ނުރައްކަލަށް ހުށައެޅިފައިވެއެވެ. އެފިކުރުން މުޖުތަމަޢު ސަލާމަތްކުރުމަކީ މުޅި ޤައުމާއި އަދާއި ކުރިމަގުގެ ޖީލުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަރުކަށިވިސްނުންތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ ރޭވުންތެރިކަމާއެކި އިސްތިރާތީޖީ ގޮތެއްގައި މަސައްކަތްކޮށްގެންނެވެ. ހަރުކަށި އުޞޫލުތަކުން މުޖުތަމަޢު ސަލާމާތް ކުރާނެ ތަފާތުގޮތްތަކެއް ވެއެވެ. އޭގެ ތެރޭގައި ދީނީގޮތުންނާއި ޤާނޫނީގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ސޯޝަލްމީޑިޔާ ޒަރީޢާއިން މި ފަދަ ފިކުރުތަކަށް ފަރުވާކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ.

ދީނީ ފަރުވާ

- ކީރިތި ޤުރްއާނުގެ ނައްޞުތަކާއި ރަސޫލާގެ ޞައްޙަ ސުންނަތް އޭގެ ޙަޤީގަތާއި އެއްގޮތަށް އުނގަންނައި ދިނުން.

- އިސްލާމީ މެދުމިންކަމުގެ އުޞޫލުތަކާއި މަބުދައުތަކުގެ މައްޗަށް ހޭލުންތެރިކުރުން ފުޅާކުރުން.

- އިސްލާމީ ތަޢުލީމު ދިނުމުގެ ނިޒާމުގެ ތެރެއިން އިސްލާމީ މުޤައްރަރުތަކުގެ ތެރޭގައި ޢަޤީދާގެ ޢުންޞުރުތައް ފުރިހަމަތޯ ކަށަވަރު ކުރުން.

- ދީނީގޮތުން ހަރުކަށި އުޞޫލުތަށް ގެންގުޅޭ މީހުންނާ ޢިލްމީގޮތުން ބަޙުސްކޮށް ޙައްލު ހޯދަން މަސައްކަތްކުރުން.

- ތަޤްރީރު ކުރާ ދީނީ ޢިލްމުވެރިންގެ ބަސްމަގު އަދުގެ ޖީލުތަކުގެ ވިސްނުންތަކާ އެއްހަމަކޮށް ދީނީ ޚިޠާބު ތަޖުދީދު (އާކުރުން)

- އުނގަންނައި ދިނުމުގައި ދީނުގެ އަސާސީ އަޚުލާޤިއްޔާތުގެ އުޞޫލުތަކަށް އިސްކަން ދިނުމާއި އިސްލާމް ދީނުގައި އިންސާނީ ކަރާމަތާއި ޙައްޤުތައް ރައްކާތެރިކޮށްފައިވާ ގޮތާއި މިންވަރު އުނގަންނައި ދިނުން.

- ފިޤުހީ ގޮތުން މުޢުތަބަރު ޚިލާފު ހުންނަކަންކަމުގައިއްޔާއި އެއްރައުޔަށް ވުރެ ގިނަ މުޢުތަބަރު ރައުޔު ހުންނަ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ދޫދިނުމާއި މުޢުތަބަރު ތަފާތު ވިސްނުމަށް ޖާގަ ދިނުން.

- އިސްލާމްދީނުގެ ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންކަމާއި މަންދޫބު ކަންކަމުގެ ތަފާތު އުނގަންނައި ދިނުން.

- ދީނީ ގޮތުން މަޒުހަބަކަށް، ނުވަތަ ވަކިގޮތަކަށް އުޅުމަށް މަޖްބޫރު ނުކުރުން.

- ސުންނަތުން ސާބިތުވެފައި ހުންނަ ތަފާތު ގޮތްތަކަށް ޢަމަލު ކުރުމުގެ މިނިވަންކަން އޮތުމާއި އެއިގެ ތެރެއިން ވަކި ގޮތަކީ އެއީ ސުންނަތް ގޮތްކަމަށް ބަލައި އަނެއް ގޮތް އެއީ ސުންނަތް ނޫން ގޮތްކަމަށް ކަނޑައެޅުމުން ދުރުވުން.

- ދައުލަތުގައި ފަތުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމު ކޮށް ފަތުވާ ތައް ޕަބްލިޝްކުރުން.

- ދީނީ ޢިލްމުވެރިން ތަޤުރީރުކުރުމުގައި މިޒަމާނުގެ ކަންކަމަށް އެޑްރެސްކުރުން.

އިސްލާމިކް ރިސާޗް އެކަޑަމީ އުފެއްދުން

އިސްލާމްދީނާ ގުޅުން ހުރި ޒަމާނީ މައްސަލަތަކުގައި ޤައުމީ ފެންވަރެއްގައި ޢިލްމީ ދިރާސާކުރުމަށްޓަކައި އިސްލާމިކް ރިސާޗް އެކަޑަމީއެއް އުފެއްދުމަކީ ބޭނުންތެރި ކަމެކެވެ. މުޖުތަމަޢުގައި ދީނީ އެއްބައިވަންތަކަން ޤާއިމު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވޭނެ އެއްބަޔަކީ ޢިލްމުވެރިންނެވެ. ޤައުމުގައި ތިބި ބޮޑެތި ޢިލްމުވެރިން އެއްތަނެއްގައި ބައްދަލުވެ މިނިވަންކަމާއެކު ދީނީކަންކަމުގައި ބަޙުޡްކުރެވޭނެ ފަދަ މާ ޙައުލެއް އިންތިޒާމު ކުރުމަކީ މުހިންމު ކަމެކެވެ.

ދިވެހިރާއްޖޭގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، ފަތުވާދިނުމާއި އިސްލާމީ ދިރާސާތައް ކުރުމުގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަންޖެހޭ ކަމުގައި އަޅުގަނޑު ދެކެމެވެ. ތަފާތު ފިޤުހީ މަދުރަސާތަކުން ނުވަތަ ބައިނަލްއަޤުވާމީ އިސްލާމީ އެކި އެކި ޔުނިވަރސިޓީތަކުން އިސްލާމީ ތަފާތު ދާއިރާތަކުން ތަޚައްޞުޞްވެފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮންނަ އިސްލާމިކް ރިސާޗް އެކަޑަމީ އެއް ދައުލަތުގެ ފެންވަރުގައި ޤާނޫނެއްގެ ދަށުން އުފެއްދުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ތަފްސީރު ޢިލްމާއި ޙަދީޘް ޢިލްމާއި ކޮމްޕެރެޓިވް ފިޤުހާއި މަޤާޞިދުއްޝަރީޢާއާއި އިސްލާމީ ޤަޟާއީ ޢިލްމާއި އުޞޫއްލުއްދަޢުވާއާއި ސިޔާސަތުއްޝަރުޢިއްޔާ ފަދަ ދާއިރާތަކުން، ބައިނަލްއަޤުވާމީ ތަފާތު ޔުނިވަރސިޓީތަކުން މަތީ ތަޢުލީމުގެ މަރުޙަލާތަކުން ގްރެޖުއޭޓް ވެފައިވާ މީހުން އެއް މޭޒެއްގެ ދޮށުގައި ތިބެ ދީނީ ކަންކަމުގައި މަޝްވަރާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.

އިސްލާމީ ދިރާސާތައް ނެރުމާއި ފަތުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުގައި ޤާއިމު ކުރެވިއްޖެ ނަމަ ފަރުދީ ފަތުވާއަށް ބަރޯސާވުމުގެ ކަންކަން މަދުވެގެންދާނެއެވެ. މިޒަމާނުގައި ބަރޯސާ ވާންވީ ޖަމާޢީ ފަތުވާއަށެވެ. ފަތުވާ ދިނުމުގެ ނިޒާމު އެންމެ ހަރުދަނާ އެއް ޤައުމަކީ މިޞްރެވެ. މިޞްރުގެ ދާރުލްއިފްތާއު އަކީ މިކަމުގައި ނަމޫނާ މުއައްސަސާއެކެވެ. ޢާއްމުންނަށް ފަސޭހައިން ސުވާލު ކުރެވޭނޭ ގޮތްތައް ހަމަޖެހިފައި ހުރެއެވެ. އަދި ވީޑިއޯގެ ޒަރީޢާއިން ފޮނުވެއެވެ. ހުރިހާ ގޮތަކުން ފަތުވާތައް ޢާއްމު ކުރެވެއެވެ.

ޤާނޫނީ ފަރުވާ

- ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތައް ރިހިބިލިޓޭޓް ކުރުމަށް ޤާނޫނީ ގޮތުން ވަކި ސެންޓަރެއް ޤާއިމުކުރުން. މިފަލްސަފާއަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ނަތީޖާ ޙާޞިލްކުރެވިފައިވާ ފަލްސަފާއެކެވެ. ދީނީ ހަރުކަށި ވިސްނުމަކީ ފިކުރީ މައްސަލައެއް ކަމުން އެކަމަށް ޢިލްމީ ގޮތުން ފަރުވާ ދިނުމަށް އިސްކަން ދޭންޖެހޭނެކަމުގައި އަޅުގަނޑު ދެކެމެވެ. މީގެ މާނައަކީ ދީނުގެ ނަމުގައި ޖިނާއީ ކުށް ކުރާ ފަރާތްތަކަށް އަދަބު ނުދޭންވީ ވާހަކައެއްނޫނެވެ. ސަޢޫދީ ޢަރަބިއްޔާގައި ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތައް ހެޔޮ މަގަށް ގެނައުމަށްޓަކައި ދީނީ ގޮތުން އިރުޝާދު ދިނުމަށް ( މަރުކަޒުލްމުނާޞަޙާ) ޤާއިމު ކުރިއެވެ. އެތަނުގައި ހަރުކަށި ޚިޔާލުގެ މީހުން ބަންދުކޮށް ދީނީ ޢިލްމުވެރިން މެދުވެރިކޮށް އެއުރެންނަށް އިރުޝާދު ދެވުނެވެ. އެ މަރުކަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އެއީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ މަރުކަޒެކެވެ.

- ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާއިރު، އިސްލާމްދީނަށް ތައުހީނުކޮށް ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް ވެސް އިސްވެ ދެންނެވި މަރުކަޒުގެ ބެލުމުގެ ދަށުން، ޢިލްމީ ގޮތުން ކަންކަން އޮންނަ ޞައްޙަ ގޮތް ބުނެދިނުމުގެ ނިޒާމެއް ޤާނޫނީ ގޮތުން އުފަންކުރެވެންވާނެއެވެ.

- އިންސާފުވެރިކަމާއެކު ޤާނޫނު ހިންގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން.

އިޖުތިމާޢީ ފަރުވާ

- ކުޑައިރުން ފެށިގެން އާއިލާގެ ތެރޭގައި ރަނގަޅު ތަރުބިއްޔަތު ދީ ފިކުރީ ގޮތުން ވަޒަންހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން މަސައްކަތްކުރުން.

- މުޖުތަމަޢު ހަރުކަށި އުޞޫލުތަކުން ރައްކާތެރިކުރުމަކީ ވަކިފަރާތެއްގެ ޒިއްމާއެއްކަމުގައި ނުބަލައި އެއީ ދައުލަތާއި ފަރުދުންނާއި ޖަމާޢަތްތަކާއި އެންމެންގެ ޒިއްމާއެއްކަމުގައި ބަލައި އެންމެން އެކަތިގަނޑަކަށް ވެގެން މުޖުތަމަޢު މިފަދަ ކަންތައްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރުން.

- ހުސްވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނޭގޮތަށް ޒުވާނުންގެ ކަންތައްތައް ރޭވުން.

- ޢިލްމުވެރިން މިކަމުގައި ޙަރަކާތްތެރިވެ ޙައްޤުގޮތް މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި ހީވާގިކަމާއެކު ދުލާއި ޤަލަމުން މަސައްކަތްކުރެއްވުން .

- ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ މުޖުތަމަޢު ބިނާކުރުމުގައި ޙިއްސާވުމަށް ފުރުޞަތު ދިނުން.

- މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ޤާއިމުކުރުމަށް ފިކުރީ ގޮތުން މަސައްކަތްކުރުން.

ސޯޝަލްމީޑިއާ

- ދީނީ ހަރުކަށިކަން ނައްތާލުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ވަސީލަތަކީ ސޯޝަލްމީޑިއާއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތައް ހިންގާ ރަސްމީ ފަރާތުން، ސޯޝަލްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއް މެދުވެރިކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޞައްޙަ މަޢުލޫމާތު ފެތުރުމުގެ އިސްތިރާތީޖީ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަމިއްލަ ޖަމްޢިއްޔާތަކާއި އަމިއްލަ ޕްލެޓްފޯމްތަކަށް ވުރެ ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތް ހަރުދަނާ ވާންޖެހޭނެއެވެ. ޒުވާނުންގެ ހިތްތަކުގައި ދީނާ މެދު އުފެދިފައިވާ ސުވާލުތަކަށް ފަސޭހައިން ޖަވާބު ދެވޭނޭ އިންތިޒާމުތަކެއް ހަމަޖައްސަންޖެހެއެވެ.

- ހަރުކަށި ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ޕްރޮގްރާމްތައް އިތުރުކޮށް މުޖުތަޢުގައި ތިބި ކަމަށް އެކަށީގެންވާ ޢިލްމުވެރިން މެދުވެރިކޮށް ހޭލުންތެރިކުރުވުން.

- ސޯޝަލްމީޑިއާ މެދުވެރިކޮށް ޒަމާނީ އިސްލާމީ މައްސަލަތަކަށް އެޑްރެސްކުރުން.

ރިކޮމެންޑޭޝަން

އިސްލާމީ ޤައުމުތަކުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަރނޭޝަން އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން، 28- އޮކްޓޫބަރު- 1 ނޮވެމްބަރު 2018 ގައި، ސަޢޫދީ ޢަރަބިއްޔާގެ މަދީނަތުލްމުނައްވަރާގައި ބޭއްވި، އެ އެކަޑަމީގެ 23 ވަނަ ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް އިސްލާމީ ޢިލްމީ ދިރާސާތަކުގެ އަލީގައި، އިސްލާމީ ހަރުކަށި ވިސްނުމާއި ޙައްދުފަހަނައެޅާއި ޓެރަރިޒަމްގެ ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އެކަޑަމީގެ ޤަރާރު ނަންބަރު (221- 05-23) މުހިންމު ކަންތައްތަކެއް ހުށަހަޅާފައިވެއެވެ. އެ ޤަރާރުގައި ހިމެނޭ ކަންކަމުގެ ޚުލާޞާ މި ތަނުގައި ނަކަލު ކޮށްލާނަމެވެ. (ފިޤުހުއެކަޑަމީ, 2018)

  1. ޙާލަތާއި ވަގުތަށް ރިޢާޔަތްކޮށް ދީނީ ތަޤުރީރު ދިނުން ކުރިއަރުވައި ރައްޤީކުރުން.
  2. މިސްކިތްތަކުގެ އިމާމުންގެ ޙާލަތު ރަނގަޅުކޮށް ޢިލްމީ ގޮތުން ހޭލުންތެރިކުރުވުން.
  3. އިސްލާމީ ޤައުމުތަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކޮށް، ޤުރުއާނުގެ ޢިލްމުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން މެދުވެރިކޮށް ހަރުކަށި ވިސްނުންތަކަށް ފަރުވާކުރުމަށްޓަކައި އެ މަރުކަޒުތަކުގައި ވަސީލަތްތައް ޤާއިމުކުރުން.
  4. ފަތުވާދިނުމުގެ ނިޒާމު ހަރުދަނާކޮށް، ފަތުވާ ދިނުމަށްޓަކައި ކަމަށް އެކަށީގެންވާ ޢިލްމީ ފަރާތްތައް ޢައްޔަންކުރުމާއި ކަމަށް އެކަށީގެން ނުވާ ފަރާތްތަކުން ފަތުވާ ދިނުން ޤާނޫނީ ގޮތުން މަނާކުރުމާއި، އިސްލާމީ ފިޤުހީ އިޖުތިހާދު ދިރުވުމުގެ ގޮތުން ޖަމާޢީ ފަތުވާ އަށް ބަރޯސާވުން.
  5. ހަރުކަށި ވިސްނުމާއި ނިރުބަވެރިޢަމަލުތަކާއި އިލްޙާދު (ދީން ޤަބޫލު ނުކުރުމުގެ) ވިސްނުމުން އެއްކިބާވުމަށް ބާރު އަޅައި، އިންސާނީ ޙައްޤުތަކަށާއި އަނެކާއަށް އިޙުތިރާމްކުރުމުގެ ސަޤާފަތުގެ އަލީގައި ތަޢުލީމީ މުޤައްރަރުތައް ތަރައްޤީކުރުން.
  6. އިސްލާމީ ޢަޤީދާއާއި ދީނުގެ ސާބިތު ކަންކަން ތަޢުލީމީ މަންހަޖުތަކުގައި ހިމަނައި އެހާރާއި މިހާރުގެ ކަންކަމަށް ރިޢާޔަތްކޮށް، އިސްލާމްދީނާއި ބެހޭ ގޮތުން ނުބައި މަފްހޫމްތަކެއް ނެގިދާނެ ފަދަ ގޮތްގޮތަށް ހުރި ކަންކަން ރަނގަޅު ކުރުން.
  7. ޖިހާދު، އިސްލާމީ ޚިލާފަތު، އަލްވަލާއު ވަލްބަރާރު ފަދަ ޝަރުޢީ މުޞްޠަލަޙުތަކުގެ ރަނގަޅު މަފްހޫމް ޒުވާނުންނަށް ދަސްކޮށްދިނުން.
  8. ލެއާއި މުދަލާއި އަބުރުގެ ޙުރުމަތްތެރިކަން ތަޢުލީމީ މުޤައްރަރުތަކުގެ ތެރެއިން ދަސްކޮށްދިނުން.
  9. މީސްތަކުން އެކަންކަމާމެދު ޣާފިލުވެފައިވާ، އަދި މުފައްކިރުން އިހުމާލުވެފައިވާ، ޝަރީޢަތުގައި ހުރި ސާބިތު ކަންކަމަށް އިސްކަންދީ ހޭލުންތެރިކުރުމަށްޓަކައި ސަޤާފީ ޕްރޮގްރާމް ހިންގުން.
  10. ތަޢުލީމީ ސިޔާސަތުގެ ތެރެއިން، ޓޮލަރެންސާއި ބިނާކުރަނިވި ފާޑުކިއުންތައް ބަލައިގަތުމާއި ޤައުމުދެކެ ލޯބިވުމާއި އަނެކާގެ ރައުޔަށް އިޙުތިރާމްކުރަން ދަސްކޮށްދިނުން
  11. ޙައްދުފަހަނައެޅުމަށް ޙައްލު ހޯދުމަށް އިސްލާމީ ޤައުމުތަކުން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކުން ތަޖުރިބާ ލިބިގަތުން.
  12. ޙައްދުފަހަނައަޅާފައިވާ ފަރާތްތަކުގެ ވިސްނުން ރަނގަޅު ކުރުމަށްޓަކައި ޢިލްމީ ޑައިލޮގެއްގެ ދޮރު ހުޅުވައި، އަލުން އަނބުރައި ވަސަޠީ ވިސްނުމުގެ މުޖުތަމަޢަށް އެއުރެން އިޢާދަކުރަން މަސައްކަތްކުރުން.

އޯއައިސީގެ އިންޓަރނޭޝަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ޤަރާރުގައިވާ ގޮތުން، ޙައްދު ފަހަނައެޅުމުގެ އެންމެހާ ޢަމަލުތަކެއް ކީރިތި ޤުރުއާނާއި ސުންނަތުގެ ނުޞޫޞުތަކުން ވަނީ ޙަރާމްކުރައްވާފައެވެ. އަދި ޙައްދުފަހަނައެޅުމުގެ ޢަމަލުތަކުގެ ތެރެއިން ފުރާނައާއި މުދަލާއި އަބުރާއި ދީނަށް ގެއްލުން ވާކަންކަމުގެ ނުބައިކަން ބޮޑުވެގެންވާކަމުގައި ވެސް އެ ޤަރާރުގައިވެއެވެ.

ރިފަރެންސް

ރަޖަބް, ޢ. (28/1/2016). އަންވާޢުލްމަޤާޞިދި ވަލްޙާޖަތު އިލައިހާ. ޙިފްޡުލްޢަޤްލި, p. 2.

އިބުނު ކަޘީރު, އ. (2000). ތަފްސީރުލްޤުރުއާނިލްޢަޡީމް. ބެއިރޫތު: ދާރު އިބުނު ޙަޒްމް .

އިބްނު ޢާޝޫރު, މ. (2004). މަޤާޞިދުއްޝަރީޢަތިލްއިސްލާމިއްޔާ. އައްދައުޙާ: ވުޒާރަތުއްޝުއޫނިލްއިސްލާމިއްޔާ.

އިބުނު މަންޡޫރު, މ. (1414). ލިސާނުލްޢަރަބް. ބެއިރޫތު: ދާރު ޞާދިރު.

އިބްނުލްޤައްޔިމު, މ. (1423). އިޢުލާމުލްމުވައްޤިޢީން ޢަން ރައްބިލްޢާލަމީން. އައްދައްމާމް: ދާރު އިބުނު ޖައުޒީ.

އައްރައިސޫނީ, އ. (2010). މަދްޚަލުން އިލާ މަޤާޞިދިއްޝަރީޢާ. އަލްމަންޞޫރާ: ދާރުލްކަލިމަތި ލިއްނަޝްރި ވައްތައުޒީޢި.

އައްޠަޙާވީ, އ. ޖ. (2007). އަލްޢަޤީދަތުއްޠަޙާވިއްޔާ: މަކްތަބަތުއްނޫރު.

އައްޝާޠިބީ, އ. ބ. (1997). އަލްމުވާފަޤާތު. އަލްޚުބަރު: ދާރު އިބުނު ޢައްފާން.

އަލްޚާދިމީ, ނ. (1998). އަލްއިޖްތިހާދުލްމަޤާޞީދީ. އައްދައުޙާ: ދާރުލްކުތުބިލްޤަޠަރިއްޔާ.

އަލްބައްކާރު, ޢ. (2008). އަމްނުލްއުންމަތި މިން މަންޡޫރި މަޤާޞިދިއްޝަރީޢާ. އަލްޤާހިރާ: ދާރުއްސަލާމް.

އަލްބަދަވީ, ޔ. (1999). މަޤާޞިދުއްޝަރީޢާ ޢިންދަ އިބްނު ތައިމިއްޔާ. ޖޯޑަން: ދާރުއްނަފާއިސް.

އަލްޤުރުޠުބީ, މ. (2003). އަލްޖާމިޢު ލި އަޙުކާމިލްޤުރްއާން. އައްރިޔާޟު: ދާރު ޢާލިމިލްކުތުބި.

އަލްޤަރަޟާވީ, ޔ. (1993). މަދްޚަލުން އިލާ ދިތރާސަތިއްޝަރީޢަތިލްއިސްލާމިއްޔާ. ބެއިރޫތު: މުއައްސަސަތުއްރިސާލާ.

އަލްޔޫބީ, މ. (1998). މަޤާޞިދުއްޝަރީޢަތި ވަޢަލާޤަތުހާ ބިލް އަދިއްލަތިއްޝަރުޢިއްޔާ. އައްރިޔާޟު: ދާރުލްހިޖްރާ ލިއްނަޝްރި.

ފާރިސް, ޠ. (2014). މަޤާޞިދުއްތަޝްރީޢިލްޖިނާއީ ފިލްއިސްލާމި. އައްޝާރިޤާ: ޖާމިޢަތުއްޝާރިޤާ.

ފިޤުހުއެކަޑަމީ, އ. އ. (2018). ދީނީ ޙައްދުފަހަނައެޅުމާއި ހަރުކަށި ވިސްނުމާއި ޓެޓަރިޒަމާއި ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ކުރިމަތިލުމާ ބެހޭ ޤަރާރު. އޯ އައިސީ ޤަރާރު 221- 05-23 (pp. -). މަދީނަތުލްމުނައްވަރާ: އޯއައިސީ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox