"މިއަދު ކިތައް މީހުން މަރުވި؟"
މިއީ، އުމުރުން 25 އަހަރުގެ އައިޝަތު ރީނާއަށް އެންމެ އާއްމުކޮށް މިހާރު އެހޭ ސުވާލެވެ. މިހެން އޭނާ އަށް ބޭއިހްތިޔާރުގައި އެހެނީ ކޮވިޑުގައި ރާއްޖެ އިން މީހުން މަރުވާ ނިސްބަތް ރެކޯޑު އަދަދަކަށް އިތުރުވެ، އޭނާއަށް ވެސް އެކަމުގެ އަސަރުކުރާތީ އެވެ.
"ވަރަށް ބިރު ގަނޭ. ފޯނެއް އަޔަސް ސިއްސައިގެން ދަނީ. ހީވަނީ ކޮންމެވެސް ގާތް މީހަކަށް ކޮވިޑު ޖެހުނީއޭ. ނޫނީ ބޮޑު ކަމެއް ވީއޭ،" ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ރީނާ ބުންޏެވެ.
މިކަހަލަ ނަފްސާނީ މައްސަލަތަކެއް ރީނާއަށް ކުރިން ކުރިމައްޗެއް ނުވެ އެވެ.
ސްޓްރެސް ބޮޑުވެ ނިދުމަށާއި ކެއުމަށް އުނދަގޫވެ ކަންކަން މަތިން ފޫހިވެ، މާބޮޑަށް ބިރުގަންނަން ފެށީ މިދިޔަ އަހަރު ފުރަތަމަ ލޮކްޑައުންއާ ހިސާބުންނެވެ. ފަހުން ލިބުނު ލުއިތަކާ އެކު އެ އުނދަގޫތައް ކުޑަވި އެވެ. ނަމަވެސް ބަލީގެ ހާލަތު ގޯސްވެ ގޭގައި އަނެއްކާވެސް ބަންދުވާން ޖެހުމުން އޭނާއަށް ވަމުންދާ އުނދަގޫތައް މާބޮޑުވަނީ އެވެ.
"[ބަލީގައި މީހުން] މަރުވާ ވާހަކަ އެނގުނީމަ ހަމަ ވިސްނެނީ އެ ފެމެލީތައް ވާނެ ދެރައާ މެދު. ގާތުގައި މީހަކު ވެސް ނެތި ގިނަ މީހުން އެ މަރުވަނީ. ވިސްނާ ފެމެލީތަކަށް ކުރާނެ އަސަރު. ފޭސްބުކުން ވެސް ހުސް އޭގެ ޕޯސްޓްތައް ފެންނަނީ. އަސްލު ވަރަށް ދެރަވޭ ހަމަ،" ގައުމީ ޔުނިވާސިޓީން ކޯހެއް ހަދަމުން އަންނަ ރީނާ ބުންޏެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެން އުޅޭތީވެ، ރީނާ އާއި އޭނާ ދިރިއުޅޭ ގޭގެ އެކަކަށް ވެސް އަދި މި ބައްޔާ ކުރިމަތިލާކަށް ނުޖެހެ އެވެ. އެކަމަކު މިއަދު ނޫނީ މާދަމާ ވެސް ގޭތެރެއަށް ވައިރަސް ވަދެދާނެ މިންވަރަށް މާލޭގެ ހާލަތު އޮތީ ގޯސްވެފަ އެވެ.
މިއީ ރީނާއަށް އަބަދު ވިސްނޭ، އަދި ހާސްކަން ބޮޑުވާ ކަމެކެވެ.
"މަންމަމެންނަކީ ބޭސްކާ މީހުން. އެ ބުނަނީ ބޮޑުވަރު ވަނީ ބޭސްކާ [ދާއިމީ ބައްޔެއް ހުންނަ] މީހުންނަށޭ. އެހެންވެ ހަމަ ވިސްނެނީ،" ރީނާ ބުންޏެވެ.
ބަލީގެ ސީރިއަސްކަމާ މެދު މި ޒުވާނާގެ ކަންބޮޑުވުން މިވަރުގައި ހުރިއިރު، މި އުދަނގޫތައް ތަހައްމަލްކުރާ އެތައް ބަޔަކު އެބަ އުޅެ އެވެ. ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މަރުވާތަން ބެލުމަކީ ކެތްކުރަން ފަސޭހަ ކަމެއް ނޫނެވެ.
ވަޒީފާތަކަށް ނުނިކުމެވި އަނެއްކާވެސް މާލީ ގޮތުން ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ ބިރު ވެސް ބޮޑެވެ. މާލޭގެ ދަތި ދިރިއުޅުމުގެ ތެރެއިން ގޭގައި ބަންދު ވުމަކީވެސް ކުޑަ ކަމެއް ނޫނެވެ. މިފަދަ އެތައް ކަމަކާ ހެދި ނަފްސާނީ ގޮތުން މީހުންނަށް ކުރާ އަސަރު ބޮޑެވެ.

ކޮވިޑަށް ޓެސްޓް ކުރަން ބަޔަކު ކިޔޫގައި: ކޮވިޑާއެކު ނަފްސާނީ މައްސަލަތައް ވެސް އިތުރު-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
މިއަދުން ފެށިގެން އަނެއްކާވެސް މާލެ ސަރަހައްދު "ބަންދެ"ވެ. ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ދެވެނީ ޒަރޫރީ ބޭނުންތަކުގައި އެކަނި ފާސް އޮވެގެންނެވެ. މި ބިރުވެރިކަމާ އެކު އުފެދޭ ހާސްކަން ބޮޑުވެ އެވެ.
ކޮންމެ މީހަކަށް ވެސް އުނދަގޫތައް ވެދާނެ
އެންމެ ފަހުން ވެސް ލޮކްޑައުންކުރުމާ އެކު ނަފްސާނީ މައްސަލަތައް އިތުރުވި އެވެ. އޭގެ ހެއްކަކީ އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރަށް ފަރުވާ ހޯދަން އެދުނު މީހުން ބޮޑުތަނުން އިތުރުވުމެވެ. މިހާރު ވެސް އެ ސެންޓަރުގެ ވެއިޓިން ލިސްޓް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ޝުޒްނާ އިބްރާހިމް މަޖުދީ ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލައެއް ކުރިން ފާހަގަވެފައި ނުވާ މީހުންނަށް ވެސް މި ހާލަތުގެ ހާސްކަމުގެ ތެރެއިން އެންޒައިޓީ ނުވަތަ އިންތިހާއަށް ބިރުގަތުމާއި މާޔޫސް ބަލި ނުވަތަ ޑިޕްރެޝަންގެ އުނދަގޫތައް ކުރިމަތިވުން ގާތެވެ. އަދި ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް އެ އުނދަގޫވުން ބޮޑުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލައިފަށް އަންނަ ނުރަނގަޅު ބަދަލެއް ވެއްޖެއްޔާ އެއާއެކު އަންނަ ސްޓްރެސް ބޮޑުވާނެ. އެއާ ޑީލް ކުރަން ވެސް އުނދަގޫވާނެ. އަނެއްކާވެސް ލޮކްޑައުންއަކަށް ދާއިރު ކޮންމެހެން މެންޓަލް ހެލްތް ޑިފިކަލްޓީސް ހުންނަ މީހުންނަށް އެކަންޏެއް ނޫން އުނދަގޫވާނީއެއް. ސައިކޮލޮޖިކަލް އުނދަގުލެއް ތަޖުރިބާ ކުރަން ޖެހިދާނެ އާއްމުކޮށް ހުރިހާ އެންމެން ވެސް،" ޝުޒްނާ ވިދާޅުވި އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުގައި ބުނެފައިވާ ގޮތުން ނަމަ އެންޒައިޓީއަކީ މާބޮޑަށް ކަންކަމާ މެދު ހާސްވެ ނުތަނަވަސްވެ ކަންބޮޑުވުމެވެ. ކަންކަމާ ހާސްވެ ކަންބޮޑުވުމަކީ އާންމު ދިރިއުޅުމުގައި ހަމަ ކޮންމެ މީހަކަށް ވެސް ދިމާވާ ކަމެކެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި، މައްސަލައެއް ދިމާވުމުން، ނުވަތަ ޓެސްޓެއް ހެދުމުގެ ކުރިން، ނުވަތަ ހަޔާތުގައި މުހިންމު ނިންމުމެއް ނިންމުމުގެ ކުރިން މިފަދަ ހާސްވުންތަކާ ކުރިމަތިވެ އެވެ. އެއީ މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ބައްޔަކަށް ވެއްޖެ ނަމަ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. އެންޒައިޓީއަކީ އެންމެ އާއްމު އެއް ނަފްސާނީ ބައްޔެވެ.
އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން އިން ބުނާ ގޮތުގައި ޑިޕްރެޝަނަކީ ތިމާ ވިސްނާގޮތާއި ތިމާ ގެ އަމަލުތަކަށް އަދި އިހްސާސްތަކަށް ނެގަޓިވް ނުވަތަ ނުރަގަޅު އަސަރުތަކެއް ގެނުވާ އާންމު އަދި ސީރިއަސް ނަފްސާނީ ބައްޔެކެވެ. ޑިޕްރެޝަންގެ ވެސް އެކި ވައްތަރުތައް ހުރެއެވެ.
މިހާލަތުގައި ސްޓްރެސް ބޮޑުވާކަން ފާހަގަ ކުރެވޭ ކަމަށާއި ސްޓްރެސްގެ ސަބަބުން މީހާގެ ހުންނަ އެހެން ބަލިތައް ވެސް ބޮޑުވުމުގެ ފުރުސަތު އޮންނަ ކަމަށް ޝުޒްނާ ވިދާޅުވި އެވެ.
ނަފްސު ހިތްހަމަ ޖެއްސޭނެ ކަންކަން
ލޮކްޑައުންއާ ގުޅިގެން އުފެދިފައިވާ ހާސްކަމާއި ބިރުވެރިކަމަކީ އެއްކޮށް ނައްތާލެވޭނެ ކަމެއް ނޫނެވެ. އަދި ބިރުގަނެ ހާސްވިޔަސް ހަބަރާއި މައުލޫމާތު ނުހޯދާ ހުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ބަލިން އަރައިގަތުމަށްޓަކައި ވެސް މައުލޫމާތު ހޯދައި ބަލަން ޖެހެ އެވެ.
ޝުޒްނާ ލަފާ ދެއްވާގޮތުގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މި ހާލަތުގައި ނަފްސާނީ ގޮތުން އުނދަގޫވާނެކަން ގަބޫލު ކުރުން ވަރަށް މުހިންމެވެ. އެއީ މީހާ ނަފްސާނީ ގޮތުން ތައްޔާރުވުމަށްޓަކަ އެވެ.
ދެވަނަ ކަމަށް ޝުޒްނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ހަބަރުތަކުން މާބޮޑަށް އަސަރުކުރާ ނަމަ މާ ގިނައިން އެފަދަ ހަބަރުތައް ނުބެލުން މުހިންމެވެ. ނުވަތަ އެފަދަ ހަބަރުތަކާއި މައުލޫމާތުތައް ހޯދުމަށް ދުވާލެއްގެ ވަކި ވަގުތެއް ކަނޑައެޅުން މުހިންމު ކަމަށް އޭނާ ދެކެ އެވެ.
"ހަބަރު ލިޔެފަ ހުންނަ ގޮތުން އެ ކީމައި އަސަރު ކުރާ މީހުން އުޅޭ. އެހެންކަމަށް ވަންޏާ ސީދާ ހަބަރު ނުކިޔާ އެހެން މީހެއްގެ ފަރާތުން މައުލޫމާތު ހޯދާލުން ވެސް މުހިންމު. ކައިރި އުޅޭ މީހަކު މާ ބޮޑަށް ސްޓްސް ވަންޏާ ހިތްހަމަ ޖެހޭ ކަހަލަ ގޮތަކަށް މައުލޫމާތު ދިނުން ވެސް މުހިންމު،" ޝުޒްނާ ވިދާޅުވި އެވެ.
ތިމާ ސްޓްރެސްއާ ދުރުވެވެނީ ކޮންކަމެއް ކުރުމުންކަން އަމިއްލައަށް ދެނެގަނެ އެކަމެއްގައި ވަގުތު ހޭދަ ކުރުން ވެސް ވަރަށް މުހިންމު ކަމަށް ޝުޒްނާ ވިދާޅުވި އެވެ. ބައެއް މީހުންނަށް އެ މީހުންގެ ވާހަކަތައް އެހެން މީހުންނާ ހިއްސާ ކުރުމުން ސްޓްރެސްއާ ދުރުވެ އެވެ. އެފަދަ މީހުން އެހެން މީހުންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް ޝުޒްނާ އިލްތިމާސް ކުރެ އެވެ.
"އަމިއްލައަށް ކަމެއް ކޮށްލުމުން ބައެއް މީހުންނަށް ސްޓްރެސްއާ ދުރުވެވޭ. އެކަހަލަ މީހުންނަށް އެކަހަލަ ކަމެއް ކުރެވިދާނެ. މިސާލަކަށް ފޮތެއް ކިޔާލުން ނުވަތަ ފިލްމެއް ބަލާލުން ނުވަތަ ނަމާދުގައި ތަންކޮޅެއް ގިނައިރު ދުއާ ކިޔާލަން މަޑުކޮށްލުން ކަހަލަ. ނޫނީ ދަރުސްއެއް އަޑުއަހާލުން. ނޫނީ ގުރުއާން ކިޔަވާލުން. އެކަހަލަ ކަންތައްތައް ތަންކޮޅެއް ގިނަ ކޮށްލެވިދާނެ،" ޝުޒްނާ ވިދާޅުވި އެވެ.
ދުވަހު ކުރާނެ ކަންކަން ރާވާލުމާއި އޭގެ ތެރެއިން ބައެއް ކަންކަން ގަވައިދުން ކުރުމަކީވެސް ސްޓްރެސްއާ ދުރުވެވޭނެ ކަމެކެވެ. ކަސްރަތު ކުރަން ބޭރަށް ނުދެވުނު ނަމަވެސް ގޭތެރޭގައި ވެސް ދުވާލެއްގެ ކޮންމެވެސް ވަގުތެއް ކަސްރަތު ކުރުމަށް ޝުޒްނާ އިލްތިމާސް ކުރެ އެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ދުޅަހެޔޮވުމަށްޓަކަ އެވެ.
ސްޓްރެސްއާ ދުރުރުމަށް ޝުޒްނާ ދެން ކުރާ އިލްތިމާސްއަކީ ދުވާލަކު ދެ ފަހަރު "ބްރީތިން އެކްސްސަސައިޒް" ހެދުމެވެ. އޭގެ އެންމެ އާއްމުގޮތަކީ ނޭފަތުން ބަނޑުފުރާ ނޭވާ ލުމަށްފަހު އަނގައިން މަޑުމަޑުން ނޭވާ ބޭރުކުރުމެވެ. އެގޮތަށް ހަދާއިރު ނޭވާ ލުމަށް ހޭދަކުރާ ވަގުތަށް ވުރެން ނޭވާ ބޭރު ކުރަން ހޭދަކުރާ ވަގުތު އިތުރު ކުރަން ޖެހެ އެވެ. އެއީ ސްޓްރެސްއާ ދުރުވުމަށް ނަފްސާނީ އިލްމުވެރިން ވަރަށް ލަފާދޭ ކަސްރަތެކެވެ.
"އެގޮތަށް ދުވާލަކު ދެ ފަހަރު މިނެޓެއްހާ އިރަށް ނޭވާ ލެވިދާނެ. އެއީ ސްޓްރެސްއާ ދުރުކޮށްދޭ ކަމެއް،" ޝުޒްނާ ވިދާޅުވި އެވެ.
ސްޓްރެސްއާ ދުރުވުމަށް ހަށިގަނޑުގެ މަސްތަކާއި މުޅި ހަށިގަނޑު ސްޓެޗް ކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެއީވެސް ނަފްސާނީ އިލްމުވެރިން އާއްމުކޮށް ސްޓްރެސްއާ ދެކޮޅަށް ލަފާދޭ ކަމެކެވެ.
މިފަދަ ހާލަތެއްގައި އެހެން މީހުންނާ އޮންނަ ގުޅުން ބަދަހި ކުރުމަކީ ވެސް ނަފްސާނީ ސިއްހަތަށް މުހިންމު ކަމެކެވެ. އެގޮތުން އާއިލާ މީހުންނާއި އެކުވެރިންނާ ފޯނުން ނަމަވެސް ގަވައިދުން ގުޅައި ހެދުން މުހިންމެވެ.
ގޭގައި ބަންދުވުމުން ކުޑަކުދިންނަށް ވެސް ނަފްސާނީ ގޮތުން އަސަރު ކުރެ އެވެ. ޝުޒްނާ ވިދާޅުވިގޮތުގައި އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަބަދު ސްކްރީނަށް ގެއްލިފައި ބޭންދުމުގެ ބަދަލުގައި ކޮންމެވެސް ކަމެއްގައި ޝާމިލް ކުރުން މުހިންމެވެ.
"ފިޒިކަލީ ކުދިން އެކްޓިވްވާނެ ކަހަލަ ކަމެއް ނޫނީ ކުދިންގެ ފޯކަސް އެހެން ގޮތަކަށް ބަދަލު ކުރެވޭ ކަހަލަ އެކްޓިވިޓީއެއް ދިނުން މުހިންމު. މިސާލަކަށް ކުރެހުން ނުވަތަ ކުދިންނަށް އާ ސްކިލްއެއް ދަސްކޮށް ދެވިދާނެ،" ޝުޒްނާ ވިދާޅުވި އެވެ.
އެހީއަށް އެދުމާއި މީހުންނަށް އެހީތެރިވުމަކީ ވެސް ތިމާގެ ނަފްސާނީ ހާލަތު ރަނގަޅު ކަމެކެވެ. އެހެންކަމުން އެއީ ފަސްޖެހެން ޖެހޭ ކަމެއް ނޫނެވެ.
ނަފްސާނީ އެކި އުނދަގޫތައް ވާނަމަ ފުރަތަމަ ކަމަކަށް ކުރިން ފާހަގަ ކުރި ކަންކަން ކޮށްގެން ހަމަޔަކަށް އެޅޭތޯ މަސައްކަތް ކުރެވިދާނެ އެވެ. އެވަރުން ވެސް ރަނގަޅުނުވެ ތިމާގެ ދުވަހުގެ މަސައްކަތްތަކަށާއި ޒިންމާތައް އަދާ ކުރަން އުނދަގޫވެ ދިރިއުޅުމުގެ އާއްމު ހާލަތަށްވެސް މާ އުނދަގޫވާނަމަ ސިއްހީ ތަޖުރިބާކާރެއްގެ އެހީ ހޯދުން މުހިންމު ކަމަށް ޝުޒްނާ ވިދާޅުވި އެވެ.
މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މެންޓަލް ހެލްތް ސެންޓަރެއް ހުންނައިރު ގިނަ ކްލިނިކްތަކެއްގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ލިބެ އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި ތެރަޕީ ނެގުމަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތްތަކެވެ. ބައެއް ހާލަތްތަކުގައި ބޭހާއި ތެރަޕީގެ އެހީގައި އަރައިގަނެވޭއިރު އަނެއްބައި ފަހަރު ތެރަޕީން އެކަނި ކަންކަމުން އަރައިގަނެވެ އެވެ.
ރީނާ ހުރި ހާލަތުގައި ތިބި އެތައް ބަޔަކު މި މުޖުތަމައުގައި އެބަތިއްބެވެ. މިއީ ނަފްސާނީ ސިއްހަތަށް ވެސް ވިސްނަންވީ ވަގުތެވެ. ބަލިން ރައްކާތެރިވުމާއެކު ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުންވެސް މުހިންމެވެ.












