މިފަހުން އުތުރުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން އެއާޕޯޓުގެ ހުއްޓިފައިވާ އޮޕަރޭޝަންތައް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ފެއްޓޭތޯ ބަލަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.
އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާނު ޓެއިޓެއިގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހި، އުދަ އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އުދަ އެރި ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނެ އެވެ.
އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެމުން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ކުރިން ހީކުރި ވަރުގެ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
"އަދިވެސް އެސެސް ކުރަމުން މިދަނީ. އެކަމަކު ފޮޓޯތަކުން ފެނުނު މަންޒަރުން ހީކުރި ވަރުގެ ބޮޑު ގެއްލުމެއް ނުލިބޭ. ރަންވޭގެ ދެބައިކުޅަ އެއްބައި ބެލި އިރު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފާހަގަކުރެވެނީ" ރިޒްވީ ވިދާޅުވި އެވެ.
އެއާޕޯޓުގެ ޑެމޭޖް އެސެސްމަންޓާ ގުޅޭގޮތުން ރިޒްވީ އިތުރަށް ވިދާޅުވީ، މިހާރު ވެސް އެމްޓީސީސީން އަންނަނީ ރަންވޭ މައްޗަށް އަރާފައިވާ ކުންޏާއި، ގަލާއި، ވެލި ނެގުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ރަންވޭ އެސެސްމަންޓް ކުރިއަށް ދާނީ އެ މަސައްކަތް ކުރިޔަށްދާ ވަރަކުން ކަމަށެވެ. އަދި، ލިބުނު ގެއްލުމުގެ އަދަދެއް އަންދާޒާކުރަން އިނގޭނީ ވެސް އެސެސްމަންޓް އެއްކޮށް ނިމުމުުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ރަންވޭ މައްޗަށް އަރާފައި ހުރި ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ.
އެއާޕޯޓުގެ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެމްޓީސީސީން މި މަސައްކަތް ކުރަމުން ދަނީ އެ ކުންފުނިން އެއާޕޯޓަށް ދީފައިވާ އެއް އަހަރުގެ ވޮރެންޓީގެ ދަށުންނެވެ.
އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެއާޕޯޓު ހުޅުވަން ކުރާ މަސައްކަތް ބިނާ ވަނީ އެއާޕޯޓުގެ އެސެސްމަންޓް ނިމޭ ދުވަހަކަށެވެ. މިހާތަނަށް ބެލި ބެލުމުން އެއާޕޯޓުގެ ޓާމިނަލްގެ ބިއްލޫރިގަނޑާއި ސީލިންއަށް ލިބިފައިވާ ގެއްލުމުގެ އިތުރުން ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ ވަރުގެ ގެއްލުމެއް ފާހަގަވެފައެއް ނުވެ އެވެ.
ސަރުކާރުން 200 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި އެއާޕޯޓަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ ވަށައިގެން ތޮށި ހިމާޔަތްކުރާނެ ސްޓްރަކްޗާއެއް ނޯންނާތީ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން، ޝޯ ޕްރޮޓެކްޝަނެއް ނެތިއްޔާމުން ކުރިއަށް އޮތް ތަނުގައި ވެސް މިހެން ގެއްލުން ވާނެ އެވެ.
ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެއާޕޯޓުގެ އީއައިއޭގައި ދީފައިވާ ރެކޮމެންޑޭޝަންތަކާ ހިލާފަށް އަޅާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ އީއައިއޭއާ ހިލާފުވެފައި ނުވާނެ ކަމަަށް ބުނެފަ އެވެ. އަދި، ތޫފާން އެރީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރަން ރާވާފައި ވަނިކޮށް ކަމަށް ބުނެ ދިފާއުވި އެވެ.
ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރިޒްވީ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށެވެ.













