ކޮވިޑުގެ ބޮޑުރާޅުން ސަލާމަތް ނުވެ އުޅެނިކޮށް، މިޔުކޯމައިކޮސިސް ނުވަތަ "ބްލެކް ފަންގަސް" އަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ފެނުމާއެކު އިތުރު ބިރުވެރި ކަމެއް މިވަނީ އުފެދިފަ އެވެ. ނަމަވެސް އެއީ އެ ބަލިކަމެއް އަދި ޔަގީނެއް ނުކުރެވެ އެވެ. އެކަމަކު ފަންގަސްގެ ސަބަބުން ލޮލުގެ ފެނުން ގެއްލި ބައެއް ގުނަވަންތައް މަރުވާ ވާހަކައާއެކު މީހުން މި ވަނީ ބިރުގަނެފަ އެވެ.
ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މައުލޫމާތަކަށް ބަލާއިރު ރާއްޖޭން މިހާތަނަށް ދުވަހަކު ވެސް އެބަލި ފެނިފައެއް ނުވެ އެވެ. ނަމަވެސް އަވައްޓެރި އިންޑިއާގައި ހަލުވި ކަމާއެކު އެބަލި ފެތުރެން ފެށުމާއެކު ރާއްޖޭން އެބަލި ފެނިދާނެ ކަމުގެ ބިރު މިވަނީ ހީވެފަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ތަޖުރިބާކާރު ޑޮކްޓަރުން ބުނާ ގޮތުގައި ބްލެކް ފަންގަސް އަކީ ދިފާއީ ނިޒާމު ދަށް މީހުންނަށް ޖެހުމުގެ ފުރުސަތު އޮތް ބައްޔެކެވެ. ކޮވިޑުގެ ސަބަބުން އެ ބަލި ފެތުރުން އިތުރުވެފައިވަނީ ސްޓެރޮއިޑްފަދަ ބޭސްތަކުގެ އަސަރުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އެންމެ ގިނަ ބަޔަކު ބިރުގަންނަ އެއް ސަބަބަކީ ބްލެކް ފަންގަސް އަކީ ކޮވިޑުގެ ގޮތަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވެދާނެތީ އެވެ. ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި މިއީ އެގޮތަށް ފެތުރޭ ބައްޔެއް ނޫނެވެ.
"އެ މީހެއްގެ ދިފާއީ ބާރު ދަށްވީމައި އެމީހަކަށް ޖެހެނީ. އެހެން މީހުންގެ ގަޔަށް އެ މީހެއްގެ ގައިން އަރާ ބައްޔެއް ނޫން މިއީ. މި ދުވަސްކޮޅު ހަމަ ވިސްނަންވީ ކޮވިޑަށް. ނުރައްކަލީ އެބަލި،" ރާއްޖޭގައި މަސައްކަތް ކުރައްވާތާ 16 އަހަރުވެފައިވާ ޑޮކްޓަރަކު ވިދާޅުވި އެވެ.
ބްލެކް ފަންގަސްއަށް ދޭ ބޭސް ލިބުން އިންޑިއާގައި ވެސް ވަނީ ދަތިވެފަ އެވެ. އެ ބައްޔަށް ފަރުވާ ދޭން ބޭނުން ކުރާ އެމްފޯޓެރިސިންބީގެ ބޭސް ރާއްޖޭގައި ވެސް ނެތް ކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެ އެވެ.
ޑޮކްޓަރުން ވިދާޅުވާގޮތުގައި ބައެއް ގުނަވަންތައް މަރުވާ ހިސާބަށް މިބަލީގައި ދަނީ ފަރުވާ ނުދެވި ލަސްވުމާ ގުޅިގެންނެވެ. ރާއްޖޭގެ ސިއްހީ ނިޒާމު އޮތްގޮތުން ފަރުވާ ނުދެވި އެހާ ހިސާބަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
މިޔުކޯމައިކޯސިސްއަކީ ކޮބާ؟
މިޔުކޯމައިކޯސިސްއަކީ "މިޔުކޮރާލްސް" ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސްއިން ޖެހޭ ބައްޔެކެވެ. "މިޔުކޮރާލްސް" ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސް އާއްމު ގޮތެއްގައި ފެންނަނީ ވަށައިގެންވާ މާހައުލު - މިސާލަކަށް ވެލި ފަދަ ތަކެތިންނެވެ. އޭގެ އިތުރުން ކުނިވަމުންދާ މޭވާ އާއި ތަރުކާރީގައި ވެސް މި ބާވަތުގެ ފަންގަސް އުޅެ އެވެ.

ބްލެކް ފަންގަސް: މި ބައްޔަކީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ފަސޭހައިން ޖެހޭ ބައްޔެއް--
"މިޔުކޮރާލްސް" ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސްގެ ތެރެއިން އިންސާނުންނަށް އިންފެކްޝަން އާއްމުކޮށް ކުރިމަތި ކުރުވަނީ "ރިޒޯޕަސް އޮރައިޒޭ" ފަންގަސް އިންނެވެ. ނަމަވެސް އިންޑިއާގައި އެހެން ބާވަތެއްގެ ފަންގަސްއިން ވެސް އާއްމުކޮށް އިންސާނުންނަށް އިންފެކްޝަނާ ކުރިމަތިލާން ޖެހެ އެވެ. އެއީ ހޫނު ހިސާބުތަކުން ފެންނަ "އެޕޮފައިސޮމައިސަސް" ފަންގަސް އެވެ.
ލެބޯޓަރީގެ ޓެސްޓުތަކުން ދައްކާ ގޮތުގައި މި ފަންގަސްތަކަކީ ހަލުވިކަމާއެކު ފެތުރޭ ފަންގަސްތަކެކެވެ. އޭތި ހުންނަނީ ކަޅު ނުވަތަ ގަދަ މުށި ކުލައެއްގައި ކުދި ކަފަކޮޅުތަކެއް ހެންނެވެ.
އިންސާނުންނަށް ބަލި ޖައްސާ ފަންގަސް "ބޮޑީ ޓެމްޕަރޭޗަރުގައި" ވަރަށް ރަނގަޅަށް އުފެދި ފެތުރިގަނެ އެވެ. އޭގެ އިތުރުން އެސިޑިކް މާހައުލުތަކުގައި ވެސް ފަސޭހައިން ފެތުރެ އެވެ. އެފަދަ މާހައުލަކީ ހަށިގަނޑުގެ ޓިޝޫތައް މަރުވާއިރު، ނުވަތަ ހަކުރު ބަލި ކޮންޓްރޯލް ނުކުރެވޭއިރު ހަށިގަނޑުގައި ހުންނަ މާހައުލެވެ.
މިޔުކޯމައިކޯސިސް ޖެހެނީ ކިހިނެއް؟
"މިޔުކޯރާލްސް" ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސް ބެލެވިފައިވަނީ ފުރުސަތުގެ ބޭނުން ހިފާ އެއްޗެއްގެ ގޮތުގަ އެވެ. އެއީ އޭގެ އަސަރު އާއްމުކޮށް ކުރަނީ ހަށިގަނޑުގެ "އިމުއިން ސިސްޓަމް" ނުވަތަ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނަށް ނުވަތަ ހަށިގަނޑުގެ ޓިޝޫތަކަށް ގެއްލުންވެފައިވާ މީހުންނަށް ކަމަށް ވާތީ އެވެ. ދިފާއީ ނިޒާމުގެ ބާރު ދަށްކޮއްލާ ބައެއް ބޭސްތައް، މިސާލަކަށް ކޯޓިކޮސްޓެރޮއިޑް، އަދި ދިފާއީ ނިޒާމު ބަލިކަށިކޮއްލާ ބައެއް ސިއްހީ މައްސަލަތައް، މިސާލަކަށް ކެންސަރާއި ގުނަވަން ޓްރާންސްޕްލާޓް، މިއީ ހަށިގަނޑު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަންކަމެވެ. އޭގެ އިތުރުން ހަށިގަނޑަށް ލިބޭ ޖިސްމާނީ ގެއްލުން އަދި ސާޖަރީ ފަދަ ކަންކަމަށް ފަހު ޓިޝޫތަކަށް ގެއްލުންވުމުން ވެސް އިންފެކްޝަނަށް މަގުފަހިވެ އެވެ.
އިންސާނުންނަށް މިޔުކޯމައިކޯސިސް ޖެހެނީ ތިން ގޮތަކުންނެވެ. އެއީ ނޭވާލާއިރު ނޭފަތުގެ ތެރެއިން، ކާބޯތަކެއްޗާއި ބޭހުގެ ތެރެއިން އަދި ހަށިގަނޑުގެ ބޭރުން ހުންނަ ޒަހަމްތަކުގެ ތެރެއިންނެވެ.
މީގެ ތެރެއިން އެންމެ އާއްމު ގޮތަކީ ނޭވާލުމުގެ ތެރެއިން ބަލި ޖެހުމެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް އިންސާނާ ނޭވާލުމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް އެތައް ބައިވަރު ފަންގަސް "ސްޕޯ" އިންހޭލް ވެ އެވެ. ނަމަވެސް ދިފާއީ ނިޒާމާއި ފުއްޕާމޭގެ ސިއްހަތު ރަނގަޅަށް ހުރި ނަމަ، އޭގެ ސަބަބުން އިންފެކްޝަނަކާ ދިމާ ނުވާނެ އެވެ.
ދިފާއީ ނިޒާމު ބަލިކަށިވެ، ފުއްޕާމެއަށް ގެއްލުންވެފައިވާ ނަމަ، ސައިނަސް އާއި ނޭވާލާން ހުންނަ ހޮޅީގައި މި ފަންގަސް އުފެދި ފެތުރިގަތުމުގެ ފުރުސަތު އޮވެ އެވެ. ކޮވިޑްގައި ހާލު ދެރަވެ މި ބަލި ޖެހޭ މީހުންނަށް ދިމާވަނީ އެހެންނެވެ. ހަށިގަނޑުގައި ފަންގަސް އުފެދެން ފެށުމަށް ފަހު ޓިޝޫތަކަށް ވެރިވެގަންނަނީ އެވެ.
ފުއްޕާމޭގައި ވެސް މިޔުކޯމައިކޯސިސް އުފެދެ އެވެ. އެކަމަކު އާއްމުކޮށް އުފެދެނީ ނޭފަތާއި ސައިނަސްގަ އެވެ. އެ ހިސާބުން އިންފެކްޝަން ލޮލަށް ފެތުރި ލޯ އަނދިރިވާން މެދުވެރިވެ އެވެ. ބައެއް ފަހަރު ސިކުނޑިއާ ހަމައަށް އިންފެކްޝަން ފޯރާ، ބޮލުގައި ރިހުމާއި ފިޓު ޖެހުން ފަދަ ކަންކަން ދިމާވެ އެވެ.
އިންޑިއާގައި ކޭސް ގިނައީ ކީއްވެ؟
ކޮވިޑް ޖެހުނު މީހުންނަށް މިޔުކޯމައިކޯސިސްގެ މައްސަލަ ދިމާވުމުގެ ކޭސްތައް އިންޑިއާ ނޫން އެހެން ގައުމުތަކުން ފެންނަނީ ވަރަށް މަދުންނެވެ. އެހެންވީއިރު، އިންޑިއާގައި އެހާ ގިނަ ކޭސް ފެންނަނީ ކީއްވެ ހެއްޔެވެ؟
ކޮވިޑު ބަލިމަޑުކަމުގެ ކުރިން ވެސް މިޔުކޯމައިކޯސިސްއަކީ އެހެން ގައުމުތަކަށް ވުރެ ގިނައިން އިންޑިއާއިން ފެންނަ އިންފެކްޝަނެކެވެ. އެގޮތުން އިންޑިއާގެ ކޮންމެ 100،000 މީހުންގެ ތެރެއިން 14 މީހުންނަށް މި އިންފެކްޝަން ޖެހޭ ކަމަށް ލަފާކޮށްފައި ވެ އެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި އިންޑިއާއިން ގިނަ ކޭސް ފެންނަނީ އެ މާހައުލުގެ ސަބަބުން ކަމަށް ވެދާނެ އެވެ. އަނެއް ކަމަކީ ހަކުރު ބަލި އިތުރުވުމެވެ. އެގޮތުން 2000 އާއި 2017 އާ ދެމެދު ސައިންޓިފިކް ޖާނަލްތަކުގައި ޝާއިއު ކުރި މިޔުކޯމައިކޯސިސް ކޭސްތަކުގެ 40 ޕަސެންޓް ކޭސްގައި ބަލި މީހާއަކީ ހަކުރު ބަލީގެ މީހެކެވެ.
ދާދި ފަހުން ހަދާފައިވާ ކޮވިޑާއި މިޔުކޯމައިކޯސިސްއާ އޮތް ގުޅުމުގެ ދިރާސާއަކުން ދެއްކި ގޮތުގައި ކޮވިޑަށް ފަހު މި އިންފެކްޝަން ދިމާވި މީހުންގެ 94 ޕަސެންޓު މީހުންނަކީ ހަކުރު ބަލީގެ މީހުންނެވެ. އަދި އޭގެ ތެރެއިން 67 ޕަސެންޓު މީހުންނަކީ ހަކުރު ބަލި ކޮންޓްރޯލް ނުކުރެވި ތިބި މީހުންނެވެ.
ހަކުރު ބަލި ހުންނަ މީހުންނާއި އާދަޔާ ހިލާފަށް ފަލަ ނުވަތަ އޮބީޒް މީހުންނަށް ކޮވިޑުގައި ބޮޑުވަރުވުމުގެ ފުރުސަތު އޮވެ އެވެ. ބޮޑުވަރު ވާ ނަމަ ފަރުވާއެއްގެ ގޮތުގައި ކޯޓިކޮސްޓިރޮއިޑްސް ބޭނުން ކުރެ އެވެ. މިއީ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ އެއްޗަކަށް ވާތީ، މިއާ ހަކުރު ބަލި އެއްވުމުން، އެ މީހަކަށް އިންފެކްޝަންގެ ނުރައްކާ ބޮޑުވެ އެވެ.
އޭގެ އިތުރުން ކޮވިޑް ބަލި ޖައްސާ ވައިރަހުގެ ސަބަބުން ވެސް ނޭވާލާ ހޮޅީގެ ޓިޝޫ އާއި ލޭ ނާރުތަކަށް ގެއްލުން ލިބެ އެވެ. އެއީ ވެސް ފަންގަލް އިންކެޝަނަކަށް މަގުފަހިވުމުގެ ނުރައްކާ ބޮޑުވާ ސަބަބެކެވެ.
ހުޅަނގުގެ ގައުމުތަކުން ދަނީ އެހެން ބާވަތެއްގެ ފަންގަލް އިންފެކްޝަނެއް ވެސް ފެންނަމުންނެވެ. އެއީ "އެސްޕާގިލޯސިސް" އެވެ. ކޮވިޑުގައި ހާލު ދެރަވި މީހުންނަށް މި އިންފެކްޝަން ޖެހޭއިރު، އައިސީޔޫގައި ފަރުވާ ދީގެން، އަދި ކޯޓިކޮސްޓިރޮއިޑް ދީގެން އެ މީހުން ރަނގަޅުވެ އެވެ. މިއީ ވެސް ވަށައިގެންވާ މާހައުލުން ފެންނަ ފަންގަސްއެއް ނަމަވެސް މީތި ނިސްބަތްވަނީ "މިޔުކޮރާލްސް" ފަންގަސް އާއިލާއަކަށް ނޫނެވެ.
"އެސްޕާގިލޯސިސް" އަކީ މުޅި ދުނިޔެއިން އެންމެ ގިނައިން ފެންނަ ފަންގަސްއަށް ވާތީ މީތި އަވަހަށް ދެނެގަނެވި ފަރުވާ ކުރެވެ އެވެ. އެއާ ހިލާފަށް މިޔުކޯމައިކޯސިސް ދެނެގަންނަން އަދި ފަރުވާ ކުރަން ވެސް އުނދަގުލެވެ.
މިޔުކޯމައިކޯސިސްގެ އަސަރު ކުރާ މީހުންގެ ތެރެއިން ދެބައި ކުޅަ އެއް ބައި މީހުން މަރުވެ އެވެ. އަދި ވަރަށް ގިނަ ބަޔަކަށް ދާއިމީ ގޮތެއްގައި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރެ އެވެ.
މި އިންފެކްޝަން ފެތުރުން ހުއްޓުވުމަށް އެންމެ މުހިއްމީ އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުމެވެ. ފަރުވާގެ ތެރޭގައި ހަކުރު ކޮންޓްރޯލް ކުރުމާއި، މަރުވެފައިވާ ޓިޝޫ ހަށިގަނޑުން ނައްތާލުމާއި އެންޓި ފަންގަލް ބޭހުގެ ފަރުވާ ހިމެނެ އެވެ.












