ތައިލެންޑުގެ ތޮއްޖެހިފައިވާ ޖަލުތަކުގެ ގައިދީންގެ މެދުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރި ރިކޯޑް އަދަދަކަށް ކޭސްތައް އިތުރުވެއްޖެ އެވެ.
މިއަދު ޖުމްލަ 9،635 ކޭސް ރިޕޯޓުކޮށްފައި ވާއިރު، އޭގެ ތެރެއިން 6،853 ކޭސްގައި ހިމެނެނީ ގައިދީންނެވެ. މިއީ މީގެ ކުރިން އެންމެ ގިނަ ކޭސް ފެނުނު ދުވަހަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
ތައިލެންޑުގެ ޖަލުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ކަމަށް ސަރުކާރުން އެއްބަސްވީ ބައެއް އެކްޓިވިސްޓުން ޕޮޒިޓިވްވެ، ޕްރެޝަރު ބޮޑުވުމުންނެވެ.
ފާއިތުވި އަހަރު ތައިލެންޑުގައި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލްކޮށްފައި އޮތް ނަމަވެސް މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރު ވާން ފަށާފަ އެވެ.
ތައިލެންޑުގައި ޖުމްލަ 111،082 ކޭސް ރިކޯޑުކޮށްފައި ވާއިރު، ޖުމްލަ 614 މީހުން މަރުވެފައި ވެއެވެ.
ޖަލުތަކަށް ބަލި ފޯރުމުގެ ކުރިން އަވަސް ފިޔަވަޅު އަޅަން ގިނަ ފަރާތްތަކުން ތައިލެންޑުގެ ސަރުކާރަށް ގޮވާލަމުން ދިޔަ އެވެ.










