މި މަހުގެ ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި 26 މީހުން މަރުވެ، ކޮވިޑުގައި ރާއްޖެ އިން މަރުވި ޖުމްލަ އަދަދު 100 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނިގޮތުގައި 100 ވަނަ މީހަކަށް ނިޔާވީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑު އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހެވެ.
މާލެ އާއި އަތޮޅުތަކުގައި ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދާ އިރު އިއްޔެ އާއި ރޭ ވެސް މި ބަލީގައި ގިނަ ބަޔަކު މަރުވެފައިވެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ހާއްސަކުރި "ޑީއެޗް11" ފުރިގެން އެނދުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. މި ބަލީގައި އެޑްމިޓްކޮށްގެން ގިނަ ބަޔަކަށް އަންނަނީ ފަރުވާދެމުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ގޮތުގައި މާލޭގައި ޓެސްޓްކުރާ ކޮންމެ ތިން މީހަކުން އެކަކު ބައްޔަށް ޕޮޒިޓިވެވެ. މި ރޭޓުން ބަލާ ނަމަ ގިނަ ބަޔަކަށް އަދިވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.
ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ގިނަގިނައިން އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މާސްކް އަޅައިގެން އުޅުމެވެ. އެއީ ތިމާއަށާއި އެހެން މީހުންގެ ރައްކަލަށް ވެސް އޮތް އެންމެ ރަނގަޅު ފަރުވާއަށް ވާތީ، ފިޔަވަޅުތަކަށް ތަބާވާން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މިހާރަށް ވުރެން ހާލަތު ގޯސްވެއްޖެ ނަމަ ލޮކްޑައުންއަކަށް ވެސް ދާން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އެ ހިސާބަށް ނުގޮސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ދޮޅު އަހަރު ކުރިން ޗައިނާގެ ވޫހާންއިން ފެތުރެން ފެށި ކޮރޯނާ ވައިރަސް، ދުނިޔޭގެ އެންމެ މަގުބޫލް ޓޫރިސްޓް މަންޒިލުކަމުގައިވާ ރާއްޖެއިން ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
ކޮވިޑުގައި ރާއްޖެއިން ފުރަތަމަ މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް 29 ގަ އެވެ. އެއީ ނިޝާން ކަލޭފާނުގެ ޝަރަފުގެ އިއްޒަތުގެ ލަގަބުގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް އެވެ. ހުސައިން އަބްދުﷲ ވެސް އަވަހާރަވީ ކޮވިޑް ޖެހި ފަރުވާ ދެމުން ދަނިކޮށެވެ.











