ރާއްޖޭގައި ކޮވިޑު ފެތުރެން ފެށި ފަހުން ހާލަތު ގޯސްނުވާ މިންވަރަށް ބަލި ފެތުރިފައިވާ އިރު ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މާބަނޑު މީހުންގެ އަދަދު ވެސް އިތުރުވެއްޖެ އެވެ.
މާބަނޑު މީހުން ހިމެނެނީ ބަލީގެ ހައި ރިސްކް ކެޓަގަރީގަ އެވެ. ކޮންޓްރޯލް ނުވެ ފެތުރެމުންދާ ބަލީގެ ނުރައްކާ ބޮޑުވެ މާބަނޑު، ގާތްގަނޑަކަށް 50 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮވިޑު ޖެހޭ މާބަނޑު މީހުން ގިނަވަމުންދާކަން މި މަހުގެ ކުރީކޮޅު އެޗްއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑރ. އައިޝަތު އެލީނާ ވަނީ ވިދާޅުވެފަ އެވެ. އައިޖީއެމްއެޗުގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާދެވޭނެ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ.
ކޮވިޑް ފަރުވާގައި އައިޖީއެމްއެޗުުގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މާބަނޑު ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި ތިބިއިރު އޭގެތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ. ވެންޓިލޭޓަރަށް ލަނީ ބަލީގައި ހާލު ބޮޑުވުމުންނެވެ.

އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުގައި މާބަނޑު މީހުން ގިނަ އަދަދަކަށް ޕޮޒިޓިވްވަމުން ދިޔައަސް އެއްވެސް ކުއްޖަކު މިހާތަނަށް ސީރިއަސް ހާލަތަކަށް ނުދެ އެވެ.
މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ފަރުވާދެވޭނެ އިންތިޒާމް ހަމައެކަނި އައިޖީއެމްއެޗުގައި ހަމަޖައްސާފައި ވުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. އޭޑީކޭ އާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ފަރުވާ ނުލިބޭއިރު މާބަނޑު މީހަކު އެހެން ބައްޔެއްގައި ބޭސްކުރާ ނަމަ ވެސް ޑޮކްޓަރަށް ދެއްކުން އުނދަގޫ ކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި ދަނީ ކުރަމުންނެވެ.
ކޮވިޑު ޖެހިފައި 15،674 މީހުން ރާއްޖޭގައި ތިބިއިރު 260 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މި ބަލީގައި މިއަދުގެ ހެނދުނާ ހަމައަށް 96 މީހަކު ވަނީ މަރުވެފަ އެވެ.










