ތޫފާން ޓެއިޓޭގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އީއައިއޭއާ އެއްގޮތަށް ބަލާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.
ބޯ ވިއްސާރައިގައި ވައިގަދަވެ އުދަ އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ހިދުމަތް ދިނުން ވަނީ މެދުކަނޑާލައިފަ އެވެ. އެއާޕޯޓުން އަލުން ހިދުމަތް ދޭން ފަށަން ދެތިން ދުވަސް ނަގާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން މައުލޫމާތު ދެ އެވެ. އަދި، އެއާޕޯޓަށް ލިބުނު ގެއްލުމުގެ އަގު އިނގޭނީ އިތުރަށް ބެލުމަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.
ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ނައީމް ވިދާޅުވީ އެއާޕޯޓް އަޅަން ހުއްދަދިން އީއައިއޭގައި ހިމަނާފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިވޭތޯ ބަލާނެ ކަމަށެވެ. ނަމަވެސް، ބަލީގެ ހާލަތު މިދުވަސްވަރު ގޯސްވެފައިވާތީ އެކަން ބަލަން ދެވޭނެ ސީދާ ތާރިހެއް ވިދާޅުވާން ދަތި ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓު އެޅުމުގެ ކަންކަން އީއައިއޭއާ އެއްގޮތަށް ކޮށްފައިވޭތޯ ބަލާނަން. އެކަމަކު އަދި ދެވޭނެ ދުވަހެއް ނޭނގޭ ގައުމުގެ ހާލަތު އޮތް ގޮތުން،" ނައީމް ވިދާޅުވި އެވެ.
ގެއްލުންވީ އެއާޕޯޓުގެ ވަށައިގެން ރައްކާތެރިކަން ނެތުމުން
އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އަދަދާ ވާހަކަ ދެއްކެވި ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ބެލެވޭ ގޮތުގައި އެއާޕޯޓަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ހުޅަނގު ފަރާތުން އެކަށީގެންވާ ވަރަށް ރަައްކާތެރިކަން ނެތުމުންނެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔަށް އެއާޕޯޓް ހުޅުވިފައި އޮތް އިރު، ވަށައިގެން އެކަށީގެންވާ ވަރުގެ ކޯސްޓަަލް ޕްރޮޓެކްޝަނެއް ނެތުމެވެ. މިހެން ވުމުން އެ ސަރަހައްްދުގެ މޫސުން ގޯސްވާ ވަގުތު ރާޅުތައް ދައުރުވާނެ ގޮތެއް ނެތިގެން އެއް ރާޅު އަނެއް ރާޅު މައްޗަށް އަރަނީ އެވެ. ކައިރިން އޮންނަ އެންމެ ތިރި ފަސްގަނޑަކަށް އުދަ އަރަނީ އެންމެ ފެންގަނޑު ދައުރުވާނެ ގޮތެއް ނެތިގެންނެވެ.
"އެތަން އޮންނަނީ ފަނަލްއެއް ހެން، އޮންނައިރު ފުލުފުލުގައި ރާޅު މައްޗަށް ރާޅު އަރާ ޕައިލް އަޕްވެ، އެ ޕައިލްއަޕްވާ އެއްޗެއް ފޮނުވާ ނުލެވޭ ގޮތަށް ރާޅުތައް ފޮނުވާ ނުލިވި ބްލޮކް ވަނީ. އެ ހިސާބުން ރާޅު އަރާނީ އެންމެ ތިރިން އޮތް ތަނަކަށް" އޭނާ ވިދާޅުވި އެވެ.
ފުއްޓަރާ އެހާ ގާތުން އެކަށީގެންވާ ވަރުގެ ރައްކާތެރިކަމެއް ނެތި ގުދުރަތީ ބާރުތަކަށް އެއާޕޯޓް ހުޅުވިފައި އޮންނަހާ ހިނދަކު މި މައްސަލަ ތަކުރާރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ ކަހަލަ ލޮކޭޝަނެއްގައި އެއާޕޯޓެއް އަޅާ ނަމަ ވަށައިގެން ރިވެޓްމަންޓު ޖެހުމާއި، ހުޅަނގު ފަރާތުގައި ބްރޭކްވޯޓާއެއް ކޮންމެހެން ހުންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ވަށައިގެން އޮތް ރައްކާތެރިކަން ކުޑަވުމުގެ އިތުރަށް، އެއާޕޯޓު ތިރިވުމަކީ ވެސް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މިހާތަނަށް ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ސަރުކާރުން ތަރައްގީކުރި އެއާޕޯޓެކެވެ.
މި އެއާޕޯޓުގެ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުން ފެށިގެން ރަންވޭ އެޅުމާއި އެއާޕޯޓަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ ހުރިހާ މަސައްކަތެއް ކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން މި އެއާޕޯޓުގެ މަސައްކަތް ނިންމާލީ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.
އެއާޕޯޓުގެ މަސައްކަތް ކުރުމުގެ ތެރޭގައި އީއައިއޭއަށް ރިއާޔަތްކުރެވުނީ ކިހާވަރަކަށްތޯ އޮޅުންފިލުވަން "އަދަދު" އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
މި އެއާޕޯޓަކީ ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި އަޅަން ނިންމާފައި އޮތް އެއާޕޯޓެކެވެ. އެ އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ނިންމީ ފަޅު ރަށްތައް ހަލާކުކުރަން ބޭނުންނުވާތީ ކަމަށް ބުނެ އެވެ.












