އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މީހުން މަދު ހިސާބެއްގައި ހުކުރު ނަމާދު ވަގުތާ ދިމާކޮށް ބޮމެއް ގޮއްވާލުމުން 12 މީހުން މަރުވެއްޖެ އެވެ.
މިސްކިތެއްގައި ބޮން ގޮއްވާފައި ވާއިރު، ތާލިބާނުންނާއި އަފްގާން ސިފައިން އެއްބަސްވީ އީދާ ދިމާކޮށް ތިން ދުވަހަށް ހަމަލާ ދިނުން މެދުކަނޑާލާށެވެ.
ފަނަރަ މީހުން ޒަހަމްވި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ތާލިބާނުން ބުނީ މިއީ އެ މީހުންގެ ބައިވެރިވުން ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ބުރާސްފަތި ދުވަހު ވެސް އަފްގާނިސްތާނުގައި ހަމަލާތަކެއް ދިނެވެ. ކަންދަހާރާއި ކުންދޫޒް ޕްރޮވިންސްގައި ބޮން ގޮއްވުމުން އެ ދުވަހު ނުވަ މީހުން މަރުވި އެވެ.
ހުކުރު ދުވަހުގެ ހަމަލާއަކީ ތިން ދުވަހަށް ހަމަލާތައް މެދުކަނޑާލަން ނިންމިކަން އިއުލާނު ކުރި ފަހުން ދިން އެންމެ ބޮޑު ހަމަލާ އެވެ. އެ ހަމަލާގައި މިސްކިތުގެ އިމާމު ވެސް މަރުވި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކާބުލްގައި އަންހެން ކުދިންނަށް ހާއްސަ ސެކަންޑަރީ ސްކޫލެއް ކައިރީ ބޮންތަކެއް ގޮއްވާ ގިނަ ބަޔަކު މަރުވެ، 165 މީހުން ޒަހަމްވު އެވެ.
ސްކޫލަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ތާލިބާނުން ކަމަށް އަފްގާން ސަރުކާރުން ބުނި ނަމަވެސް ތާލިބާނުން އެކަން ދޮގުކުރެ އެވެ.
އީދާ ދިމާކޮށް ހަމަލާތައް ހުއްޓާލުމުން ތާލިބާނުންނާއި އަފްގާން ސިފައިންނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގަމުން ނުދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
ތާލިބާނުންގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ވެސް އަފްގާނިސްތާނުގައި ހަރަކާތްތެރިވެ، ހަމަލާތައް ދެ އެވެ. އީދާ ދިމާކޮށް ހަމަލާތައް ހުއްޓާލާނެ ކަމަށް އައިއެސްއިން ބުނެފައެއް ނުވެ އެވެ.
ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުން ފޭބުމަށް މަސައްކަތް ކުރަމުން ދާތީ ތާލިބާނުން އަފްގާން ސިފައިންނަށް ދޭ ހަމަލާތައް މިހާރު ވަނީ އިތުރުކޮށްފަ އެވެ.










