އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުން ހިމަނައި އެކުލަވާލި ލިސްޓުގައި ނަން ހިމަނާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ކަމަށާއި އެއީ ސިޔާސީ ގޮތުން އަގުވައްޓާލަން ކުރި ކަމެއް ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓާއެކު މުޅި ލިސްޓް މިއަދު އާއްމުކޮށްފަ އެވެ.
މިއީ، މި ލިސްޓް ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.
ހިޔާނާތުން މަންފާވި ލިސްޓެއް އޮތްކަން ހާމަކުރީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
އޭރު އާއްމުކުރި ލިސްޓުގައި މިހާރު މަޖިލީހުގެ 16 މެމްބަރުންނާއި ކުރީގެ މަޖިލީހުގެ 44 މެމްބަރުން ތިބި ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ ކުރީގެ އަދި މިހާރު މެމްބަރުންނާއެކު ލިސްޓުގައި ހިމެނޭ ނަންތައް އާއްމުކުރަން އާއްމުންގެ ތެރެއިން ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް ގާތްގާނޑާކަށް ދެ އަހަރު ފަހުން އާއްމުކޮށްފައިވާ ލިސްޓުގައި މިހާރުގެ މެމްބަރުންގެ ތެރޭގައި އޭރުގެ ސަރުކާރުގެ ވަޒީރުންގެ އިތުރުން އިސް މަގާމު ތަކުގައި ތިއްބެވުމަށްފަހު މަޖިލީހަށް ހޮވުނު މެމްބަރުން ވެސް ހިމެނެ އެވެ.
މަޖިލީހުން އާއްމުކުރި ލިސްޓުގެ އިތުރުން އެ ލިސްޓުގައި ތިބި މީހުންނަށް ލިބުނުކަމަށް ތުހުމަތު ކުރެވޭ ފައިސާގެ މިންވަރު "އަދަދު"އަށް ވަނީ އެނގިފަ އެވެ.
މިހާރު މަޖިލީހުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ހިމެނޭއިރު، ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވުމަށްފަހު ޖޭޕީގެ ޓިކެޓުގައި ދަނގެތި ދާއިރާއަށް އިންތިހާބުވި ނާޒިމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހިމެނެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ނާޒިމަށް ލިބުނުކަމަށް ތުހުމަތުކުރަނީ 5.9 މިލިއަން ރުފިޔާ އެވެ.
އެކަމާ ގުޅިގެން ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ގޮތުން އަގު ވައްޓާލަން އެ ލިސްޓުގައި ނަން ހިމެނުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.
އެހެނީ މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް މިއަދާ ހަމައަށް އަޅުގަނޑާ ސުވާލުކޮށް އެއްވެސް ބާވަތެއްގެ ތަހުގީގެއް ހިންގާފައިނުވުމަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ" ނާޒިމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ލިބިފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނާޒިމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ތަހުގީގީ އިދާރާތަކަށް ޖަވާބުދާރީވެ، ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މިއަދު އާއްމުކުރި ލިސްޓަށް ބަލާއިރު، މި މެމްބަރުންގެ ތަހުގީގު ހުރި އެކި މަރުހަލާތަކުގަ އެވެ.
މިގޮތުން، ބައެއް ތަހުގީގުތައް ކުރިއަށްދާއިރު، އަނެއް ބައި މެމްބަރުންގެ ތަހުގީގު އަދި އޮތީ މައުލޫމާތު އެއްކުރާ މަރުހަލާގަ އެވެ.
ބޮޑު ހިޔާނާތުގެ ލިސްޓު ދިރާސާ ކޮމިޓީގެ ސަބް ކޮމިޓީން ރޭ މަޝްވަރާކުރުމަށްފަހު އަށް ހުށަހެޅުމަކާ އެކު އެކުވާލި ރިޕޯޓު ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓް އާންމުކުރުން ހިމަނާފައިވާއިރު، އެކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ.
ސަބް ކޮމިޓީގެ ރިޕޯޓާ ގުޅޭ ގޮތުން ޖޮއިންޓް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށް ފަހު، އެ ރިޕޯޓް އޮތް ގޮތަށް ފާސްކުރަން ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ.
ލިސްޓްގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.












