އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުކޮށް އެކުލަވާލާފައިވާ ލިސްޓު އާއްމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށް ކަމަށާއި އެއްވެސް ނަމަކަށް އުނި އިތުރު ކަމެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން މައްސަލަ ދިރާސާކުރާ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ދެއްވައިފި އެވެ.
ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާ އެކު ލިސްޓް އާންމުކުރަން މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އާއްމުކުރަން ނިންމީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ.
ދައުލަތުގެ މަގާމްތަކުގައި ތިބި 119 މީހެއްގެ ނަން ލިސްޓުގައި އެބައޮތެވެ. މި މީހުންގެ މައްސަލަތަކަށް އިސްކަންދީގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓަށް ބަދަލު ގެނެސްފައިވާ ކަމަށް މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އަސްލު ލިސްޓުގެ ނަމުގައި ބައެއް މީޑިއާތަކުން ރޭ ލިސްޓުތަކެއް ރިޕޯޓްކޮށްފައި ވިޔަސް އޭގައި މައުލޫމާތު ސައްހަ ނޫން ކަމަށް ކޮމިޓީން ބުންޏެވެ.
އިންތި ވިދާޅުވީ ރިޕޯޓާ އެކު ލިސްޓު އާއްމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށް ކަަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ލިސްޓު އާއްމުކުރުން މުހިއްމު ކަމަށާއި އެ ލިސްޓު އޮތީ އެސެޓް ރިކަވަރީން ފޮނުވި ގޮތަށް، ނަމަކަށް ބަދަލު ނުގެނެސް ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ސިއްރު ޖަހާފައި އޮތް ލިސްޓު ހާމަކުރީ އެންމެ މަސްލަހަތު ބޮޑު ގޮތަކީ އަދި ރައްޔިތުން އެދޭ ގޮތަކީ އެއީ ކަމަށް ވާތީ އެވެ. އެކަމުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވި އެވެ.
ލިސްޓުގައި ދައުލަތުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭއިރު ނިޔާޒް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އިސްތިއުފާ ދިނުން ނުވަތަ އަވަހަށް އިދާރާތަކުން މައްސަލަތައް ބަލައި ގޮތެއް ނިންމުން ކަމަަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންގައި އާއްމުކުރި ގޮތުގައި ލިސްޓުގައި ހިމެނެނީ 267 ނަމެކެވެ. އެކަމަކު މި ފަހުން މަޖިލީހަށް ފޮނުވި ލިސްޓަށް 14 ނަން އިތުރުވެ 281 ނަމެއް އެބައޮތެވެ.
ހިޔާނާތުން މަންފާ ވި ކަމަށް ތަހުގީގީ އިދާރާތަކުން ކުރިން އާއްމުކޮށްފައިވާ ލިސްޓު
- މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ފަސް ފަނޑިޔާރުން
- ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން
މަޖިލީހުން މި މައްސަލަ ބަލަން ފެށީ ތަހުގީގީ އިދާރާތަކުގައި ދިގުލައިގެން ގޮސް ނަތީޖާއެއް ނުނެރެވޭ ކަމުގެ ތުހުމަތާ އެކުގަ އެވެ.













