ސްރީލަންކާއަށް ދަރަނީގެ އުނދަގޫތައް ޖެހި ބޭރު ފައިސާ މަދުވެފައި ވާތީ ޗައިނާއިން ބެއިލްއައިޓް ލޯނެއް ނެގިތާ އެއް މަސް ފަހުނު ދެކުނު ކޮރެއާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
ލަންކާ ސަރުކާރުން ބުނީ އެ ލޯނު ފޯރުކޮށްދިނީ 0.15 އާއި 0.20 އާ ދެމެދުގެ އިންޓްރެސްޓް ރޭޓެއްގައި ކަމަށާއި 10 އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު އަނބުރާ ދެއްކުމަށް 40 އަހަރު ލިބޭނެ ކަމަށެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ލަންކާ އާއި ދެކުނު ކޮރެއާއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
މިދިޔަ މަހު ވެސް ލަންކާއިން ވަނީ ލޯނެއް ނަގާފަ އެވެ. އެ ފަހަރު 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ ޗައިނާއިންނެވެ. އޭގެ އިތުރުން ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހެދުމަށް ވެސް އެއްބަސްވެފަ އެވެ.
އޭޕްރިލް މަސް ނިމުނުއިރު ލަންކާގެ އިގްތިސާދަށް ވަނީ 3.6 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. މިއީ 1948 ގައި އިނގިރޭސިންގެ އަތުން މިނިވަންވި ފަހުން ލަންކާގެ އިގްތިސާދު ދުވަހަކު ވެސް ނުވެއްޓޭހާ ބޮޑު ވެއްޓުމެކެވެ.
ސެންޓްރަލް ބޭންކު އޮފް ސްރީލަންކާއިން ބުނީ 2019 ގައި އެ ގައުމުގެ ޖީޑީޕީ ހުރީ 2.3 ޕަސެންޓުގައި ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ ދަރަނި 101 ޕަސެންޓަށް މިދިޔަ އަހަރު އިތުރުވި ކަމަށް ވެސް ބުނެފައި ވެއެވެ.










