އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އިންސްޓަގްރާމް ވާޝަންއެއް ނެރެން މަސައްކަތް ކުރާތީ އެކަން ނުކުރުމަށް އެމެރިކާގެ 44 ސްޓޭޓެއްގެ ބަންޑާރަ ނައިބުން ފޭސްބުކްގެ ޗީފް އެގްޒެކްޓިވް މާކް ޒަކަބާގްއަށް ގޮވާލައިފި އެވެ.
ސްޓޭޓުތަކުން ޒަކަބާގްއަށް ފޮނުވި ސިޓީއެއްގައި ބުނީ ފޭސްބުކްގެ މި ޕްލޭނަކީ އެއްވެސް ބޭނުމެއް ފުއްދައި ދޭނެ ޕްލޭނެއް ނޫން ކަމަށާއި މިއީ އިންސްޓަގްރާމަށް "އެކްސެސް ނުވެވޭ" ކުޑަކުދިންނަށް އެ މަގު ތަނަވަސްކޮށްދޭ ޕްލޭނެއް ކަމަށެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް އަސަރު ކުރާކަން ފާހަގަކޮށް، އެ ސިޓީގައި ބުނީ ހާސްކަމާއި ޑިޕްރެޝަން އަދި ހަށިގަނޑާއި ސޫރައާ މެދު ހިތްހަމަނުޖެހުމާއި އަމިއްލައަށް މަރުވާން ބޭނުންވުން ފަދަ ކަންކަމަށް ސޯޝަލް މީޑިއާގެ ސަބަބުން މަގުފަހިވެފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ ބޭނުން ކުރުމުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ކުދިންނަށް ނޭނގިދާނެ ކަމަށާއި، ޒާތީ މިނިވަންކަމާއި ހިއްސާ ކުރާ ކޮންޓެންޓާ މެދު ދެން ވާނެ ގޮތް ކުދިންނަން ފަހުމް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިޓީގައި ވެއެވެ.
"އޮންލައިންކޮށް ދިމާވަ ކަންކަމާ މެދު އަމަލު ކުރަންވީ ގޮތް ނޭނގޭހާ އެ ކުދިން ކުޑަ. މިސާލަކަށް އުމުރާ ނުގުޅޭ ކޮންޓެންޓް ފެނުމާއި އޮންލައިން ގުޅުންތަކާއި، ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ މީހުން ފޭކު އެކައުންޓް ބޭނުން ކުރުން ފަދަ ކަންކަން،" ސިޓީގައި ވެއެވެ.
ކުޑަކުދިންނަށް ހާއްސަ އިންސްޓަގްރާމް ވާޝަންއެއް ލޯންޗު ކުރަން އުޅޭ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރީ މިދިޔަ މާޗް މަހު އެވެ.
މިދިޔަ މަހު ކެމްޕެއިން ފޯ ކޮމާޝަލް ފްރީ ޗައިލްޑްހުޑްއިން ވެސް ވަނީ އެ ޕްލޭން ދޫކޮށްލުމަށް ފޭސްބުކްގެ ވެރިޔާއަށް ބާރު އަޅާފަ އެވެ. މިއީ ފުރާވަރު އުމުރަށް ނާޅާ ކުދިން "ބޮޑު ނުރައްކަލަކަށް" ހުށަހެޅޭނެ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ކުޑަކުދިންނަށް އިންސްޓަގްރާމް ހެދުމާ ދެކޮޅަށް އަޑުއުފުލާ މީހުން ބުނީ ފޭސްބުކް އިން މީގެ ކުރިން ވެސް ވަނީ ކުދިންގެ ރައްކާތެރިކަމާއި ޒާތީ މައުލޫމާތު ބެލެހެއްޓުމުގައި ފެއިލްވެފައި ކަމަށެވެ. އެގޮތުން މެސެންޖާ ކިޑްސް އެޕްލިކޭޝަނުގައި ބެލެނިވެރިންގެ ހުއްދަ ނެތި ނުދަންނަ މީހުންނާއެކު ގްރޫޕް ޗެޓުގައި ކުދިންނަށް ބައިވެރިވެވުނުކަން ފާހަގަކުރެ އެވެ.
ފޭސްބުކްއަށް އަންނަމުންދާ ޕްރެޝަރުތަކާ ގުޅިގެން އެ ކުންފުނިން ބުނީ މިއީ މިހާރު ވެސް އޮންލައިން އެކި ޕްލެޓްފޯމުތައް ބޭނުން ކުރާ ކުދިންނަށް ބެލެނިވެރިންގެ ހުއްދަ އާއެކު ކުދިންނަށް ހާއްސަ ވާޝަންއެއް ބޭނުން ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކުރަ ކަމެއް ކަމަށެވެ.










