އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހިންގާ އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލެއް ކައިރިން ދިން ބޮމުގެ ހަމަލާތަކެއްގައި 30 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
ބޮންތައް ގޮއްވާލާފައިވަނީ ކުދިން ސްކޫލް ނިންމުމަށް ފަހު ގެޔަށް ދާން ނިކުތް ވަގުތާ ދިމާކޮށެވެ. ގިނައިން މަރުވީ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޖަރުޖަމާނަކު ވިދާޅުވި އެވެ.
އެ ސްކޫލް ހުންނަ ސަރަހައްދަކީ އިސްލާމިސްޓުން ދޭތެރެ ދޭތެރެއިން ހަމަލާ ދޭ ހިސާބެކެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ.
ތާލިބާނުން ބުނީ މިކަމުގައި އެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އަފްގާން ސަރުކާރުން ބުނީ ގޮވުންތައް ގޮވީ ކާރު ބޮމާއި މޯޓާ ހަމަލާގެ ސަބަބުން ކަމަށެވެ. ބޮން ގޮއްވި ސަރަހައްދުގެ ހޮސްޕިޓަލެއްގެ މެޓާނިޓީ ޔުނިޓަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ހަމަލާ ދިނެވެ. އެ ފަހަރު މަރުވި 24 މީހުންގެ ތެރޭގައި ހިމެނުނީ ވިހައިގެން ތިބި އަންހެނުންނާއި ތުއްތު ކުދިންނެވެ.
ހޮނިހިރު ދުވަހު ހަމަލާ ދިން ސީދާ ސަބަބު ސާފެއް ނުވެ އެވެ. ހަމަލާ ދީފައި ވަނީ ސެޕްޓެމްބަރު 11 ގެ ކުރިން ބޭރުގެ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.










