މިލާން (މެއި 9) - އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސަމްޑޯރިއާ 5-1 އިން ބަލިކޮށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ޗެމްޕިއަން އިންޓަ މިލާނުން ފެންވަރު ދައްކާލިއިރު، ސްޕެޒިއާގެ މައްޗަށް 4-1 އިން ކުރިހޯދައި ނަޕޯލީ ލީގުގެ ދެ ވަަނަ އަށް ޖެހިލައިފި އެވެ.
މިދިޔަ ހަފްތާގައި ލީގު ކަށަވަރުކުރި އިންޓަ އެއް ވަަނައިގައި އޮތީ 35 މެޗުން 85 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަަނަ އަށް އެރީ 35 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އާއި ހަތަރެއްގައި އޮތް ޔުވެންޓަސް އާއި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް 34 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ. މިލާން މިރޭ ކުޅޭނީ ޔުވެންޓަސްއާ އެވެ. އަދި އެޓަލަންޓާ ނުކުންނާނީ ޕާމާއާ ދެކޮޅަށެވެ.
އިންޓަ އަށް ރޭގެ މެޗުގެ ހަތަރު ވަނަ މިނިޓްގައި އެޝްލީ ޔަންގް ދިން ބޯޅައަކުން ލީޑުނަގައިދިނީ ރޮބާޓޯ ގަގްލިއަޑީނީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލެކްސިސް ސަންޗޭޒް ވަނީ އިންޓަ އަށް އިތުރު ދެ ގޯލު ޖަހައިފަ އެވެ. ސަމްޑޯރިއާގެ ގޯލު ޖެހީ ކެއިޓާ ބާލްޑޭ އެވެ.
ދެ ވަނަ ހާފްގައި އިންޓަގެ އަނެއް ދެ ގޯލު ޖެހީ އަންދްރެއާ ޕިނަމޮންޓީ އަދި ލަޓާރޯ މާޓީނޭޒް އެވެ. މިއީ އިންޓަ އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވި 14 ވަނަ މެޗެވެ. މިއީ ރެކޯޑެކެވެ. އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ކުޅުމާއި ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ހަމައެކަނި މައްސަލަ އަކީ މި އުފާވެރި ވަގުތުގައި ސަޕޯޓަރުންނާއި ކުޅުންތެރިން އެކުގައި ނެތުން. އެކަމަކު އަހަންނަށް ޔަގީން ސަޕޯޓަރުން ކޮންމެ ތަނެއްގައި ތިބި ކަމުގައި ވިޔަސް ތިބޭނީ ވަރަށް އުފަލުން،" ކޮންޓޭ ބުންޏެވެ.
ސްޕެޒިއާ ކޮޅަށް ނަޕޯލީން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ ވިކްޓަ އޮސިމްހެން އެވެ. އަނެއް ދެ ގޯލު ޖެހީ ޕިއޮޓްރޭ ޒިއެލީންސްކީ އާއި ހާވިން ލޮޒާނޯ އެވެ. ސްޕެޒިއާގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ރޮބާޓޯ ޕިކޯލީ އެވެ.












