ކޮވިޑުގެ ބަލިމަޑުކަން ދިމާވި ފަހުން ސްރީ ލަންކާގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވީ އިއްޔެ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކައިފި އެވެ.
ލަންކާ ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން އާއްމު ކުރި ތަފާސްހިސާބު ދައްކާ ގޮތުން އިއްޔެ 19 މީހުން މަރުވި އެވެ. އެހެންކަމުން ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 764 އަށް އަރާފަ އެވެ.
އޭގެ އިތުރުން އިއްޔެ ޕޮޒިޓިވްވި 1914 މީހުންނާއެކު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 121،000 އަށް އަރާފަ އެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 102،000 މީހުންނެވެ.
ބަލި ކޮންޓްރޯލް ކުރަން މިހާރު ވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ލަންކާގައި ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފަ އެވެ.
ޕްރައިމެރީ ހެލްތު ކެއާ، އެޕިޑެމިކްސް އެންޑް ކޮވިޑް 19 ޑިޒީޒް ކޮންޓްރޯލް މިނިސްޓަރު ސުދަރްޝާނީ ފެނަންޑޮޕުލޭ ވިދާޅުވީ ހާލަތު ބަދަލުވަމުންދާ ގޮތުގެ ސަބަބުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށެވެ.










