ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ސްޕެޝަލިސްޓް ޓީމުން އޮޕަރޭޝަން މިހާރު ކުރިއަށްގެންދަމުން އަންނަ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ "އަދަދު" އަށް ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނަށް ބޭރުފުށުން ލިބިވަޑައިގެންނެވި ޒަހަމްތައް ގިނަ ކަމަށާއި ފަރުވާދީފައި ވަނީ ހޭނައްތައިގެންނެވެ. އަދި ނަޝީދުގެ އެއް އަތަށް ވަނީ ފުން ޒަހަމެއް ލިބިފަ އެވެ.
"ފުރާނައަށް ނުރައްކަލެއް ނެތް. އެތެރެހަށީގެ ގުނަވަނަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ،" އޭނާ ބުންޏެވެ.
ހޭނެއްތުމުގެ ކުރިން އެމަނިކުފާނު ހަރަކާތް ކުރައްވައި ވާހަކަދެއްކެވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ ނަޝީދަށް ފަރުވާ ދެމުން އަންނަނީ މަލްޓި ސްޕެޝަލަޓީ މެޑިކަލް ޓީމަކުން ކަމަށެވެ.
އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި ހަމަލާ ދިނީ ސައިކަލްގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ސައިކަލް ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.
ގޮއްވާލުމަށް ބޭނުންކުރި ޑިވައިސް އެ ސަރަހައްދުގައި ފެންނަން އޮތެވެ.
ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ފަސް މީހުންނަށް މި ހާދިސާގައި ވަނީ އަނިޔާވެފަ އެވެ. އެއީ ތިން ސިފައިންނާއި އާއްމު މީހެއްގެ އިތުރުން ބިދޭސީއަކަށެވެ.
ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ތަހުގީގު ކުރަމުންނެވެ. މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.













